އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އުފެއްދުމަކީ، ފާއިތުުވެދިޔަ އަހަރު ދިވެހިރާއްޖޭގެ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ހިމެނިގެން ގެނެވުނު އެންމެ މުހިންމު އެއް ބަދަލެވެ. މިބަދަލު ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވަނީ، 2018ގެ ރިޔާސީ އިންތިޚާބަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހު އެކުލަވާލެއްވި މެނިފެސްޓޯގައި ހިމެނިގެންދިޔަ، ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުމަށް ވެވަޑައިގެންނެވި ވައުދު ފުއްދެވުމަށް ކުރެވިގެންދިޔަ މުހިންމު މަސައްކަތެއްގެ ގޮތުގައި ވެސްމެއެވެ.
އަދި ހަމަ އެފަދައިން، ސިޔާސީ މައިދާނުގެ އިތުރުން، ރަށްރަށުގެ ތަރައްގީއާއި އަދި މުސްތަގުބަލާއި ގުޅުންހުރި މުހިންމު ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު އިހުނަށްވުރެ ބޮޑަށް އަންހެނުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ކައުންސިލް ތަކުގައިވެސް ވަކި އަދަދަކަށް އަންހެނުންނަށް ގޮޑިތައް ޚާއްސަކޮށް، އޭގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އިންތިޚާބުކުރާގޮތަށް ހަމެޖެހިގެން ދިޔަ ދިއުން ވެގެންދިޔައީ، ރަށްރަށުގެ މުސްތަގުބަލާއި ގުޅުންހުރި ވަރަށްގިނަ ކަންކަމުގައި އަންހެނުންނަށް ބަސްބުނުމުގެ ފުރުސަތު ލިބިގެންދިޔަ މުހިންމު ކުރިއެރުމަކަށްވެސް މެއެވެ.
މިގޮތުން، ބަލާއިރު ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ރަށްރަށުގައި ހުސްވަމުންދާ ކައުންސިލްގެ ގޮނޑިތަކުގެ ތެރެއިން، އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވަނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާތީ އެމަގާމަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވަ ބައި އިލެކްޝަންއެވެ.
މި މަގާމް ހުސްވެފައިވަނީ، ކުރިން އެމަގާމުގައި ހުރި އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާރެތި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.
ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހަށެވެ. ކުރިން ހަމަޖެއްސީ އަންނަ މަހުގެ 14 ވަނަ މި އިންތިޚާބު ބޭއްވުމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިތާރީހު ބަދަލުކޮށްފައި ވަނީ ކުރިން އިންތިހާބު ބާއްވަން ހަމަޖެއްސި ދުވަހު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ބާއްވާގޮތަށް އެޕާޓީން ހަމަޖެއްސުމާއި ގުޅިގެންނެވެ.
"އެންމެ ބޮޑު ޕާޓީ"އިން އިންތިޚާބުގައި ވާދައެއް ނުކުރޭ!
އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުންދަނީ އެޕާޓީއަކީ ރައްޖޭގަ އޮތް އެންމެ މެމްބަރުން ގިނަ، އެންމެ ބޮޑު ޕާޓީކަމުގައެވެ. އަދި އެންމެ ޑިމޮކްރަޓިކް، އެންމެ ރަގަޅަށް ހިނގާ، އަދި އަންހެނުންގެ ކުރިއެރުމަށްވެސް އެންމެ ބޮޑަށް މަސައްކަތް ކުރާ ޕާޓީ ކަމުގައިވެސް މެއެވެ. އަދި ހަމަ އެއާއެކު އިންތިޚާބުތަކުގައި ވާދަކުރުމަކީ އެޕާޓީގެ މުހިންމު އަސާސެއްކަމުގައި ޕާޓީގެ އިސްބޭފުޅުން އަބަދުވެސް ވިދާޅުވަމުން ގެންދަވާކަންވެސް މި ފުރުސުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް، އެންމެ ރަގަޅަ ހިނގާ، އަދި އިންތިޚާބުތަކުގައި ވާދަކޮށްގެން އިންތިޚާތައް ކާމިޔާބުކުރުމަކީވެސް އެޕާޓީގެ އެއް އަސާސްކަމުގައި ބުނަމުންދާ، އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕް ފެއިލްވެ، ޕާޓީ ރަގަޅަށް ނުހިނގާކަމުގެ ތުހުމަތަކީ، މިހާރު ކުރިޔަށްދާ އެ ޕާޓީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭނުގައި އެންމެ ބޮޑަށް އުފެދިގެން ގޮސްފައިވާ އެއް ބަހުސެވެ.
ޕާޓީގެ ޗެއަރ ޕާރސަންކަމަށް ވާދަކުރައްވަމުން ގެންދަވާ، ރައީސް ސާލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވަމުން ގެންދަވަނީ ގިނަ ރަށްތަކަށް ދަތުރު ކުރެއްވުމުން ޕާޓީ ހިނގަމުން ނުދާކަމާއި، ޕާޓީގެ މިހާރުގެ ލީޑަރޝިޕާއި އާންމު މެމްބަރުންނާއި ގުޅުން ކެނޑިގެން ގޮސްފައިވާ މިންވަރު ވަރަށްވެސް ރަގަޅަށް ހާމަވެ، ވަޒަން ކުރެވިގެން ގޮސްފައިވާ ކަމުގައެވެ.
އަދި ފައްޔާޒު އިސްމާއިލްގެ މި ޝަކުވާތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ރައީސްކަން ދިގު މުއްދަތަކަށް ކުރައްވަމުން ގެންދަވާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ރައީސްކަމުގައި އެޕާޓީ ހިގަމުންދާ ކަމަށް ވިދާޅުވިނަމަވެސް، ފެންނާން އޮތް މަންޒަރަކީ، ރާއްޖޭގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ މާލޭސިޓީން ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ވަގުތު ހަމަވިއިރުވެސް އެޕާޓީގެ ފަރާތުން ވާދަކުރާނޭ ކެނޑިޑޭޓަކު ޕާޓީގެ ސެކެޓްރިއޭޓަށް ނުދެއްކުނު ތަނެވެ.
އަދި، އުފެދުނުތާ އެއް އަހަރު ނުވާ، އެމްއެންޕީއިންވެސް މިދާއިރާއަށް އެޕާޓީގެ ޓިކެޓްގައި ވާދަކުރާނޭ ކެނޑިޑޭޓަކު އިއުލާންކޮށް، ޕާޓީގެ ކެމްޕޭންވެސް ފަށާފައިވާއިރު، "އެންމެ ބޮޑު"، އަދި އަންހެނުންގެ ތަރައްގީއަށްވެސް "އެންމެ ބޮޑަށް" މަސައްކަތް ކުރާކަމަށް ވަކާލާތުކުރާ ޕާޓީގެ ސެކެޓްރިއޭޓަށް ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވާދަކުރާނޭ ކެނޑިޑޭޓަކު ނުދެއްކި ދިއުން ވެގެން ގޮސްފައިވަނީ، އެމްޑީޕީގެ މެމްބަރުންގެ އިތުރުންވެސް އިތުރު އެތައް ބައެއްގެ ފާޑުކިއުން އެޕާޓީއަށް އަމާޒުވެގެން ދިޔަ ކަމަކަށެވެ.
އަދި މިއީ ޕާޓީގެ ލީޑަރޝިޕްގެ ފެއިލިއަރއެއްގެ ގޮތުގައި މެނުވީ ބެލެވެން ނެތް ސަބަބަކީ، އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ޕާޓީގެ ތެރެއިން ފަހި ކުރުމަށްޓަކާ ޕާޓީގެ ލީޑަރޝިޕުންނާއި ސެކެޓްރިއޭޓުން ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކެއް ހުންނާތީއެވެ. އިންތިޚާބެއް އޮންނަ ކަމަށްވާނަމަ، ރަށްރަށުގެ ގޮފިތަކާއި މުއާމަލާތު ކުރަން ޖެހެއެވެ. ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކާ މުޢާމަލާތު ކުރެވެން ޖެހެއެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލަން ޖެހެއެވެ. އަދި އިލެކްޝަނަށް ކެނޑިޑޭޓުގެ ފޯމު ހުށަލެޅުމުން ފެށިގެން ގޮސް، ކެމްޕޭން ކުރުންފަދަ، ހުރިހާ މަރުހަލާއެއްގައިވެސް ޕާޓީގެ ލީޑަރޝިޕުން އަދާކުރަންޖެހޭ މުހިންމު ދައުރު މިއީ، ޕާޓީގެ މައްޗަށް މަތިވެފައި އޮންނަ ވަރަށްވެސް ބޮޑު މަސްއޫލިއްޔަތެކެވެ. އަދި ޒިންމާއެކެވެ.
ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީގައި ވާދަކުރެވޭ ގޮތް ނުވުމުން ޕާޓީގެ މިހާރުގެ ހާލަތު ވަޒަން ކުރެވޭ!
ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގައި ޕާޓީގެ ފަރާތުން ވާދަކުރާނޭ ކެނޑިޑޭޓަކު ޕާޓީގެ ލީޑަރޝިޕަށް ދެއްކިފައި ނުވުމުގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުންގެ ފާޑުކިޔުންވެސް ޕާޓީގެ ލީޑަރޝިޕަށް އަމާޒުވެގެން ގޮސްފައިވާތަންވެސް ވަނީ ފެނިފައެވެ.
މިގޮތުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅު ވެފައިވަނީ، އެމްޑީޕީގެ ލީޑަރޝިޕްގައި މިވަގުތު ހިންގަވަން ތިއްބެވި ބޭފުޅުން ކަރުބުޑުން އަޑު ނެރެފައި ވާހަކަ ދެއްކުމަކުން ކަންކަން އަދި ނުވާނެކަމުގައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ އަންހެން ކަނބަލުން، ޚާއްސަކޮށް މާލެ ދާއިރާގައި ތިބި އަންހެން ކަނބަލުންނަށް މިއަދު މިގެއްލުވާތީ ލިބެން އޮތް ފުރުސަތެއްކަމަށެވެ.
އަޑަށް ބާރުލާފަ އަންހެނުންގެ ހައްގޭ ކިޔާ ކަރު ބުޑުން އަޑުނެރެފަ ވާހަކަ ދައްކާ މީހުން ކޮބާ؟ ލީޑަރޝިޕްގައި ތިބެ މިއަދު ނުވި ކަމެއް މާދަން ކުރާނަމޭ ބުނުމަކީ ލަދުވެތިކަމެއް! ޑަބްލިއުޑީސީ އަށް ކުރިމަތި ލާންތިބި ކަނބަލުންނަށް މާލެ ދާއިރާއިން އެ ފުރުސަތު ހޯދައި ނުދެވުނު! ހިންގަނީތޯ؟
– ނިހާދު އެމްޑީޕީގެ ލީޑަރޝިޕަށް ސުވާލު ކުރިމަތި ކުރިއެވެ.
އެމްޑީޕީގެ ލީޑަރޝިޕާއި އެޕާޓީގެ ސެކެޓްރިއޭޓް އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރާކަމަށް ގިނަ ބަޔަކު ކުރަމުންދާ ތުހުމަތުތާއެކު، ޕާޓީގެ ފަރާތުން ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގައި ވާދަ ކުރާނޭ ކެނޑިޑޭޓަކު ޕާޓީގެ ސެކެޓްރިއޭޓަށް ދެއްކިފައި ނުވާއިރު، އެމްޑީޕީން ފާއިތުވެދިޔަ ތަނުގައި ޕާޓީގެ އޮޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަ ނޭޅިގެން އެޕާޓީއަށް ދައުލަތުގެ ބަޖެޓުން ދޫކުރަންޖެހޭ ފައިސާ ދޫކުރުންވެސް ފާއިތުވެދިޔަ ތަނުގައި ލަސްވެގެން ގޮސްފައިވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
ޕާޓީގެ ލީޑަރޝިޕް ފެއިލްވެ ޕާޓީ ބައިބައި ވެފައި؟
ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގައި ވާދަކުރާނޭ ކެނޑިޑޭޓަކު އެމްޑީޕީއަށް ދެއްކިފައި ނުވާއިރު، މީގެ ކުރިން ދުވަހަކުވެސް އެމްޑީޕީ ބައިބައި ނުވާ މިންވަރަށް އެޕާޓީވަނީ ބައިބައި ވެގެން ގޮސްފައެވެ. ޕާޓީގެ އެންމެ އިސް ދެބޭފުޅުން ކަމުގައި ރައީސް މުހައްމަދު ސާލިހުއާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ޚިޔާލުތަފާތުވެ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް ދެފެކްޝަނަކަށް ބެހި، އެއްބަޔަކު އަނެއްބަޔަނަށް ދަނީ، ވަގަށް ގޮވާ، އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތުވެސް އަޅުވަމުންނެވެ.
އަދި މިހާރު ކުރިޔަށްދާ ޕާޓީގެ ޗެއަރޕާރސަން ކެމްޕޭންގެ ވާދަވެރިކަންވެސް މިއުސޫލުން ބޮޑުވެ، ފައްޔާޒު އިސްމާއިލްގެ ކެމްޕޭނުން ވިދާޅުވަނީ އެޕާޓީގައި މިއަދު އޮތީ ފެއިލްވެފައިވާ ލީޑަރޝިޕެއް ކަމުގައެވެ. އަދި ޕާޓީ ނުހިނގާކަމަށް ވިދާޅުވެ، ޕާޓީއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސްގެން މެނުވީ 2023 ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވެއެވެ.
ކޮންމެއަކަސް، އެމްޑީޕީގެ ރައީސްކަން ދިގު މުއްދަތަކަށް ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލީޑަރޝިޕްގައި އެޕާޓީ ހިނގާކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވިނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ މާލޭ ސިޓީގެ ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގައި ވާދަކުރާނޭ ކެނޑިޑޭޓަކު އެޕާޓީއަށް ނުދެއްކި ދިއުމަކީ، ދެބަސްވެވެން ނެތް، ބޮޑު ފެއިލިއަރއެއް ކަމުގައި ގަބޫލުކުރަން ޖެހެއެވެ.
އަދި އެހާލަތަށް ޕާޓީގެ ހާލަތު އަންނާނީ މުޅި ޕާޓީގެ މެޝިނަރީއަށް އެކަށީގެންވާ ގޮތެއްގައި މަަސައްކަތް ނުކުރެވި، އާންމު މެމްބަރުންނާއި ގުޅުން ކެނޑި، ޕާޓީގެ ހިންގުމުގައި ހައްލު ކުރަންޖެހޭ ބޮޑެތި މައްސަލަތަކެއް ހުރެގެން ކަމުގައިވެސް ގަބޫލުކުރަން ޖެހެއެވެ. އަދި މީގެ އިތުރުން ޕާޓީ ބައިބައިވެ، އެއްބައިވަންތަ ކުރުވޭނެ ގޮތެއްނުފެނި، އިންތިޚާބުތަކުގައި ވާދަ ކުރެވޭނެ މަގެއް ނުފެނި ޕާޓީ އޮޔާ ދިއުމަކީ، ހަމަ ޔަގީނުންވެސް އެޕާޓީގެ ފެއިލްވެގެން ދިއުމުގެ ޒިންމާ ކޮންމެ ފަރާތަކުން އުފުލަން ޖެހޭނޭ ސީރިއަސް މައްސަލައެއްކަމީވެސް ކަށަވަރުވެ ޔަގީންވާ ކަމެކެވެ.