ސްވިޑްންއާއި ފިންލޭންޑުން ނޭޓޯއާއި ގުޅުމަށް ކުރަމުންދާ މަސައްކަތްކަތާއި ގުޅިގެން، ނޭޓޯ އިތުރަށް ފުޅާވެގެން ދިއުމަކީ ޔޫރަޕަށް ހަމަޖެހުން އަންނާނެ ކަމެއް ނޫންކަމުގައި ބުނެ، ސުވިޑްންއާއި ފިންލޭންޑަށް ރަޝިއާއިން އިންޒާރު ދީފިއެވެ.
ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، "ނޭޓޯގެ އެލައަންސަކީ، ކުރިމަތިލުންތަކަށް މަގުފަހިކޮށްދޭ ޓޫލްއެއް" ކަމުގައެވެ.
ސުވިޑްންއާއި ފިންލޭންޑުން ނޭޓޯއާއި ގުޅުމުގެ މަސައްކަތް ބާރަށް ކުރިޔަށް ދާން ފަށާފައި މިވަނީ، ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށުމަކީ، ނޭޓޯ އިތުރަށް ފުޅާކުރުމަށް މަގުފަހު ކޮށްދިން، ރަޝިއާއިން އެޅި ވަރަށް ބޮޑު "ޅަ އެއްޗެއް" ކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލުން ވިދާޅުވެފައި ވަނިކޮށެވެ.
އެމެރިކާގެ އޮފިޝަލުން އުއްމީދު ކުރާގޮތުގައި، ނޯޑިކް ރީޖަންގެ އަވައްޓެރި ދެގައުމު ކަމުގައިވާ ސުވިޑްންއާއި ފިންލޭންޑުން ނޭޓޯގެ މެމްބަރުޝިޕަށް އެދި ރަސްމީކޮށް އަންނަ ޖޫންމަހު ކުރީކޮޅު ހުށަހަޅާނެއެވެ.
އަދި ބެލެވިފައިވާ ގޮތުގައި، ނޭޓޯގެ މެމްބަރުންގެ އަދަދު 32 އަށް އިތުރުވެގެންދާނެ މި ބަދަލަށް އެމެރިކާއިން ތާޢީދު ކުރާނެއެވެ. އެެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުން ފާއިތުވެދިޔަ ހަފްތާގައި ވިދާޅުވެފައި ވާގޮތުގައި، ނޭޓޯގެ ލީޑަރުންނާއި، މި ދެގައުމުގެ އޮފިޝަލުންނާ ދެމެދު މިހާރުވަނީ ދެގައުމު ނޭޓޯއާއި ގުޅުމާ ބެހޭގޮތުން މަޝްވަރާ ބައްދަލުވުންތައް ބޭއްވިފައެވެ.
ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާދޭން ފެށުމުގެ ކުރިން އެގައުމުންވަނީ ނޭޓޯ އިތުރަށް ފުޅާ ނުކުރާނެކަމުގެ ޔަގީންކަން ހޯދުމަށް ޑިމާންޑް ކޮށްފައެވެ. އެހެންނަމަވެސް، ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާދޭން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ނޭޓޯގެ އަސްކަރީ ސިފައިން ޔޫރަޕްގެ ގައުމުތަކަށް ޖަމާވެފައިވާ މިންވަރުވަނީ އަތައް ގުނައެއް އިތުރުވެގެން ގޮސްފައެވެ. އަދި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން، ސުވިޑްންގައާއި ފިންލޭންޑުގައިވެސް މި ދެގައުމު ނޭޓޯއާއި ގުޅުމަށް އާންމުންގެ ތެރޭގައި އޮތް ތާއީދުވަނީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ.
ފިންލޭންޑަކީ، އެގައުމުގެ 1.340 ކިލޯމީޓަރުގެ ބޯޑަރު ރަޝިއާއާއި ހިއްސާކުރަމުންދާ ގައުމެކެވެ. އަދި ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން ފިންލޭންޑުގައިވަނީ ހާސްކަން އިތުރު ވެފައެވެ.
ސުވިޑްންގައި ވެރިކަން ކުރަމުންދާ ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ މީގެކުރިން ނޭޓޯއާއި އެގައުމު ގުޅުމަށް ދެކޮޅުހަދަމުން ދިޔަ ޕާޓީއެކެވެ. އެހެންނަމަވެސް، އެޕާޓީން ބުނެފައިވަނީ، ރަޝިއާއިން ޔޫކުރެއިން ދޭންފެށި ހަމަލާތަކާއި ގުޅިގެން، ނޭޓޯއާއި ގުޅުމާމެދު އެގައުމަށްވަނީ ސީރިއަސްކޮށް ވިސްނަން ޖެހިފައި ކަމުގައެވެ.
"ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށުމާއި ގުޅިގެން، ސަލާމަތާއި ގުޅޭގޮތުން ގެންގުޅެމުން އަސާސީ މިންގަޑުތަކަށް ވަނީ ބަދަލު ގެންނަން ޖެހިފަ،" ހޯމަދުވަހު، ސްވިޑްންގެ ވެރިކަން ކުރާ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވެއެވެ.
ނޭޓޯޢަކީ އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް ފުޅާވަމުންދާ، ސަލާމަތާއި ގުޅުންހުރި އިއްތިހާދެކެވެ. މި ޖަމާއަތަކީ 1949ވަނަ އަހަރު، އެންމެ 12 މެމްބަރުންގެ މައްޗަށް އެކުލަވާލެވިގެން، މި ގައުމުތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އުފެއްދި ޖަމާއަތެކެވެ.

ނޭޓޯ އުފެދުނުތާ 73 އަހަރު ފާއިތިވެގެން ގޮސްފައިވި ނަމަވެސް، ފާއިތުވެދިޔަ 30 ވަަރަކަށް އަހަރު ފާހަގަވެގެން ގޮސްފައިވަނީ، އެންމެ ފުރަތަމަ މި ޖަމާއަތް އުފެދިގެން ދިޔައިރު މެމްބަރު ގައުމުތަކުގައި އޮތް ގައުމުތައް ފަހަނައަޅާ، އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް މިޖަމާއަތް ފުޅާވަމުން ދިޔަ 30 އަހަރުގެ ގޮތުގައެވެ. މިގޮތުން 2004ވަނަ އަހަރު އިރުމަތީ ޔޫރަޕްގެ 7 ގައުމަކުންވަނީ މި ޖަމާއަތާއި ގުޅިފައެވެ. އެންމެ ފަހުން ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފައިވަނީ 2020 ވަނަ އަހަރު މި ޖަމާއަތުގެ މެމްބަރުކަން ލިބިގެން ދިޔަ ނޯތު މެސެޑޯނިއާއެވެ.
މީގެ އިތުރުން ފާއިތުވެދިޔަ މުއްދަތުގައި ބޮސްނިއާ އެންޑް ހާރޒަގޮވީނާ އާއި ޖޯޖިޔާގެ އިތުރުން ޔޫކުރެއިންވަނީ ނޭޓޯގެ މެންބަރުކަން ބޭނުންވާކަމުގެ ޝައުގުވެރިކަން ފާޅު ކޮށްފައެވެ.
މިއަދު ދުނިޔޭގެ 30 ގައުމަކުންވަނީ ނޭޓޯގައި ބައިވެރި އެ ޖަމާއަތުގެ މެމްބަރޝިޕް ހޯދާފައެވެ.
ނޭޓޯ ޓްރީޓީގެ (ޖަމާއަތް އުފެއްދުމަށް ވެވުނު އެއްބަސްވުގެ) 5 ވަނަ މާއްދާ އިން ކަޑައަޅާދީފައިވާ ގޮތުގައި މި ޖަމާއާތުން، ޖަމާއަތުގެ މެމްބަރު ގައުމުތަކަށް ފޯރުކޮށްދޭ ހިމާޔަތާއި ރައްކާތެރިކަމަކީ ޖަމާއަތުގެ އެންމެ މައިގަޑު އެއް އަސާސް އެވެ.
ކޮމެންޓު ފޮނުވާ