ރެއާލް މޮޅުވެ ލީގު ހޯދުމާއި ގާތަށް

ރެއާލް މޮޅުވެ ލީގު ހޯދުމާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2022 09:22
0

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 3-1 އިން އޮސަސޫސާ އަތުން މޮޅުވި މެޗުގައި ރެއާލްގެ ތަރި ކަރިމް ބެންޒެމާ އަތުން ދެ ޕެނަލްޓީ ނާކާމިޔާބުވެއްޖެއެވެ.

މެޗުގެ ދެ ވަަނަ ހާފުގެ ހަތް މިނިޓް ތެރޭ ބެންޒެމާ ފޮނުވާލި ދެ ޕެނަލްޓީ ވެސް އޮސަސޫނާ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ މަތަކޮށްފައެވެ. ދާދި ފަހުން، ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯ ދަނޑުގައި އެ ޓީމު ކޮޅަށް ވެސް ބެންޒެމާ ފޮނުވާލި ތިން ޕެނަލްޓީގެ ތެެރެއިން އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ބެންޒެމާ ވަނީ މި ފަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއްގައި 44 ގޯލު ޖަހައިފައެވެ.

އޮސަސޫނާ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނިގެންދިޔައިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެއާލްއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް އަލަބާއެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން އޮސަސޫނާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުޑިމިރްއެވެ. އަދި މި ލަނޑަށްފަހު އޮސަސޫނާއިން ވަނީ ރެއާލްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްއަށް މެޗުގެ ލީޑު އަނބުރާ ހޯދައިދިނީ މާކޯ އެސެންސިއޯއެވެ. މި ލަނޑަށްފަހު އޮސަސޫނާއިން އިތުރަށް ހިތްވަރުކޮށް ރެއާލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، ރެއާލްގެ ޑިފެންސުން އެކަމަށް ފުރުސަތު ދީފައެއް ނުވެއެވެ.

ރެއާލްއިން މެޗުގެ ލީޑު ފުޅާކުރީ ފަހުވަގުތު އެޓީމުން ފުލުފުލުގައި ކުރަމުންދިޔަ އެޓޭކްތަކަށް ފަހުއެވެ. މި ލަނޑު ވީނީސިއަސް ޖޫނިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލޫކަސް ވަޒްކުއޭޒްއެވެ.

ރޭގެ ނަތީޖާއާ އެކު ރެއާލް ވަނީ ލީގުގެ ކުރީގައި 17 ޕޮއިންޓަށް ލީޑުފުޅާކޮށްފައެވެ. ރެއާލަށް 33 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ބާކީ ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ވެސް އެ ޓީމަށް ލީގު ކަށަވަރުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.