އިޓާލިއަން ލީގުގައި ރޭ ސްޕެޒިއާ އަތުން 3-1 އިން މޮޅުވެ، އިންޓަ މިލާނުން ވަގުތު ކޮޅަކަށް ލީގުގެ ކުރިއަށް ޖެހިލި ނަމަވެސް އޭސީ މިލާނުން 2-0 އިން ޖެނޯއާ ބަލިކޮށް ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓައިފިއެވެ.
މެޗުގެ 11 ވަނަ މިނިޓުގައި ޕިއޭރޭ ކުލޫލޫ ނަގައިދިން ބޯޅައެއް ގޯލުތެރެއަށް ފޮނުވާލައިގެން އޭސީ މިލާންގެ ފުރަތަމަ ލަނޑު ޖަހައިދިނީ ރަފައެލް ލެއާއޯއެވެ. އޭގެ ފަހުން އެލެކްސިސް ސަލެމޭކާސް އަށް ލިބުނު ފުރުސަތުގައި މާ ރަނގަޅަށް ބޯޅަ ފޮނުވާ ނުލެވުނެވެ. އޮލިވިއޭ ޖިރޫ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި ލެއާއޯ ފޮނުވާލި ހަމަލާއެއް ޖެނޮއާގެ ކީޕަރު މަތަކުރިއެވެ.
އޭސީ މިލާނުގެ ދެވަނަ ލަނޑު 87 ވަނަ މިނިޓުގައި ޖެހީ ޖޫނިއާ މެސިއަސްއެވެ. އަންޓޭ ރެބިޗް ގޯލު ކުރިމައްޗަށް ހުސްކޮށް ވައްޓާލި ބޯޅަ މެސިއަސް ވެއްޓިގެންފައި ފޮނުވާލުމުން ކީޕަރު ސަލްވަޓޯ ސިރިގު ލައިން މަތިން ދިފާއު ކުރިއެވެ. ނަމަވެސް މެސިއަސް ވަނީ ތެދުވެ އަވަހަށް ރީބައުންސް ބޯޅަ ހޯދައި ގޯލު މަތީ ދާގަނޑަށް ފޮނުވާލައިފައެވެ.
އޭސީ މިލާން އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 33 މެޗުން ހޯދި 71 ޕޮއިންޓާ އެކު އެވެ. އަދި އިންޓަ މިލާން ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 69 ޕޮއިންޓް ހޯދައިގެންނެވެ. އޭސީ މިލާނަށް ބާކީ ފަސް މެޗު އޮތް އިރު އިންޓަ މިލާނަށް ބާކީ ހަ މެޗު އެބަ އޮތެވެ.
އޭސީ މިލާނާއި އިންޓަ މިލާނުގެ ފަހަތުގައި ލީގު ތިންވަނައިގައި އޮތީ 32 މެޗުން 66 ޕޮއިންޓް ހޯދާފައިވާ ނަޕޯލީއެވެ. އަންނަ ހޯމަ ދުވަހުގެ ރޭ ނަޕޯލީ ނުކުންނާނީ އަމިއްލަ ދަނޑުގައި، ފަސްވަނައިގައި އޮތް ރޯމާއާ ދެކޮޅަށެވެ. ހަތަރު ވަނައިގައި އޮތް ޔުވެންޓަސް މިރޭ ނުކުންނާނީ ބޮލޯނިއާއާ ދެކޮޅަށެވެ.