ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާގެ ދަނޑުގައި އެ ޓީމު ބަލިކޮށް ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓް، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިިފިއެވެ.
މިިދިޔަ ހަފްތާގައި ފްރޭންކްފާޓު ދަނޑުގައި ބާސެލޯނާއާ ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. މިރޭ، ބާސެލޯނާ ދަނޑުގައި ފްރޭންކްފާޓުން ވަނީ 3-2 އިން މޮޅުވެ، ސެމީން ފުރުސަތު ހޯދައިފައެެވެ. އެގްރިގޭޓަށް ބަލާއިރު، ފްރޭންކްފާޓަށް ކުރި ލިބުނީ 4-3 އިންނެވެ.
މެޗުގެ ފަސްވަނަ މިނިޓުގައި ފްރޭންކްފާޓުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން ސާބިއާގެ ޕިލިޕް ކޮސްޓިކެވެ. އެރިކް ގާސިއާ އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން ފްރޭންކްފާޓުން ލީޑު ނެގުމުގެ ކުރިން ވެސް އެޓީމުން ވަނީ ބާސެލޯނާގެ ގޯލަށް ދެ ހަމަލާއެއް ފޮނުވާލައިފައެވެ.
ފްރޭންކްފާޓުގެ ދެވަނަ ލަނޑު 36 ވަނަ މިނިޓުގައި ޖެހީ ރަފައެލް ބޮރޭއެވެ. އަދި 67 ވަނަ މިނިޓުގައި ކޮސްޓިކް ވަނީ އިތުރު ލަނޑެއް ޖަހައި ފްރޭންކްފާޓަށް ތިން ލަނޑުގެ ލީޑެއް ނަގައިދީފައެވެ. އެޓީމުގެ ތިންވަނަ ލަނޑު ޖެހުމުގެ ކުރިން ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހިގެން ބާސާ އަށް ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް ފަހުން ވީއޭއާރް ބެލުމަށް ފަހު ރެފްރީ ވަނީ ޕެނަލްޓީ ނުދޭން ނިންމައިފައެވެ.
ބާސެލޯނާ އިން ލަނޑެއް ޖަހަން ކުރި މަސައްކަތުގެ ތެރެއިން މެޗުގެ 84 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން، ސާޖިއޯ ބުސްކެޓްސް ގޯލެއް ޖެހިއެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.
އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި އޭރިއާ ބޭރުން ބުސްކެޓްސް ވަނީ ގޯލެއް ޖަހައިފައެވެ. އިތުރު ވަގުތުގެ 10 ވަނަ މިނިޓްގައި މެމްފިސް ޑިޕާއި ވަނީ ޕެނަލްޓީ އަކުން ބާސެލޯނާގެ ދެ ވަނަ ގޯލު ޖަހައިފައެވެ. ޑިޕާއި ޖެހި ޕެނަލްޓީ ކީޕަރު ޓްރަޕް އަތުގައި ޖެހިފައި ހުރަސްދަނޑީގައި ޖެހިފައި ވަނީ ގޯލު ރޮނގުހުރަސްކޮށްފައެވެ. ބާސެލޯނާ އިން އިތުރު ގޯލެއް ޖަހަން ބެލިއިރު، މެޗުގެ އިތުރު ވަގުތު ވެސް އޮތީ ހަމަވެފައެވެ.
މި ސީޒަނުގައި ބާސެލޯނާ ފުރަތަމަ ވާދަކުރީ ޗެމްޕިއަންސް ލީގުގަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީއެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕްގެ ތިން ވަނަ ދިއުމުން، ބާސެލޯނާ އިން ދެން ކުޅެން ޖެހުނީ 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތް، ޔޫރަޕާ ލީގުގައެވެ. މިދިޔަ ނޮވެމްބަރު މަހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ޒަވީ ހެނާންޑޭޒް ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކާއި ޔޫރޮޕާ ލީގުގައި ޓީމަށް ކޯޗުކޮށްދީފައެވެ.