ރާއްޖެއިން ބޭރުގައި ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށްފަހު ޙާލުގައި ޖެހިގެން ރާއްޖެ ގެނައި ދިވެހި އާއިލާ އިތުރު 8 މަސް ދުވަހަށް ބަންދުގައި ބައިތިއްބަން ނިންމައިފިއެވެ.
މި މީހުން ބަންދުގައި ބައިތިއްބައް ނިންމާފައިވަނީ ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައެވެ. އެ އާއިލާ ބަންދުކުރި މުއްދަތު މިއަދަށް ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 8 މަސް ވަންދެން ރީހެބިލިޓޭޝަން ޕްރޮސެސް ކުރިއަށް ގެންދަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށްފަހު ޙާލުގައި ޖެހިފައިވަނިކޮށް ރާއްޖެ ގެނައި އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިންނެވެ. މި މީހުން މާލެ ގެނެސްފައިވަނީ މިދިޔަ މަހުގެ 11ވަނަ ދުވަހުގައެވެ. ރާއްޖެ ގެނައި އާއިލާ ހަނގުރާމަވެރި ސަރަހައްދަކަށް އުފަންވި ދެ ކުއްޖަކު އެއީ ދިވެހިންކަމަށް ފެމިލީ ކޯޓުން މިއަހަރުގެ ޖެނުއަރީ މަހު ވަނީ ކަނޑައަޅާފައެވެ. އެ ދެ އަންހެން ކުދިންނަކީ ހަނގުރަމަވެރި ސަރަހައްދުގައި އުޅުނު ދިވެހި އަންހެންމީހާގެ ދަރިކަން ފެމިލީކޯޓުން ކަނޑައެޅީ އެ ދެކުދިންގެ ޑީއެންއޭއާއި، އަންހެން މީހާގެ ޑީއެންއޭއާ އަޅާކިއުމަށްފަހުއެވެ. އަދި ދިވެހި ފުލުހުން ހަދާފައިވާ މެޓާނިޓީ ޑީއެންއޭ ތަހްލީލް ރިޕޯޓަށްވެސް ރިޔާއަތްކޮށްފައިވާކަމަށާ، އެ ރިޕޯޓް އެކުލަވާލި މީހާގެ ހެކިބަހާއި އެނޫންވެސް ހެކިތަކަށް ރިޔާޢަތްކޮށްފައިވާކަމަށްވެސް ފެމިލީ ކޯޓުން ވިދާޅުވެއެވެ.
މިފަދަ ޢާއިލާތައް ރާއްޖެ ގެނައުމުގައި ސަރުކާރުން އެންމެބޮޑު އިސްކަމެއްދެނީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިވެހިރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އެކިސަބަބުތަކާހުރެ މުޖުތަމަޢުން ހަވާސާވެފައިވާ ފަރާތްތައް ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖެއިން ބޭރުގައި ހަނގުރާމައެއްގައި ބައިވެރިވުމަށްގޮސް އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ހާއްސަ އިޖުރާއަތު ތަކާބެހޭ ގަވާއިދު ބުނާގޮތުން މަރުކަޒުގައި ބަންދުކުރާ މީހުންގެ އިންޓެލިޖެންސް ޑީ-ބްރީފިންއެއް ހަދާ އެ ފަރާތެއް ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ މިންވަރު ދެނެގަންނަން ޖެހެއެވެ. އަދި އެ ފަރާތެއްގެ ކިބައިން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އެ ފަރާތެއްގެ ރިސްކް އެސެސްމަންޓް ހަދާ އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ކަމަށް ކަނޑައަޅައިފިނަމަ އެ ފަރާތެއް އިދާރީ ބަންދުން ދޫކުރުމަށް ކަނޑައަޅާނީ ހޯމް މިނިސްޓަރެވެ. މީގެއިތުރުން އެ ފަރާތަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއް ނޫން ކަމަށް ކަނޑައަޅައިފިނަމަ އެ ފަރާތެއް ބަންދުން ދޫކުރެވޭނީ އަލުން ރީހެބިލިޓޭޝަން ޕްރޮގްރާމާއި ރީ އިންޓަގްރޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހުއެވެ.