ފަހުވަގުތު ޖެހިގޯލުން މޮޅުވެ ބާސެލޯނާ ދެވަނަ އަށް

ފަހުވަގުތު ޖެހިގޯލުން މޮޅުވެ ބާސެލޯނާ ދެވަނަ އަށް

ސްޕެނިޝް ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ލެވަންޓޭ އަތުން ފަހު ވަގުތު ގޯލު ޖަހައި 3-2 އިން މޮޅުވެ، ބާސެލޯނާ އަލުން ލީގުގެ ދެ ވަނަ އަށް ރޭ ޖެހިލައިފިއެވެ.

ލެވާންޓޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެެވެ. ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ ލެވާންޓޭއިންނެވެ. ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއިރު ހޯސޭ ލުއިސް މޮރާލްސް ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލުގެ ރޮނގު މަތިން ދިފާއުކުރީ ބާސެލީނާގެ އެރިކް ގާސިއާއެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް ޕެނަލްޓީ އޭރިއާގެ ތެރެއިން ޑެނީ އަލްވޭސް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީން ލެވާންޓޭއަލް ލީޑު ނަގައިދިނީ މޮރާލްސްއެވެ. އޭގެ އިރުކޮޅެއް ފަހުން ބާސެލޯނާގެ އެރިކް ގާސިއާގެ އަތުގައި ބޯޅަ ޖެހުމުން ލެވާންޓޭއަށް އިތުރު ޕެނަލްޓީއެއް ލިބުނެވެ. ރޯޖާ މާޓި ފޮނުވާލި މި ޕެނަލްޓީ ދިފާއު ކުރީ ބާސެލޯނާގެ ކީޕަރު ޓާ ސްޓޭގަންއެވެ.

އޭގެ ފަހުން ބާސެލޯނާއިން ކައިރި ކައިރީގައި ދެލަނޑު ޖަހާ ލީޑު ނެގިއެވެ. އޮސްމާނޭ ޑެމްބެލޭ ނެގި ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެމްރިކް އޮބާމެޔަންގްއެވެ. ބާސެލޯނާއަށް ލީޑު ނަގައިދިނީ ޕެޑްރީއެވެ.

ފަހަތުން އަރާ ލެވާންޓޭއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގޮންޒާލޯ މެލޭރޯއެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލެންގްލެޓް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މެލޭރޯ ކާމިޔާބުކުރި ލަނޑެކެވެ. ބާސެލޯނާ މެޗުން މޮޅުވި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ނެގި ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބާސެލޯނާ މޮޅުކޮށްދިނީ ޑިޔޯންގ އެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނުކުތްއިރު، ހުކުރު ދުވަހުގެރޭ ގްރަނާޑާ އަތުން ހޯދި މޮޅާ އެކު ސެވިއްޔާ އޮތީ ދެ ވަނައިގައެވެ. ބާސެލޯނާ އިން ދެ ވަނަ އަށް އެރީ ފަހަތުން އަރައި މޮޅުވެގެންނެވެ. އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 31 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ބާސެލޯނާ އޮތީ 30 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ އަށް ވެސް ވަނީ 31 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ މެޑްރިޑް ހަތަރެއްގައި އޮތީ 31 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *