ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި އިސް ދެމީހުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ. މިމައްސަލަ މިއަދު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ވަނީ ނިންމާފައެވެ.
މި މައްސަލާގައި ދައުލަތުން 6 މީހެއްގެ މައްޗަށް ދައުވާކުރެއެވެ. ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ މި ތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުންކަމަށްވާ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ. މިދެމީހުން ދޫކޮށްފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ދެފަރަތުން ދެއްކި ވާހަތަކަށް ބެލުމަށްފަހު ޝަރުތުތަކާއި އެކުގައެވެ.
މިމައްސަލަ ބައްލަވާ އިސްގާޟީ އަހުމަދު ޝަކީލް ނިންމެވީ ޝަރުތުތަކަކާ އެކީ ބޭސްފަރުވާއަށް ދެ މަހަށް ދެ މީހުން ބަންދުން ދޫކޮށްލުމަށެވެ. އެގޮތުން ހުއްދަނެތި މާލެއިން ބޭރަށް ނުދިއުމަށާއި ރޭގަނޑު ގެއިން ބޭރަށް ނުނިކުތުމަށް ވަނީ ޝަރުތުކޮށްފައެވެ.
130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ހިމެނޭ އަދި މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަދި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ގއ. ވިލިނގިލިީ ލައިޓްހައުސް ޝަހީބް އިބްރާހިމުގެ މައްޗަށް ބޮޑު ތިން ދައުވާއެއް ވަނީ އުފުލާފައެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއެއްގެ ހުކުމަކީ 25 އަހަރަށް ޖަލަށްލުމާއި 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކު ޖޫރިމަނާކުރުމެވެ. މި ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 75 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މިމައްސަލާގައި އިއްޔެ ބޭސްފަރުވާއަށް ދޫކޮށްލި އަހްމަދު މޫސާގެ މައްޗަށް ވަނީ 3 ދައުވާއެއް އުފުލާފައެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި އެކު ހިންގި ހާއްސަ އޮޕރޭޝަނެއްގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ޖަންބު ނަމަކަށް ކިޔާ މި ދޯނިން 130 ކިލޯ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގައެވެ.
ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީވެސް އޭނާކަމަށްް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން އޭރު ބަންދުން ދޫކޮށްލިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.