ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ ދިނުމަށް ތޮއްޑޫ ކައުންސިލުން ފާސްކޮށްފިއެވެ.
ތޮއްޑޫގެ ތަރައްޤީގެ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލުން ވަނީ މުހިންމު ނިންމުންތަކެއް ފާއިތުވެދިޔަ ހަފްތާގައި ނިންމާފައެވެ. އެގޮތުން ތަރައްޤީގެ ޕްލޭންގައިވާ ގޮތުގެ މަތީން ޙާފިޒުކަމުގެ ސަނަދު ޙާޞިލްކުރާ ކޮންމެ ފަރާތަކަށް -/50,000 (ފަންސާސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށެވެ. އަދި މި ފައިސާ ހަމަޖެއްސުމަށް ނިންމާފައިވަނީ، ކެމްޕެއިން ވަޢުދުގައި ވާގޮތުގެމަތީން ކައުންސިލްގެ ރައީސް އަހުމަދު ކަރަމްގެ ފަރާތުން -/25,000 (ފަންސަވީސް ހާސް ރުފިޔާ) އާއިއެކު ބާކީ ފައިސާ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ދިނުމަށް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން، ޢާންމުކޮށް އިޢުލާނުކުރެވިގެން މިކަމުގައި ކައުންސިލާއި ގުޅިގެން ހިފްޒު ކުލާހެއް ކުރިއަށް ގެންދިއުމަށް ޝައުޤުވެރިކަން ހުރި ފަރާތްތައް ހޯދައި އެފަރާތާއި އެއްބަސްވެވޭ ގޮތެއްގެ މަތީން ކުރިއަށް ގެންދިއުމަށްވެސް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން އެރަށު އިނާރާ މިސްކިތް މަރާމާތު ކުރުމަށް ތޮއްޑޫ ކައުންސިލުން ވަނީ -/15000 (ފަނަރަހާސް ރުފިޔާ) ދިނުމަށްވެސް ފާސްކޮށްފައެވެ.
ޙާފިޒުކަމުގެ ސަނަދު ހާސިލްކުރާ ތޮއްޑޫގެ ކޮންމެ ރައްޔިތަކަށް ބައިލައްކަ ރުފިޔާ ދޭން އއ. ތޮއްޑޫ ކައުންސިލުން ފާސްކުރި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައިވަނީ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އާއި ނައިބް ރައީސާ އާމިނަތު ފަޟްލާއާއި މެމްބަރު އަލީ އާދަމްގެ އިތުރުން މެމްބަރު އާއިޝަތު ޖުނައިދާއެވެ.