200 ދޯނީގައި މަސް ފިނިކުރެވޭނެ ނިޒާމް ޤާއިމްކުރާނަން: ޑރ.ޙުސައިން

200 ދޯނީގައި މަސް ފިނިކުރެވޭނެ ނިޒާމް ޤާއިމްކުރާނަން: ޑރ.ޙުސައިން

Author
މުޙައްމަދު ޖިމީ
11 އޭޕްރިލް 2022 11:34
0

އޮޑިދޯނިފަހަރުގައި މަސް ފިނިކުރެވޭނެ ނިޒާމް 200 ދޯނީގައި މިސަރުކާރުގެ މުއްދަތުގެ ތެރޭގައި ޤާއިމްކޮށް، ޚިދުމަތް ދޭން ފެށޭނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އޮފް ޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން މަޖިލީހަށް ޙާޒިރުކުރެއްވީ ހއ.ދިއްދޫގައި މި ސަރުކާރުން ޤާއިމްކުރުމަށް ވައުދުވެފައިވާ އައިސްޕްލާންޓްގެ މަސައްކަތުގެ އެންމެ ފަހު މަރުހަލާގެ ތަފްސީލް ހޯދުމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޑރ.ހުސައިން ރަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދާއި އެއްގޮތަށް، ހއ.ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތްކުރުމަށް ބިޑަށް ހުޅުވާލިކަމަށެވެ. ނަމަވެސް ކުރިމަތިލީ އެންމެ ފަރާތެއްކަމަށާއި އެފަރާތުގެ ޝަރުތު ހަމަނުވާކަމަށް މިނިސްތަރ ވިދާޅުވިއެވެ. މިއީ ސައުދީ ފަންޑުގެ އެހީގައި ހިންގާ މަޝްރޫޢުއެއްކަމުން، އަނެއްކާވެސް ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއަށްފަހު އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުޞަތުގައި ކުރެންދޫ ދާއިރާގެ މެންބަރު ވަނީ ސަރުކާރުގެ ވަޢުދާއި އެއްގޮތަށް މަސް ދޯނިފަހަރުގައި މަސް ފިނިކުރާނެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކުރުމަށް އެދިވަޑައިގެންފައެވެ.

އެސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ދޯނިފަހަރުގައި ރެފްރިޖެރޭޓެޑް ސީވޯޓާރ ސިސްޓަމް ބޭނުންކޮށްގެން މަސް ފިނިކުރުމުގެ ނިޒާމް ޤާއިމްކުރުމަށްކަމަށެވެ. އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއި ސައުދީ ފަންޑުގެ އެހީގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ޚިދުމަތް ފެށުމަށް ކުރިން ބިޑުކުރެވުނުކަމަށާއި، ނަމަވެސް ހުށައެޅިފައިވާ ބިޑުތަކަކީ އެކަށީގެންވާ ބިޑުތަކަކަށް ނުވާތީ ބާޠިލުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ނިންމާފައިވަނީ ދިވެހި ކުންފުނިތަކެއް އިންޓަރނޭޝަނަލް ބިޑިންގެ ތެރެއަށް ވެއްދުމަށްކަމަށާއި، އެ މަޝްރޫޢު ފަށާނީ އެ ކުންފުނިތަކަށް އެސްއެމްއީ ލޯން ދީގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ފަސޭހަ ނިޒާމެއްގެ ތެރެއިން މި ޚިދުމަތް ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފިޝަރީޒް މިނިސްޓަރ ވަނީ ސަރުކާރު ނިމުމުގެ ކުރިން 200 ދޯނީގައި މަސް ފިނިކުރެވޭނެ ނިޒާމް ޤާއިމްކުރާނެކަމަށް ވިދާޅުވެފައެވެ.

އެ ޚިދުމަތް ދިނުމަށްޓަކައި ކުންފުނިތަކެއް އައްޔަންކޮށްފައި އެމީހުން އިންޓަރނޭޝަނަލް ކޮމްޕެޓީޓިވް ބިޑުގެ ތެރެއިން އައްޔަންކޮށްފައި އެމީހުން އެ ޚިދުމަތްތައް ދޭނީ. އެހެންވިމަ ލޯނު ނަގާ ފަރާތަށް އެސްއެމްއީ ބޭންކު މެދުވެރިކޮށް ލޯނު ލިބޭނެ. އަދި ވެންޑާ އެ ޚިދުމަތް ދިނީމަ ވެންޑާއަށް އަލުގަނޑުމެން ވަގުތުން ލާރި ދޭނަން އެޚިދުމަތް ދިނީމަ.އެކަމަކު ލޯން ދައްކަމުން ދާނީ އޯނަރ ވަކި މުއްދަތެއްގެ ތެރޭގަ. އެހެންވިމަ ލުއިފަސޭހަގޮތަކަށް މިކަންކުރެވޭނެ.

– ޑރ.ޙުސައިން ރަޝީދު

ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމުކުރުމަށް މިއަހަރުގެ ތެރޭގައި 59 މިލިއަން ރުފިޔާގެ ލުއި ލޯނު ސަރުކާރުން ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެއަގު ކަނޑައަޅާފައިވަނީ ލޮނު ފެނުން މަސްފިނިކުރާ ނިޒާމުގެ 10 ޓަނާއި 15 ޓަނުގެ ޕްލާންޓަށް އަމާޒުކޮށް، އޭގެ އަގާއި ސިސްޓަމް ހިންގަން ބޭނުންވާ ޖަނަރޭޓަރުގެ އަގާއި ދޯނީގައި މި ސިސްޓަމް ހަރުކުރުމުގެ އަގު ހިމަނައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.