އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 3-2 އިން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން ރެއާލް މެޑްރިޑް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ރެއާލް މެޑްރިޑުން 3-1 އިން މޮޅުވިއިރު، ދެވަނަ ލެގުން ބަލިވެގެން ވެސް ރެއާލް ސެމީ އަށް ދަތުރު ކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 15 ވަަނަ މިނިޓްގައި ޓިމޯ ވާނާ ދިން ބޯޅައަކުން ޗެލްސީގެ ގޯލު ޖެހީ މޭސަން މައުންޓްއެވެ. އޭގެ ފަހުން ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެ، ފުރަތަމަ ހާފުގައި ދެ ވަނަ ގޯލެއް ޖެހޭތޯ ޗެލްސީން ބެލިއެވެ. އެ ގޮތުން ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ޖެހި ދެ ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެއެވެ.
ޗެލްސީގެ ދެވަނަ ލަނޑު 51 ވަނަ މިނިޓުގައި މައުންޓް ނެގި ކޯނަރަކުން ޖެހީ ރުޑިގާ އެވެ. އަދި އެގްރިގޭޓް ނަތީޖާ 3-3 އިން އެއްވަރުވީއެވެ. ޗެލްސީން ތިންވަނަ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް އެގްރިގޭޓުން ކުރި ހޯދީ 75 ވަނަ މިނިޓުގައި މަޓެއޯ ކޮވަސިޗް ދިން ބޯޅައެއް ހޯދައި، ޓިމޯ ވާނާއެވެ. ކަސެމީރޯ އާއި ޑޭވިޑް އަލަބާ ކައިރިން ނައްޓާފައި ވާނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ތިބައު ކޯޓުއާ އަތުގައި ޖެހިފައެވެ.
ޗެލްސީން ވަނީ މެޗުގެ 63 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފައެވެ. އެކަމަކު، މާކޯސް އަލޮންސޯ ގޯލު ޖެހުމުގެ ކުރިން އޭނާގެ އަތުން ބޯޅަ ކޮންޓްރޯލްވުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އެ ގޯލު ބަަލައިނުގަންނާށެވެ. ޗެލްސީން ތިން ވަނަ ގޯލު ޖެހިތާ މާގިނައިރެއްނުވެ، ރެއާލުން ވަނީ މާސެލޯ އާއި ރޮޑްރީގޯ ކުޅެން އަރުވައިފައެވެ. މެޗުގެ 80 ވަނަ މިނިޓްގައި ރެއާލްގެ ލޫކަ މޮޑްރިޗް ދިން ހިތްގައިމު ޕާހަކުން ރޮޑްރީގޯ ވަނީ ގޯލެއް ޖަހައި ރެއާލަށް ދިރުމެއް ގެނެސްދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 4-4 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފައެވެ.
ރެއާލް މެޑްރިޑަށް މެޗުގައި ދެވަނަ ލަނޑު ޖަހައި ސެމީ ފައިނަލުގެ ޖާގަ ހޯދައިދިނީ، ފުރަތަމަ ލެގުގައި ހެޓްރިކް ހެދި ކަރީމް ބެންޒެމާއެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ހަވަނަ މިނިޓުގައި އޭނާ މި ލަނޑު ޖެހީ، ޗެލްސީ އަށް ގެއްލުނު ބޯޅައެއްގައި ވާތްފަޅިން އުފެއްދި އެޓޭކެއްގައި ވިނީޝަސް ޖޫނިއާ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ބޯޅައެއް ބޮލުން ޖަހައި ގޯލުތެރަށް ފޮނުވާލައިގެންނެވެ.
ކޮމެންޓު ފޮނުވާ