ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން ޤައުމުގައި އެޅުވި ޑެޑްލޮކް ފިލުވާލުމުގައި މަޖިލިސްގެ ދައުރުއޮތްކަން ގަބޫލު ކުރަންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވީ ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން އޭރު އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ހޯދުމަށް މަޖިލިސް ތެރެއިން ކުރި މަސައްކަތްތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ. ޚާއްސަކޮށް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދަނީ ރާއްޖޭގެ ހާލަތު ބަދަލު ވެގެން ދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ރައީސް ޞާލިހާއި ދިވެހި ސަރުކާރުކާރުންކަމަށެވެ.
މިވާހަތަކާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން ރާއްޖޭގައި އެޅުވި ޑެޑްލޮކް ފިލުވާލުމުގައި މަޖިލިސްގެ ދައުރު އޮތްކަން ގަބޫލު ކުރަންޖެހޭކަމަށެވެ. އެދުވަހު މުޅި ރާއްޖެ އެޗްޕީއޭގެ އަތްމައްޗަށް ދޫކޮށްލިނަމަ ރާއްޖެ އަވަށްޓެރި ލަންކާ އޮތް ހާލަތަށް ދިއުމަކީ ދުރުކަމެއް ނޫންކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
އޭރު HPA އިން ޤައުމުގައި އެޅުވި ޑެޑްލޮކް ފިލުވާލުމުގައި މަޖިލިސްގެ ދައުރުއޮތް! މިއީ އިންކާރު ކުރެވެންނެތް ޙަޤީޤަތެއް! އަދި ހަމަ އެއާއި އެކު އެތައްބަޔަކު އެކަމަށް މަސައްކަތްކުރި! HPA އަށް ލަގަން އެއްކޮށް ދޫކޮށްލިނަމަ ރާއްޖެ 2 ވަނަ ލަންކާއަށް ވީސްކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވޭ!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަޖިލީހުގައި ކުރެވުނު މަސައްކަތުގައި ސަރުކާރުން އެކަމަށް ދެކޮޅު ހެދި މިންވަރު ހާމަކޮށްދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ ޖިލީހަށް ހުށަހެޅުނު ފޮރިން ސާވިސް ބިލުގެ ބަހުސްގައި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ޔަގޫބް ވިދާޅުވީ ކޯވިޑުން ރާއްޖެ އަރައިގަނެވި، ބޯޑަރު ހުޅުވިގެން ދިޔައީ ރައީސް ޞާލިހާއި، ސަރުކާރުން އެޅި ހަރުދަނާ ސިޔާސަތުގެ ސަބަބުންކަމަށެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ކެބިނެޓާއި، ރައީސް ޞާލިހުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި މިއަދު މިހިސާބަށް އާދެވުނީ ފިނޭންސް މިނިސްޓަރ އަމީރާއި، އިކޮނޮމިކް މިނިސްޓަރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބްގެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވައި، އޭރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަޖިލީހުން މަސައްކަތް ކުރުމުން ސަރުކާރުން އެކަމަށް ހުރަސް އެޅިވަރު ދިވެހި ރައްޔިތުންނަށް ހާމަ ކޮށްދެއްވާނެކަމަށެވެ.