އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ރޭ ކްރިސްޓަލް ޕެލެސް 2-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެލްސީން ޖާގަ ހޯދައިފިއެވެ.
ޗެލްސީން ލީޑު ނެގީ 65 ވަނަ މިނިޓުގައި ރުބެން ލޮފްޓަސް ޗީކެވެ. އޭނާ އަކީ ފުރަތަމަ ހާފުގައި މިޑްފީލްޑަރު މަޓެއޯ ކޮވަސިޗަށް އަނިޔާވެގެން އެރުވި ކުޅުންތެރިއެކެވެ. ލޮފްޓަސް ޗީކް ވަނީ ކައި ހަވާޓްޒް ދިން ބޯޅައެއް އެއްފަހަރުން ޖަހައި ގޯލު މަތީ ކަނަށް ފޮނުވާލައިފަައެވެ.
ޗެލްސީގެ ދެވަނަ ލަނޑު 76 ވަނަ މިނިޓުގައި ޖެހީ މެސަން މައުންޓެވެ. އޭނާ މި ލަނޑު ޖެހީ ޓިމޯ ވާނާ އޭރިއާ ތެރެއިން ކްރިސްޓަލް ޕެލަސްގެ ދެ ކުޅުންތެރިން ދޭތެރެއިން ދިން ޕާސް ހޯދައި ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލަށް ނުކުތްއިރު، ޕެލެސް އަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ އެ ޓީމުގެ މިޑްފީލްޑަރު ކޮނާ ގަލަގާ އަށް ނުކުޅެވުމެވެ. ޗެލްސީގެ ލޯން އެއްބަސްވުމެއްގެ ދަށުން ޕެލެސް އަށް ކުޅެމުން އަންނަ ގެލަގާ މި މެޗުގައި ކުޅުވަން ޕެލެސް އިން އެދުނު ނަމަވެސް ޗެލްސީން ހުއްދަ ނުދިނެވެ.
އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ ރޭ އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ކުޅޭނީ ލިވަޕޫލާ ދެކޮޅަށެވެ. ލިވަޕޫލް ވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ސިޓީ 3-2 އިން ރޭ ބަލި ކޮށްފައެވެ. މިއީ 1993 ވަނަ އަހަރަށް ފަހު އެއް ޓީމުތަކެއް ލީގު ކަޕާއި އެފްއޭ ކަޕް ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ، އެ ފަހަރު، ވާދަކުރި ދެ ޓީމަކީ ޝެފީލްޑް ވެނެސްޑޭ އާއި އާސެނަލްއެވެ.
ކޮމެންޓު ފޮނުވާ