އިމިގްރޭޝަން ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ޢާންމުންގެ ތެރޭގައި ޙިއްޞާކުރަމުން އަންނަ ޙަޤީޤަތާ ޚިލާފު ވާހަތައް ނުދެއްކުމަށް ސަރުކާުން ގޮވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން 27 އެޕްރިލް 2015 ގައިކަމަށެވެ. އަދި އެ ގަވާއިދާއި އެކު، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި، ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސަރވިސް ފަދަ ޚިދުމަތްތައް ޕްރޮމޯޓުކުރަމުން އެދުވަސްވަރު އައިސްފައިވާކަމަށެވެ. އިސްވެ ދެންނެވުނު ފަދަ އިނާޔަތްތައް، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން ދިނުމަކީ، މި ސަރުކާރުގެ ވިސްނުމެއް ނޫންކަން އާންމުންނަށް އޮޅުން ފިލުވައިދިނުމަށް ބޭނުންވާކަމަށް މިބަޔާނުގައި ވެއެވެ.
އިމިގްރޭޝަން ޤާނޫނަށް ގެނެވުނު އިޞްލާޙު ގެޒެޓުކުރެވުމުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރާނީ، އެ އިޞްލާހުގައި ބަޔާންކުރާ ގޮތުގެ މަތިން، އެ ޤާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުންކަމަށެވެ. މި އިޞްލާޙުގައިވާ ގޮތުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްތަކަށާއި، ދިވެހިރާއްޖޭގެ ބޭންކެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، މަދުވެގެން 250,000 އެމެރިކާ ޑޮލަރު ދިވެހިރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ 5 އަހަރުން އައު ކުރެވޭނެ ގޮތަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުން، ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން، ޓޫރިސްޓު ވީޒާގައި އައިސް ވިޔަފާރިއާބެހޭ ކަންތައްތައް ކުރުމުގެ ބަދަލުގައި، ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެކަމަށެވެ. އަދި، ކުރިއެކޭ އެއްގޮތަށް، ރާއްޖޭގައި، އަލަށް ވިޔަފާރިކުރުމަށް އެދޭ ކޮންމެ ފަރާތަކުންވެސް، ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު ގެ ދަށުން ހުއްދަ ހޯދައި، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް ލާޒިމުވާނެކަމަށެވެ.
މިކަމުގެ ދިވެހިރައްޔިތުންގެ އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ތަޢާރަފުކޮށްފައިވާކަމަށް ބުނެ، މަޢުލޫމާތު ދެމުންދާތީ، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާބެހޭ ޞައްޙަ މަޢުލޫމާތު ޢާންމުންނާއި ޙިއްޞާކުރުމަށް އިލްތިމާޞްކުރަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ