ނިންޖަކީ ތުއްތު ދަރިފުޅު ހެދިބޮޑުވުމުގައި މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެހެން ކަމުން ތުއްތު ދަރިފުޅުގެ ނިދި ތާވަލެއްގެ މަތިން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ކަންތައް ކުރުމުން ދަރިފުޅަށާއި މަންމައަށް ވެސް ފަސޭހަ ވެގެން ދާނެއެވެ.
މި ބަލާލަނީ ތުއްތު ދަރިފުޅު ނިންދަވާލެވިދާނެ އުކުޅުތަކަށެވެ.
ގަޑިތައް ހަމަޖެއްސުން
ވަކި ގަޑިތަކެއްގައި ތުއްތު ދަރިފުޅު ނިންދެވުމަށް އާދަކުރުމަކީ ދަރިފުޅުގެ ނިދި ރަނގަޅު ގޮތެއްގައި ހިފެހެއްޓުމަށް ކުރެވިދާނެ އެއްކަމެވެ.
ނިދި އަންނާނެ ފަދަ ގޮތަކަށް ކޮޓަރި ތައްޔާރު ކުރުން
އަލި މަޑު ކުރުމާއި ފިނިހޫނު މިން ރަނގަޅު މިންވަރެއްގައި ބެހެއްޓުމަކީ ވެސް ތުއްތު ދަރިފުޅުގެ ނިންޖަށް މުހިންމު ކަމެކެވެ. މިހެން ހެދުމުން ދަރިފުޅަށް ނިދާ ގަޑި ޖެހުނީ ކަމުގެ އިހުސާސް ކުރެވި އާދަ ވާނެއެވެ.
ކާން ދިނުން
ނިދުމުގެ ކުރިން ދަރިފުޅު ރަނގަޅަން ބަނޑު ފުރާ ކާންދޭށެވެ. މިގޮތަށް ކާން ދިނުމުގެ ސަބަބުން ދަރިފުޅަށް އަރާމު ނިންޖެއް ލިބުމުގެ އިތުރުން ހޭނުލާ ގިނަ ވަގުތު ނިދުމުގެ ފުރުސަތު ވެސް ލިބިގެން ދެއެވެ.
ނެޕީ ބަދަލު ކުރުން
ސާފު ނެޕީ އަކީ ހަމަޖެހިލައިގެން ނިދުމަށް ތުއްތު ދަރިފުޅަށް އެހީވާ ކަމެކެވެ. ސަބަބަކީ ފޯވެފައި އޮންނަ ނެޕީގެ ސަބަބުން ތުއްތު ދަރިފުޅުގެ ނިދުން ޚަރާބުވެއެވެ. އެހެން ކަމުން ނިދަން ބޭއްވުމުގެކުރިން ނެޕީ ބަދަލު ކޮށްލާށެވެ. ތުއްތު ދަރިފުޅުގެ ނެޕީ ކޮންމެ 3 ގަޑިއަކުން ބަދަލުކުން ވެސް ބުއްދިވެރިއެވެ.
ނިދި އައީމަ ނިންދެވުން
ނިދި އައުމުގެ ކުރިން ނިންދަވަން އުޅުމަކީ ދަރިފުޅުގެ ނިދި ހަލާކުވާ ކަމެކެވެ. ނަމަވެސް ނިދި އަންނަންދެން މަޑުކޮށްލުމަކީ ކުއްޖާގެ ނިދި ދެމެހެއްޓެނިވި ގޮތެއްގަައި ރަނގަޅަށް ހިފެހެއްޓޭނެ ގޮތެކެވެ.
ވީމާ ދަރިފުޅު ނުނިދާ ބޮޑާހާކަނީ ކަމުގައި ވަނީނަމަ މިކަންކަން ކޮށްލައި ބަލާލުން ރަނގަޅެވެ. މި ކަންކަމުގެ ސަބަބުން ތުއްތު ދަރިފުޅުގެ ނިދުމަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެއެވެ.