އަހަރެންގެ މި ވާހަކަ އަކީ ވަރަށް ފިލްމީ ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް މިއީ ހަމަ އަހަރެންގެ ދިރިއުޅުމުގެ ހާލަތެވެ. އަހަރެންނަކީ އުމުރުން 25 އަހަރުގެ އަންހެން ކުއްޖަކީމެވެ.
މި ކިޔައިދެނީ ލޯބީގައި އަހަރެންނަށް ލިބިފައިވާ ކޮޅުކެއްސެވެ. މިހާރު އަހަރެން މިހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ކަންތައް ކުރަންވީ ގޮތެއް ނޭނގިފައެވެ.
އަހަރެން ހަޔާތަށް ލޯބިވެރިއަކު އައީ އަހަރެންގެ އުމުރުން 22 އަހަރުގައެވެ. މިއީ މި ޒަމާނުގައި ދޮގެއް ކަމަށް ބުނާ މީހުންވެސް އުޅެދާނެއެވެ. އެކަމަކު މިއީ ހަގީގަތެވެ. އަހަރެންނަކީ އާދައިގެ އާއިލާ އަކަށް ނިސްބަތް ވާ ކުއްޖަކީމެވެ. ރަށުން މާލެ އައީ ތައުލީމު ހާސިލު ކުރުމަށެވެ. މަންމަ އާއި ބައްޕަގެ 4 ކުދިންގެ ތެރެއިން އެންމެ ދޮށީ އަހަރެންނެވެ.
އަހަރެން ބެލީ، މައިންބަފައިން އަހަރެން މާލޭގައި ތަނެއް ކުއްޔަށް ހިފައިގެން ބޮޑު ހަރަދު ކޮށްގެން ބަހައްޓައި، އަހަރެމެންނަށް ކިޔަވައި ދިނުމަށް ކުރާ ބުރަ މަސައްކަތް، އެމީހުން ހިތްހަމަ ޖެހޭ ގޮތަށް ފުރިހަމަ ކޮށްދެވޭތޯއެވެ. އެގޮތުން އަހަރެން އިތުރު ކަމަކަށް ވަގުތު ދިނުމެއްނެތި ކިޔެވީއެވެ. އަހަރެން އެހެން ކަމަކާމެދު ވިސްނީ ޑިގްރީގަނޑެއް އަތުގައި ޖެހުނީމައެވެ.
ކިޔަވައި ނިމުމުން އަހަރެން ބެލީ ވަޒީފާއެއް ހޯދައިގެން މައިންބަފައިންނަށް ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދެވޭތޯއެވެ. އަހަރެންގެ ހަޔާތަށް ފުރަތަމަ ލޯބިވެރިޔާ އައީ އެއަށްފަހުގައެވެ. އެއީ އެއް އޮފީހެއްގައި މަސައްކަތް ކުރާ ކުއްޖެކެވެ. ހީވާގި ރަނގަޅު އަހުލާގެއްގެއް ކުއްޖެއްވެސް މެއެވެ.
އަހަރެމެން ދެމީހުންގެ ލޯބީގެ ދުވަސްތައް އުފަލާއެކު ގުނަމުން ގޮސް ގުޅުމަށް ދެއަހަރެއްވަރު ވުމުން އަހަރެން ނިންމީ ކައިވެނި ކުރާށެވެ. އަހަރެން ހީކުރީ އަހަރެންނަށް އޭނާ ދަސްވެއްޖެ ކަމަށެވެ. އެއް އޮފީހެއްގައި އުޅޭތީ އަބަދުހެން ލޯ ކުރިމަތީ އުޅޭތީ ވަރަށް ގިނަ ވަގުތު އެކުގައި ހޭދަވެސް ކުރެވެއެވެ. ކޮންމެ އަކަސް އަހަރެންގެ ފުރަތަމަ ލޯތްބެވެ. އަހަރެން އޭނާ ދެކެ ވަރަށް ލޯބިވެއެވެ.
އެކަމަކު ހުރިހާ ކަމެއް ބަދަލުވީ އަހަރެން ކައިވެނީގެ ވާހަކަ ދެއްކުމުންނެވެ. މައްސަލައަކީ އޭނާ އަހަރެންނާއި ކައިވެނި ކުރަން ބޭނުން ނުވުމެވެ. އޭނާ ބޭނުން ވަނީ އޭނާ އެންމެ ލޯބިވާ ކުއްޖާއާއި ކައިވެނި ކުރާށެވެ. އެއީ އަހަރެންގެ ބެސްޓް ފްރެންޑެވެ.
އަހަރެންގެ ބެސްޓް ފްރެންޑް ފެނުނު ފުރަތަމަ ދުވަހުވެސް އޭނާއަށް ތަފާތު އިހުސާސެއް ކުރެވުނީ ޔޯލައެވެ. ފުރަތަމަ ފެނިލުމުންވެސް ގަޔާވެސް ވެވުނީ ޔޯލައެވެ. ނުވިތާކަށް ހަމަ އެ ފެނިލުމުން އިންތިހާއަށް ލޯބިވެސް ވެވުނީ ޔޯލައެވެ. އެހެންވެސް ވޭ ހެއްޔެވެ. އަހަރެން މިއިން ކަމެއް ނުވެސް ދެނަ ހުރީމެވެ.
މީގެ އެންމެ ހެއްވާ ކަމަކީ އަހަރެންގެ ބެސްޓް ފްރެންޑަށް ވެސް މިއިން ކަމެއް ނޭނގޭތީއެވެ. އަހަރެންގެ ދިރިއުޅުމުގައި މި ހިނގާ ކަންކަން އަދިވެސް މި ހުންނަނީ ގަބޫލު ނުކުރެވިފައެވެ. ދެން ކަންތައް ކުރަންވީ ގޮތެއްވެސް އަހަރެންނަށް މި ހުންނަނީ ނޭނގިފައެވެ.