ރާއްޖޭގެ ސިއްޚީ ދާއިރާގައި ޚިދުމަތްކުރާ ޑޮކްޓަރުންގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މޭމަހުގެ ތޭރޭގައި ކިއުބާއިން 26 ޑޮކްޓަރަކު އަންނާނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ރާއްޖޭގެ ޞިއްޚީ ނިޒާމުގައި ހުރި މައްސަލަތަކުގެ ތެރެއިން ޑޮކްޓަރުންގެ ދަތިތަކަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހެލްތު މިނިސްޓަރ އަހުމަދު ނަސީމާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިމައްސަލައަކީ ޞިއްޚީ ދާއިރާގައި މިވަގުތު އޮތް އެންމެ ބޮޑު އެއްމައްސަލަ ކަމަށެވެ.
ޚާއްސަކޮށް ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ތިބި ގިނަ ޑޮކްޓަރުންތަކެއް ރާއްޖެ ދޫކޮށް ދިއުމާއި ގުޅިގެން ބަދަލުގައި ޑޮކްޓަރުން ހޯދުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށެވެ. ޚާއްސަކޮށް މިސަރަހައްދުން ޑޮކްޓަރުން ލިބުމުގައި އޮތް ދަތިކަމަކީ އެންމެ ބޮޑު ގޮންޖެހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޞިއްޚީ ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި، މުވައްޒިފުންނާއި، ވަސީލަތް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން ކިއުބާއިން މޭމަހުގެ ތެރޭގައި 26 ސްޕެޝަލިސްޓް ޑިކްޓަރުން އައުމަށް ހަމަޖެހިފައިވާކަމަށާއި، އެއާއިއެކުވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ޑޮކްޓަރުންގެ ދަތިކަމަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
އެގިވަޑައިގަންނަވާނެ ކޯވިޑް ތެރޭގައި އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށް ގިނަ މީހުން މިތަނުން ފުރައިގެން ހިގައްޖެ. އަޅުގަނޑުމެންނަށް ރެކްރޫޓް ކުރެއްވުމަށްވުރެ ފުރައިގެން ދިޔަމީހުންގެ އަދަދު މާ ގިނަ. އެހެންވީމަ އެގެޕް އަދިވެސް ފިލް ނުވެގެން މިއުޅެނީ. މިހާރުވެސް ސަރަހައްދުން ޑޮކްޓަރުން ގެނައުމަށް ވަރަށް ބޮޑަށް ދަތިވެގެން މިއުޅެނީ. ކިއުބާއިން އަންނަ ޑޮކްޓަރުން މޭމަހު އަންނާނެ. އެއީ 26 ސްޕެޝަލިސްޓް ޑޮކްޓަރުން.
– މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ބަޖެޓް ކުރެވިފައިވާ ރަށްރަށުގެ ޞިއްޚީ މަރުކަރުކަޒުތަކާއި، އާބާތުރަ ފިލުވުމަށް ބަޖެޓް ކުރައްވާފައިވާ ހޮސްޕިޓަލުތަކާއި، މަރުކަޒުތަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި ގިނަ ރަށްރަށުގެ މަސައްކަތްތައް ފެށިގެންދާނެކަމަށެވެ. އަދި ޞިއްޚީ ޚިދުމަތްދޭ ތަންތަނުގައި ހުރި މުވައްޒިފުންގެ ދަތިތަކަށްވެސް މިއަހަރުގެ ތެރޭގައި ހައްލު ގެނެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.