2008 ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގެންފައިވާ އާ ގާނޫނު އަސާސީން ގެނައި ސިޔާސީ ބޮޑު ބަދަލަށްފަހު، ދިވެހިން ބަލައިގެންފައިވާ ސިޔާސީ ޕާޓީގެ ނިޒާމުގެތެރެއިން ފާހަގަވެގެންދާ އެންމެ މުހިންމު އެއް ކަމަކަށް ވެގެން ގޮސްފައިވަނީ، މި ނިޒާމުގައި ސިޔާސީ ޕާޓީތަކުން އަދާކުރަން ފަށާފައިވާ ދައުރެވެ. އަދި މީގެތެރެއިންވެސް ސިޔާސީ ޕާޓީތަކުގައި ގޮތުގައި ދީނީ އިލްމުވެރިން އިސްވެ ތިއްބަވައިގެން އުފައްދާފައިވާ ސިޔާސީ ޕާޓީތަކުން އަދާ ކުރަމުންދާ ދައުރެވެ.
މިގޮތުން ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ބޭއްވިގެން ގޮސްފައިވާ ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް، ދީނީ އިލްމުވެރިން އިސްވެ އުފައްދަވާފައިވާ އަދާލަތު ޕާޓީން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފައެވެ. އަދި މި ރިޔާސީ އިންތިޚާބުތަކަށް އުފެއްދި ހުރިހާ ކޯލިޝަނެއްގައިވެސް ބައިވެރިވެ، ސަރުކާރުތަކުގައިވެސް އެޕާޓީގެ އިސް ބޭފުޅުންވަނީ މައިސް ގާމްތައްވެސް ފުރުއްވާފައެވެ. ނަތީޖާއެއްގެ ގޮތުން، ފާއިތުވެދިޔަ 13 ވަރަކަށް އަހަރު، އެޕާޓީ ހިމެނުނު ހުރިހާ ކޯލިޝަނެއްގައިވެސް އިސްމާމިކް މިނިސްޓްރީ ބަލަހައްޓާފައިވަނީ އަދާލަތު ޕާޓީންނެވެ.
މިގޮތުން، އެންމެ ފަހުން އައި ރިޔާސީ އިންތިޚާބުގައިވެސް އަދާލަތު ޕާޓީ ހިމެނިގެން ދިޔައީ، ވެރިކަމަށް ވަޑައިގެންނެވުމަށްޓަކާ ރައީސް އިބުރާހިމް މުހައްމަދު ސާލިހު އުފެއްދެވި ކޯލިޝަންގެ މުހިންމު ބައިވެރިއަކަށެވެ. އަދި އެއަށްފަހު ރައީސް ސާލިހުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ އިސްބޭފުޅެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި ސަރުކާރުގެ ދިނީ ސިޔާސަތު ރާވާ ހިންގުމުގެ އެންމެ އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވަނީވެސް އަދާލާތު ޕާޓީގެ އިސްބޭފުޅުންކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މީގެ ތެރޭގައިވެސް އެންމެ އިސްދައުރެއް އަދާ ކުރައްވަމުން ގެންދަވަނީ، އިސްލާމިކް މިނިސްޓަރުގެ ހައިސިއްތުން މިނިސްޓަރ ޑރ. އަހުމަދު ޒާހިރާއި، އޭގެ އިތުރުން، މިވަގުތު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝޭޚް އިމްރާންއެވެ.

ދީނީ ދަރުސް ދިނުން މި ރޯދަމަހު ބޮޑު މައްސަލައަކަށް!
ކޮންމެ ރޯދަ މަހަކާއި ދިމާކޮށްވެސް މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމަކީ ރާއްޖޭގައި އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އަދި އެއީ ވަކީން ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީން އިސް ނަންގަވައިގެން ވަކި ތާވަލެއްގެ ދަށުން ރޯދަ މަހު ނޫނަސް ކުރިޔަށް ގެންދަވާ މުހިންމު މަސައްކަތެއްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އަދި ރޯދަމަހު، ދަރުސް އަޑައަހާ މީހުންގެ އަދަދު ގިނަވެފައި، މި މައްސަރަކީ އަޅުކަމުގެ މައްސަރު ކަމަށްވުމާއެކު، މިމައްސަރުގައި ދަރުސްތަކަށް ސަމާލުކަންދޭ މީހުންގެ އަދަދުވެސް އިތުރުވެގެން ދާކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމެސް، އެހެނިހެން ރޯދަމަސްތަކާއި ޚިލާފަށް ދީނ ދަރުސް ދިނުމުގެ ތެރެއިން މި ރޯދަމަހު، ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވާ އެއްކަމަށް ވެގެން ގޮސްފައިވަނީ، މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމަށް ސިޔާސީ ޕާޓީތަކުން ދެމުންދާ ސަމާލުކަން ކުއްލިއަކަށް އިންތިހާއަށް އިތުރުވެގެން ދިއުމާއި ގުޅިގެންނެވެ.
މިގޮތުން ރޯދަމަސް ފެށިގެން އައިތަނާ ކަހަލަ ގޮތަކަށް، އެންމެ ފުރަތަމަ، އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު ޝޭޚް އިމްރާން މާލޭގެ މިސްކިތެއްގައި ދީނީ ދަރުސެއް ދެއްވުމާއެކު، ދެން ފެނިގެން ދިޔައީ، އަލަށް ހުޅުވި ސަލްމާން މިސްކިތުގައި ދީނީ ދަރުސް ދިނުމަށް އިދިކޮޅު ޕީޕީއެމްއިން އިސްލާމިކް މިނިސްޓްރީގެ ހުއްދައަށް އެދުނު މަންޒަރެވެ.

އެހެންނަމަވެސް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޯދަމަހު ސަލްމާން މިސްކިތުގައި ދަރުސް ދިނުމަށް ކުރި މަސައްކަތް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްޓުވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައ،ި މާލޭގެ މިސްކިތްތަކުގައި އެއްވެސް ސިޔާސީ ފިކުރެއް ޕްރޮމޯޓްކޮށް ލޯގޯ ޖަހައިގެން ދަރުސް ދިނުމަކީ މިނިސްޓްރީން މަނާ ކޮށްފައި އޮންނަ ކަމެކެވެ. އަދި ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ވިދާޅުވެފައިވާ ގޮތުގައި، ސަލްމާން މިސްކިތުގައި ދަރުސް ދިނުމަށް ޕީޕީއެމްއިން އެދުނު އެދުމަށް އިސްލާމިކް މިނިސްޓަރު އަނގަބަހުން ދެއްވި ޖަވާބުގައި، މިސްކިތްތަކުގައި ޕާޓީތަކުން ދަރުސް ދިނުމަކީ މިނިސްޓްރީން ހުއްދަ ކޮށްފައިވާ ކަމެއް ނޫންކަމުގައި ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އިސްލާމިކް މިނިސްޓަރު އަގަބަހުން ޕީޕީއެމްގެ އިސްފަރާތްތަކަށް މިކަން ސާފު ކޮށްދެއްވާފައި ވަނިކޮށް، ފާއިތުވެދިޔަ ހަފްތާގައި އަދާލަތު ޕާޓިގެ ލޯގޯއާއެކު މަސްޖިދު ޝަހީދު ޢަލީގައި އެޕާޓީން ދަރުހެއް ބޭއްވުމާއެކު، މި ދަރުސަށް ގިނަ ބައެއްގެ ފާޑިއުޔުން އަމާޒު ވެގެން ދިޔައެވެ. މީގެ އެއް ސަބަބަކަށް ވެގެން ދިޔައީ، ޕީޕީއެމްއިން ސަލްމާން މިސްކިތުގައި ދަރުސް ދޭން އެޕާޓީން އެދިފައި ވަނިކޮށް، އެފުރުސަތު ނުދީ، ހަމަ މާލޭގެ މިސްކިތެއްގައި ދަރުސެއް އިންތިޒާމް ކުރުމުގެ ފުރުސަތު، އިސްލާމިކް މިނިސްޓަރުވެސް އެޕާޓީއަކަށް ނިސްބަތްވާ އަދާލަތު ޕާޓީއަށް ލިބިގެން ދިއުމުންނެވެ.
އަދި މި މައްސަލަ އިތުރު މަރުހަލާއަކަށް ކުރިޔަށް ގެންގޮސް، މިކަމާއި ގުޅިގެން މިސްކިތްތަކުގައި ސިޔާސީ ޕާޓީތަކަށް ދަރުސް ދިނުމުގައި އޮންނަ އުސޫލެއް ސާފު ކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމް އާއި ޕީއެންސީއަކީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމް ޤަވާއިދުން ހިންގަމުންދާ ޕާޓީތަކެއްކަމުގައެވެ.
މި ރަމަޟާންމަހު މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ސިޔާސީ ޕާޓީތަކަށް ދޫކުރައްވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިކަމަށް ރާއްޖޭގެ ނޫސްތަކުން ޢާންމު ކުރުމާގުޅިގެން، ޕީޕީއެމްގެ ފަރާތުން ކިންގ ސަލްމާން މިސްކިތުގައި ދަރުސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީއަށް 6 އޭޕްރީލް 2012ގައި ވާނީ ސިޓީއެއް ފޮނުވާފައިވާ ކަމަށް މިސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
މިސިޓީއާގުޅިގެން މިސްކިތްތަކުގައި ސިޔާސީ ޕާޓީތަކުން، ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދިނުމަށް ނިންމަވާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ފޯނުން ވިދާޅުވެފައި ވާކަމަށްވެސް މަޖިލީހަށް ހުށަހެޅި ޝަކުވާގެ ސިޓީގައި ޕީޕީއެންއިން ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް 8 އޭޕްރީލް 2022 ގައި އަދާލަތު ޕާޓީން ޝަހީދު ޢަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސްވަނީ ބާއްވާފައި ވާކަމަށާއި، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރަކީ ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅަކަށްވެފައި، އަދި ސިޔާސީ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދެއްވަން ނިންމި ކަމަށް ވިދާޅުވިނަމަވެސް، ޢަދާލަތު ޕާޓީއަށް އެ ފުރުޞަތު ދެއްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ޕީޕީއެމްއިން ވަނީ މަޖިލިސް ރައީސަށް ޝަކުވާ ހުށަހަޅުއްވާފައެވެ.
އެހެންނަމަވެސް، އަދާލަތު ޕާޓީއަށް ލިބިގެންދިޔަ މި ފުރުސަތު އަދި މިހާތަަނަށް މި ރޯދަމަހު އެހެން އެއްވެސް ސިޔާސީ ޕާޓިއަކަށް ލިބިގެން ގޮސްފަައެއް ނުވެއެވެ.

ދީނީ ދަރުސް ސިޔާސީ ގަދަ ހިފުމަކަށް ހެދުން ހުއްޓާލަން ޖެހޭ!
ސިޔާސީ ޕާޓީތަކުން ދީނީ ދަރުސް ދިނުމަކީ އޭގެ ޒާތުގައި މައްސަލައެއް ނެތް ކަމަކަށް ވި ނަމަވެސް، ދީނީ ދަރުސް ދިނުމުގައި ސިޔާސީ ކުލަ ޖެހިގެން ދާނަމަ، އެއީ ވަރަށްވެސް ސީރިއަސް މައްސަލައެވެ. އަދި ސިޔާސީ ޕާޓީތަކުން ދަރުސް ދިނުމުގެ ސަބަބުން، ސިޔާސީ ބަހުސްތައް ފެށި، މުޅި މައްސަލަ ސިޔާސީ މައްސަލައެއްގެ ގޮތުގައި ފާހަގެންދާތަން މިއަދު މިދަނީ ވަރަށްވެސް ރަގަޅަށް ތަމްސީލު ވަމުން ކަމުގައި ދަންނަވާން ޖެހެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަދު ފެންނަމުން މިދަނީ، ދީނީ ދަރުސް ދިނުންވެސް ސިޔާސީ ޕާޓީތަކުގެ ގަދަ ހިފުމަކަށް އެންމެ ފަހުން ވެގެން ގޮސްގައިވާ މަންޒަރެވެ.
އެހެންނަމަވެސް، ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ، ދީނީ ދަރުސް ދިނުން ސިޔާސީ ކަމަށް ވެގެން ނުވާނެކަމެވެ. މިފަދަ ދީނީ މުހިންމު މައްސަތަކުގެ މަސްލަހަތު އިސްލާމިކް މިނިސްޓްރީން ހިފަހައްޓަވަން ޖެހޭނޭ ކަމެވެ. އަދި އަމުދުން، ދިވެހިންގެ ތެރޭގައި އޮންނަ ދީނީ އެއްބައިވަންތަކަށް ބުރޫ އަރާނޭފަދަ އެއްވެސް ޖާގައެއް އިސްލާމިކް މިނިސްޓްރީން ދެއްވައިގެން ނުވާނޭ ކަމެވެ.
އަދި މި އެއްބައިވަންތަކަން ދެމެހެއްޓޭނީ، ވަރަށްވެސް ހަމަހަމަ ކަމާ ފަރުވާތެރިކަމާއެކު ދީނީ ކަންކަމުގައި އަމަލް ކުރެވިގެންކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި ދިނީ ދަރުސް ދިނުމުގެ ފުރުސަތު ވަކި ޕާޓީއަކަށް އެކަނި އޮތުމުގެ ބަދަލުގައި، ސިޔާސީ އެއްވެސް ޕާޓީތަކަށް އެފުރުސަތު ދޭކަމަށް ވާނަމަ، އެފުރުސަތު ހަމަހަމަ ކަމާއެކު ލިބިދެވިގެން މެނުވީ މަސްލަހަތު މި އުސޫލުން ހިފެއްޓެވިދާނެ ކަމަށް ނުބެލެވެއެވެ.
ކޮމެންޓު ފޮނުވާ