އެމްޑީޕީ މިހާތަނަށް އޮތީ ހިންގާލާފައިކަމަށް ވިދާޅުވެ ނަޝީދުގެ ރައްދު ފައްޔާޒްގެ ޓީމަށް

އެމްޑީޕީ މިހާތަނަށް އޮތީ ހިންގާލާފައިކަމަށް ވިދާޅުވެ ނަޝީދުގެ ރައްދު ފައްޔާޒްގެ ޓީމަށް

Author
މުޙައްމަދު ޖިމީ
10 އޭޕްރިލް 2022 10:05
0

ސިޔާސީ ޕާޓިއެއްގެ ގޮތުގައި މިހާތަނަށް އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ "ހިންގާލައިގެން" ލިބުނު ކާމިޔާބީކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީ ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލާއި އެމަނިކުފާނުގެ ޓީމަށް ރައްދު ދެއްވައިފިއެވެ.

ޗެއަރޕާސަންކަމަށް ވާދަކުރައްވާ ފައްޔާޒްގެ ޓީމުން ގެންގުޅުއްވާ ޝިއާރަކީ "ހިންގާލަން"އެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވަނީ އިންތިހާބުތައް ކާމިޔާބުކުރުން ނޫން ކަމަކަށް ޕާޓީ ހިންގާލަން ނުޖެހޭކަމަށެވެ. އެކަމުގައި ޕާޓީ މިހާތަނަށް އައީ ހިންގަމުންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑަކީ މިވަގުތު އެމްޑީޕީގެ ރައީސް. އެމްޑީޕީ ނުހިނގާ ކަމަށް ބުނަނީ ނަމަ އަޅުގަނޑު ދެކޭނީ އަޅުގަނޑު އެއްޗެއް ބުނަން ޖެހޭ ކަމަށް.

– ރައީސް ނަޝީދު

ރައީސް ނަޝީދުގެ ފަޅިން ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި) މި އިންތިޚާބަށް ގެންގުޅުއްވާ ޝިއާރަކީ "ތިލަފަތުގެ ރަމްޒު"އެވެ. ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ހިންގުމުގެ އެންމެ މައިގަނޑު ނިޒާމަކީ އެތެރޭގެ އިންތިހާބުތައް ކަމަށެވެ. ސިޔާސީ ޕާޓީއެއްގެ ހިންގުން އަމާޒުވާން ޖެހޭނީ އިންތިހާބު ކާމިޔާބު ކުރުމުގެ މައްޗަށް ކަމަށް ވާ އިރު އެކަމުގައި އެމްޑީޕީ ނުހިންގިފައި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2017އިން ފެށިގެން މިހާތަނަށް ބޭއްވި އިންތިޚަބުތަކުގެ ތެރެއިން އެމްޑީޕީއަށް ގެއްލުނީ ރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ޕާޓީތައް އެކުލެވޭ ނިޒާމެއް ރާއްޖެ ގެނެސް 30 އަހަރުގެ ހުދުމުހުތާރު ވެރިކަން ފުރޮޅާލީ ވެސް އެމްޑީޕީ ހިނގާތީ ކަމަށާއި، ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވީ ވެސް އެ ޕާޓީ ހިނގާތީ ކަމަށެވެ. ނަޝީދު ވަނީ ޕީޕީއެމާއި ޖޭޕީ އާއި އަދާލަތު ޕާޓީގެ އިތުރުން އިލެކްޝަންސް ކޮމިޝަން ވެސް ހިނގަނީ އެމްޑީޕީ ހިނގާތީކަމަށްވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި 94،000އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭނެކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.