މި ދުވަސްކޮޅަކީ ބާޒަރުގައި އަނބު ތިޔާގި ދުވަސްކޮޅެކެވެ. އަނބުގައި ތަފާތު ބާވަތްތަށް ތައްޔާރު ކޮއްލަން ރަނގަޅު ދުވަސްކޮޅެކެވެ.
މިއަދު މި ގެނެސްދެނީ މެންގޯ ފްރައިޑް ރައިސް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުން ވާނެ ތަކެތި:
- 1 ގަނޑު ވަޅޯމަސް (ކޮށާލާފައި)
- 2 އަނބު މާބޮޑަށް ދޮންނުވާ (ޑައިސްކޮށް ކޮށާލާފައި)
- 3 ޖޯޑު ބަތް
- 1 ފިޔާ ބޮޑު (ޑައިސްކޮށް ކޮށާލާފައި)
- 3 ލޮނުމެދު (ކޮށާލާފައި)
- 5 ހިކަނދިފަތް
- 2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
- 1 މޭޒުމަތި ސަމުސާ ބަޓަރު
- 1 ގިތެޔޮ މިރުސް (ކޮށާފައި)
- 1/2 ސައިސަމުސާ އަސޭމިރުސް
- 1/2 ސައިސަމުސާ ލޮނު
ތައްޔާރު ކުރާނެ ގޮތް:
ތެޔޮކޮޅާއި ބަޓަރުކޮޅު ތަވަޔަށް އަޅައި ހޫނުވުމުން ފިޔާ އަދި ލޮނުމެދު ކޮޅު އަޅާށެވެ. އެއަށް ފަހު ރަނގަޅަށް ފިޔާ ކޮޅު ރަތްކޮށްލާށެވެ.
ފިޔާކޮޅު ރަތް ވުމުން ހިކަނދިފަތް، މިރުސް، އަސޭމިރުސް އަދި ލޮނު ކޮޅު އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ދެން ވަޅޯމަސްކޮޅު އަޅައި މަސްކޮޅު ވެސް މީރުވުމުން ބަތް ކޮޅު އަޅައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.
އެއްކޮށްލުމަށްފަހު މިނިޓެއްހާއިރު މަތިޖަހާފައި ބަހައްޓާލާށެވެ. އެންމެ ފަހުން އަނބުކޮޅު އަޅައި އެއްކޮށްލުމަށް ފަހު މަތިޖަހައި އުދުން ނިންވާލާށެވެ. ނަމަވެސް އުދުން މަތިން ނުބާލާ ހިހޫ ވަންދެން ބަހައްޓާށެވެ. މިހާރު ހުންނާނީ މީރު މީރު މެންގޯ ފްރައިޑް ރައީސް ތައްޔާރުވެފައެވެ.
ކޮމެންޓު ފޮނުވާ