ޑީސެލް ހުސްވެ، މަސްވެރިންނަށް މަހަށް ނުފުރިފައިވާ މައްސަލަ ބޭރުކޮށްލައިފި

ޑީސެލް ހުސްވެ، މަސްވެރިންނަށް މަހަށް ނުފުރިފައިވާ މައްސަލަ ބޭރުކޮށްލައިފި

ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ރާއްޖެއަށް ބޭނުންވާވަރަށް ތެޔޮ ނުގެނެވި، ޑީސަލް ކޮންޓްރޯލްކޮށްގެން ވިއްކަމުން ދިޔުމާއި، ދިވެހިރާއްޖޭގެ ބައެއް އަތޮޅުތަކުން ޑީސަލް ހުސްވެ، މަސްވެރިންނަށް މަހަށް ނުފުރި ދިމާވާ ދަތިތައް ހައްލު ކުރުމަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިމައްސަލަ މަޖިލީހަސް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއެވެ. މިމައްސަލަ މަޖިލީހުން ބޭރުކޮށްލީ 44 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައި ގަންނަން ވޯޓު ދިނީ 9 މެމްބަރުންނެވެ.

ހުސެއިން މުހައްމަދު ލަތީފް ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ސަރުކާރުން އުފައްދާފައިވާ ފިއުލްސަޕްލައިސް މޯލްޑިވްސްއިން ރާއްޖެއަށް ބޭނުންވާވަރަށް ޑީސަލް ނުގެނެވި، ރާއްޖޭގެ ބައެއް އަތޮޅުތަކުން ޑީސަލްއެއްކޮށް ހުސްވެ، ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ އަމިއްލަ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ލޭނާރު ކަމަށްވާ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ ޑީސަލް ނުލިބި، މަހަށް ނުފުރިފައިވާކަމުގެ ޝަކުވާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގެ މަސްވެރިން ކުރަމުންދާކަމަށެވެ.

ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިން ޑީސަލް ފޯރުކޮށްދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅެ، ވިޔަފާރީގައި އޮތް ވާދަވެރި މާހައުލު ނެތިކޮށް، ފިއުލްސަޕްލައި މޯލްޑިވްސްގެ ވެރިންނާއި ގުޅުންއޮންނަ ކުންފުނިތަކަށް އެކަނި ތެޔޮ ލިބޭނެ އިންތިޒާމަކުން ޚާއްސަކޮށް މިދުވަސްވަރު އަމަލު ކުރަމުންދާކަމުގެ ޝަކުވާ ތެލުގެ ވިޔަފާރީގައި މަސައްކަތްކުރާ ކުންފުނިތަކުން ކުރަމުންދާކަންވެސް ވަނީ މިމައްސަލަގައި ވާހަގަކޮށްފައެވެ.

ކޮވިޑްގެ ހާލަތަށްފަހު ދިވެހިރާއްޖޭގެ އިޤްތިސާދު ހަމަ މަގަށް އެޅުވުމުގެ އެންމެ ބޮޑު ހިއްސާއެއްވާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ރިސޯޓްތަކާއި، އުޅަނދުފަހަރަށް ބޭނުންވާވަރަށް ޑީސަލް ނުލިބި އެ ސިނާޢަތު ހުއްޓުމުގެ މަލަމަތި ފެންނަމުންދާތީވެ، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކަށް ފާރަވެރިވެ، ދިވެހިރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް ދުރާލާ ތައްޔާރުވެ ރާއްޖެއަށް އެތެރެކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް މިމައްސަލާގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *