ފްލެޓްގެ މައްސަލާގައި ހައި ކޯޓުގެ އެންމެ ދުވަސްވީ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަނީ

ފްލެޓްގެ މައްސަލާގައި ހައި ކޯޓުގެ އެންމެ ދުވަސްވީ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަނީ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމަވައިފިއެވެ.

ޖޭއެސްސީން ހާމަކުރައްވާފައިވާގޮތުގައި މިގޮތަށް އެކޮމިޝަނުން ނިންމެވީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް މި ދެ ފަނޑިޔާރުން ނެންގެވީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހުގައެވެ.

މިމައްސަލާގައިވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމުގެ ތުހުމަތެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ކުރުމަށް މި ދެފަނޑިޔާރުން ނިންމެވިކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުނެވެ. މި ދެފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅުއްވަން ޖޭއެސްސީން ނިންމެވީ މިކަން ބައްލަވައި ތަޙްޤީޤުކުރެއްވުމަށްފަހުއެވެ.

ޖޭއެސްސީން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދެއްވި ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްކަމަށެވެ. ފަނޑިޔާރުންނަށް ހައުސިންގ ހަމަޖެއްސުމުގެ އުޞޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްކަމަށާ، ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް މިގޮތަށް ފްލެޓެއް ދީފައިވަނީ، މާލީ ޚާއްޞަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިންގ ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ފާހަގަވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

އެހެންކަމުން ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބުދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޙަމީދު ހަވާލުވުމަކީ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ގައި ކަނޑައަޅާފައި އޮންނަ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ ޢަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި، ސުލޫކީ މިންގަނޑުގެ 3.2 ގައި ފަނޑިޔާރުންގެ އަޚްލާޤީ މިންގަނޑު ބަހައްޓަންވާނީ، ޝަރުޢީ ދާއިރާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފް ޢަމަލަކަށް މިކަން ވާކަމަށްވެެސް އެކޮމިޝަނުން ވިދާޅުވެއެވެ.

މިކަން ފަނޑިޔާރު އަލްއުސްތާޛު ޢަބުދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މައްޗަށް ސާބިތުވާތީ ޤާނޫނު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 32-1 ވަނަ މާއްދާގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފަނޑިޔާރުކަމުގެ މަޤާމުން، އަލްއުސްތާޛު އަބުދުއްރައޫފް އިބްރާހީމާއި އަލްއުސްތާޛު ޙަމީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެކޮމިޝަނުން ނިންމާފައިވާކަމަށް ޖޭއެސްސީން ހާމަކުރައްވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ވެސް މީގެ ކުރިން ފަނޑިޔާރު ރައޫފްގެ ނަން ޖޭއެސްސީ އަށް ފޮނުއްވައިފައެވެ. ނަމަވެސް ކުރީގެ ސަރުކާރުން ގާކޮށިން ދޫކުރި ފްލެޓް ހޯއްދެވުމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި މަންފާ ހޯއްދެވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ރައޫފް ސުޕްރީމް ކޯޓަށް އައްޔަންކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ލަފާ ދިނެވެ. ފަނޑިޔާރު ހަމީދާއި ސަމީރުގެ މައްސަލަ ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *