ހޫނުގަދަ ދުވަސްވަރަަކަށް ވުމުން ކަރަންޓު އިޤްތިޞާދު ކުރުމަށް އެދިއްޖެ

ހޫނުގަދަ ދުވަސްވަރަަކަށް ވުމުން ކަރަންޓު އިޤްތިޞާދު ކުރުމަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2022 03:53
0

މިދުވަސް ވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސް ވަރަށް ވުމުން، ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް ދެމުންދާ ސްޓޭލްކޯއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފައި ވަނިކޮށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާއިރު، އަދި މިދުވަސްވަރާއި ރޯދަމަސް ދިމާވެފައިވާތީ، ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދީ، އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ، އޭސީ ފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ.

އޭޕްރީލް މަހަކީ އެންމެ ހޫނު ގަދަ މަސް ކަމަށް މެޓް އޮފީހުން ކުރިން ވެސް ބުނެއެވެ. އެކަމަކު މިދިޔަ 29 އަހަރުގެ ހިސާބުތަކާ އެކު މެޓް އޮފީހުން ވަނީ ރާއްޖޭގެ ތިން ސަރަހައްދުގެ ފިނިހޫނުމިން އަހަރުގެ އެކި ދުވަސްވަރު ހުންނަ ގޮތް ވެސް ކިޔައިދީފައެވެ. މިމަހު ރާއްޖޭގެ ހޫނުމިން އާންމު ގޮތެއްގައި އުޅޭނީ 29.6 ނުވަތަ 29.7 ޑިގްރީ ސެލްސިއަސްގައެވެ. އެގޮތުން އެންމެ ބޮޑަށް ހޫނުވުމުގެ އަސަރު ކުރާނީ މެދު ރާއްޖެތެރެއާއި އުތުރަށެވެ.

ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ހޫނު ގަދައީ އުތުރުގައެވެ. އުތުރުން ހދ. ހަނިމާދޫގެ މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.7 ޑިގްރީސެލްސިއަސްއެވެ. ދެން އެންމެ ހޫނީ ރާއްޖޭގެ މެދުތެރެއަށެވެ. ހުޅުލޭގެ 29 އަހަރުގެ ހިސާބުތަކުން ދައްކަނީ އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.6 ޑިގްރީސެލްސިއަސް ކަމަށެވެ. ދެކުނުން ސ. ގަމަށް ބަލާއިރު މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ހޫނުމިނަކީ 28.9 ޑިގްރީސެލްސިއަސްއެވެ.

އޭޕްރީލްމަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނުގަދަ މަހެވެ. އަދި މިއީ ރޯދަމަހަށް ވުމާއެކު ގިނަވަގުތު އަވީގައި ނޫޅުމާއި އާންމު ސިއްހަތަށް ވިސްނައިގެން އުޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާންމުގޮތެއްގައި ރޯދަމަހުގެ މެންދުރު 14:00 އަކީ އެންމެ ހޫނުގަދަވާ ވަގުތެވެ. އަދި މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރުވެސްމެއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.