ހަޤީޤީ ހާދިސާ: 30 އަހަރުގެ ފަރަގު ހުއްޓަސް އޭނާ ވަރުގެ މީހެއް ނެތް!

ހަޤީޤީ ހާދިސާ: 30 އަހަރުގެ ފަރަގު ހުއްޓަސް އޭނާ ވަރުގެ މީހެއް ނެތް!

އަހަރެންނަށް މިވީ އަދި އެންމެ 18 އަހަރެވެ. 18 އަހަރުގައި 50 އަހަރުގެ މުސްކުޅިމީހަކާއި ޑޭޓުކުރާކަން އަހަރެންގެ އާއިލާއަށް ފަޅާއެރީ މީގެ ދުވަސްކޮޅެއްކުރިންނެވެ. އަހަރެން އޭނާ އާއި ރައްޓެހިވެގެން އުޅޭތާ އަހަރަކަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. އަހަރެންނާއި އޭނާގެ ގުޅުން ދައްތައަށް ފަޅާއެރީއެވެ.

އަހަރެންގެ އާއިލާއަކީ ހަމަ އާދައިގެ ދިރިއުޅުމެއް އުޅެމުންއަންނަ އާއިލާއެކެވެ. މަންމަ އާއި ބައްޕަގެ ތިބެނީ އަހަރެމެން ދެކުދިންނެވެ. އަހަރެންނަށް ވުރެ އަހަރެންގެ ދައްތަ 5 އަހަރު ދޮށީއެވެ. އަހަރެންނާއި އަހަރެންގެ ދައްތަވެސް އުޅެފައިވަނީ ވަރަށް ހަމަޖެހޭ ދިރިއުޅުމެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި އަހަރެންނަށް ވަރަށް ކަމުދާ މީހަކު ފެނުނުކަމުގެ ވާހަކަ ވާނީ ދައްތައާއި ހިއްސާކޮށްފައެވެ. އަހަރެންގެ ދައްތަ ހީކުރީ އެއީ ސުކޫލުން ދިމާވި ކުއްޖެއްކަމަށެވެ. ދައްތަ މީގެ 3 އަހަރު ކުރިން ކައިވެނި ކުރިފަހުން ދިރިއުޅެނީ ވަކިންނެވެ. އަހަރެންނަށް އަހަރެންގެ ލޯބިވެރިޔާ ހަދިޔާ ފޮނުވާ ކަން ދައްތައަށް އެނގުނުނަމަވެސް، ދެމީހުން ޒޫމް އިން ގުޅައިގެންނާއި އަބަދުވެސް ފޯނުކުރާކަމެއް އެނގިފައެއްނެތެވެ.

ދައްތަ ހީކުރީ އަހަރެން އުޅެނީ އަހަރެންނާއި އެއް އުމުރެއްގެ ކުއްޖަކާއި ރައްޓެހިވެގެން ކަމަށެވެ. ނުވަތަ އަހަރެންނަށް ވުރެވެސް ހަގު ގާތްގަނޑަކަށް 16 ވަރަކަށް އަހަރުގެ ކުއްޖަކާ ރައްޓެހިވެގެން ކަމަށެވެ. ދައްތަ އަހަރެންނާއި ވާހަކަދައްކަ ކިތަންމެ ފަހަރަކު 16 އަހަރުގެ ކުއްޖަކަށް އެހާ ރުފިޔާ ލިބޭނީ ކިހިނެއްތޯ ސުވާލު ކުރެއެވެ. އަހަރެންގެ ޖަވާބަކަށް ވަނީ ލޯބިވެރިޔާ އުޅެނީ ވަޒީފާއެއްގައި ކަމުގައެވެ.

ލޮކްޑައުން ތެރޭގެ ދުވަހެއްގައި ދައްތަ އަހަރެމެން ގެއަށް އައެވެ. އެ ދުވަހަކީ އަހަރެންގެ ލޯބިވެރިޔާ ވެސް އަހަރެންގެ ގެއަށް އައި ދުވަހެކެވެ. އަދި ދައްތަ އާއި ލޯބިވެރިޔާ ބައްދަލުވި ފުރަތަމަ ފަހަރުވެސް މެއެވެ.

ދައްތަ ގެޔަށް ވަތްއިރު އަހަރެންނާއި އަހަރެންގެ ލޯބިވެރިޔާ ތިބީ ސިޓިންގ ރޫމުގެ ސޯފާގައި އަތާ އަތް ގުޅުވާލައިގެނެވެ. އެހެންކަމުން އެއީ އަހަރެންގެ ލޯބިވެރިޔާކަން ދައްތައަށް ފުރަތަމަ ނަޒަރުންވެސް އެނގުނެވެ. ދައްތަ މީގެ ކުރިން ލޯބިވެރިއާގެ ފޮޓޯ ދައްކަން ބުނެފައިވެއެވެ. އެކަމަކު އަހަރެން ކޮންމެ ފަހަރަކުވެސް އިންކާރު ކުރަނީއެވެ. އަހަރެންނަށް ދައްތަގެ ގޮތް ވަރަށް ރަނގަޅަށް އެގޭތީއެވެ. އަހަރެން އޭނާ އާއި ގުޅުމަށް ދައްތަ ދުވަހަކުވެސް ގަބޫލެއް ނުވާނެއެވެ.

ދައްތަ އަހަރެންނަށް ވިސްނައިދުމަށް ވަރަށް މަސައްކަތް ކުރިއެވެ. އަދި ހަމަ އެއާއިއެކު ވަރަށް ހިތްހަމަ ނުޖެހުންވެސް ފާޅުކުރިއެވެ. އުމުރުގެ ފަރަގު ދައްކައި އެކުގައި އުޅުމަކީ މޮޔަ ވިސްނުމެއްކަމަށް ވިސްނައި ދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

ނަމަވެސް އަހަރެންގެ ލޯބިވެރިޔާ އަހަރެންގެ ދައްތަ ކައިރީ އޭނާ ހަޤީޤަތުގައިވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަމަށާއި އަހަރެން އުފަލުގައި ބަހައްޓާނެ ކަމަށް ވައުދުވިއެވެ. އުމުރުގެ ކިތަންމެ ފަރަގު ބޮޑުވިކަމުގައި ވިޔަސް އަހަރެން ވެސް އޭނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި އުމުރުގެ އެ ތަފާތަކީ އަހަރެން އެއްވެސް މައްސަލައެއް ކަމުގައި ނުދެކެމެވެ. އެއަށްވުރެ ބޮޑަށް އަހަރެން އޭނާ ދެކެލޯބިވެއެވެ. އޭނާ ބޭނުން ވެއެވެ. އެހެން ނަމަވެސް ދައްތައަށް އަހަރެންގެ ގުޅުމާއި ރުހެވޭގޮތެއް ނުވިއެވެ. އެހެން ނަމަވެސް އަހަރެންގެ މައިންބަފައިން އަހަރެނާއި އޭނާގެ ގުޅުމަށް މަރުހަބާކިޔެވެ.

އަހަރެންގެ ލޯބިވެރިޔާގެ އަނބިމީހާ އޭނާ ކައިރިން ވަރިއަށް އެދިފައިވާކަމަށާއި، އެދެމީހުން ވަރަށް އަވަހަށް ވަރިވާން އުޅޭ ކަމަށާއި އެ ކައިވެންޏަށް 20 އަހަރު ގެ ކުއްޖަކާއި 18 އަހަރުގެ ކުއްޖަކު ހުންނަކަމަށް އަހަރެން ދައްތަ ކައިރީ ބުނީމެވެ. އަދި އޭނާގެ 20 އަހަރުގެ ދަރިފުޅަށް މީގެ 6 މަސް ކުރިން ކުއްޖަކު ލިބިފައިވާކަމާއި އޭނާއަކީ ކާފައެއްކަމަށްވެސް އަހަރެން ބުނީމެވެ. ދައްތަގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓާލީ އެވަގުތުއެވެ. ޖެހުނު އެންމެ ބާރަކަށް ދޮރު ޖެހުމަށްފަހު ގެއިން ނުކުމެގެން ދިޔަތާ ހަ މަސްވީއިރުވެސް އަހަރެންނަށް އަދި ފެނިނުލައެވެ.

އަހަރެން ދައްތަ މަތިން ވަރަށް ހަދާން ވެއެވެ. މަންމަ އާއި ބައްޕަވެސް ދައްތަ މަތިން ވަރަށް ހަދާން ކުރެއެެވެ. މަންމަ އާއި ބައްޕައަށް ގުޅާ އެމީހުންގެ ހާލު ދައްތަ ބަލައެވެ. އަހަރެން މިހާރު ލޯބިވެރިޔާ އާއި ކައިވެނި ކޮށްގެން ދިރިއުޅެމުން މިދަނީ ވަކިންނެވެ. އޭރުވެސް އަދި މިހާރުވެސް އަހަރުމެންގެ ގުޅުމަށް އަހަރެންގެ މައިންބަަފައިން ވަރަށްގަބޫލެވެ. ދިރިއުޅުން އުންމީދު ކުރިވަރަށް ވުރެވެސް އުފާވެރިއެވެ. އެކަހަލަ ފިރިއަކީ ނަސީބުވެރިއަކަށް ނުނީ ނުލިބޭނެ ފަދަ ފިރިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *