މިސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ސިޔާސަތު އޮތްގޮތެއް ސާފުކުރުމަށް ހޯމް މިނިސްޓަރ އިމްރާނާއި ސުވާލު ކުރެއްވުމަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤު ހުށަހަޅުއްވައިފިއެވެ.
މިނިސްޓަރ އިމްރާނާއި ސުވާލު ކުރުމަށް ހުށަހެޅުމަށްފަހު ތޯރިގު ވިދާޅުވީ މިސުވާލުގެ ޖަވާބު މިނިސްޓަރ އިމްރާން ރޯދަމަހުގެ ފަހު ދިހައިގެ ތެރޭގައި މަޖިލީހަށް ދެއްވާނެކަމަށް ގަބޫލު ކުރެވޭކަމަށެވެ. މިނިސްޓަރަކާއި ސުވާލު ކުރުމަށް ހުށަހަޅާތާ 14 ދުވަހުގެ މުއްދަތެއް ޖަވާބަށް ތައްޔާރުވުމަށް ވަޒީރަށް ލިބިގެންވެއެވެ.
ތޯރިގު ހުށަހަޅުއްވާފައިވާ ސުވާލުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ޙުކުމް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޙުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަވާ ޤައިދީންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ؟ އެފަދަ ފަރާތްތަކުގެ ޙުކުމް މިސަރުކާރުން ތަންފީޒު ކުރާނެތޯ؟ އޮޅުން ފޮލުވުމަށެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް، ހޯމް މިނިސްޓަރ އިމްރާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިން. ރަމަޞާން މަހުގެ ފަހު 10 ގެ ތެރޭގައި އެޖެންޑާ ކޮއްދޭނެކަމަށް އެދެން. pic.twitter.com/1EPqm6NBjw
— Ahmed Thariq (@AhmedThaariq) April 5, 2022
މަރުގެ ހުކުމް ސަރުކާރުން ތަންފީޒުކުރާނެކަމަށާއި އެހެންނަމަވެސް އެކަން ކުރާނީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބުމުންކަމަށް ފޮރިން މިނިސްޓްރީން ވަނީ 2018 ވަނަ އަހަރު ބުނެފައެވެ. ސަރުކާރުން މިކަން ހާމަކުރީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ މެދު ރާއްޖެއިން ދެކޭގޮތް އދ ގައި ބަޔާންކޮށް ފާސްކުރި "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތް ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ރެޒޮލޫޝަންގައެވެ.
މިސަރުކާރުން ވެރިކަމަށް އައީސްވެސް މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފަިއވާ މީހުންގެ މަރުތަކަށް އިންސާފު ހޯދާނެކަމުގެ ވައުދާއި އެކުގައެވެ، ނަމަވެސް ވެރިކަމުގެ ދައުރު ހަމަވެގެންދާއިރުވެސް މިމަސައްކަތުގެ މާބޮޑު ނަތީޖާއެއް ފެނިފައިނުވެއެވެ.
ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާއިރު އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ނިހާއީ ހުކުމަކުން މަރަށް މަރު ހިފަންޖެހޭނެކަމަށް ބައެއް މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ހުކުމްކޮށްފައިވެއެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެކި ފޯރަމްތަކުގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނަމުންދިޔަ ނަމަވެސް ވެރިކަމުގެ ފަސްއަހަރު ނިމިގެންދިޔައިރުވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ