އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް، ރާއްޖެ ވަޑައިގެން އުޅުއްވާ އެޤައުމުގެ ފޮރިން ސެކްރެޓަރީ ޝްރީ ހަރްސް ވައްދަން ޝްރިންގްލާއާ، ވާދަވެރި ޕްރޮގްރެސިވް.ކޮންގްރެސް ކޯލިޝަންގެ އިސްވެރިންނާއި އެޑްވައިޒަރުން މިއަދު ބައްދަލުކުރައްވައިފިއެވެ.
މާލޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަންގައި ބޭއްވުނު ބައްދަލުވުމުގައި، ޕީ.ޕީ.އެމް.ޕީ.އެން.ސީ. ގެ ބޭފުޅުންވަނީ، ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސަރުކާރުން ނުޙައްޤުން ދެމުންދާ އަނިޔާތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ޝަރީއަތަކީ ބައިނަލްއަޤްވާމީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެތައްގޮތަކުން ފުށުއަރާ ޝަރީއަތެއްކަމަށް ވިދާޅުވެފައެވެ. އަދި، ޖަލުގައި ހުންނަވާތާ އެއް އަހަރާ ގާތްވަމުންދާ ރައީސް ޔާމީންގެ އިސްތިޢުނާފުގެ މައްސަލައާމެދު ހުރި ކަންބޮޑުވުންތައްވެސް ޙިއްޞާކުރައްވާފައެވެ.

ޝަރުއީ ދާއިރާއަށް ސަރުކާރުން ސީދާ ފޯރުވަމުންދާ ނުފޫޒުގެ ވާހަކައާއި ޤާނޫނު އަސާސީން ވަކިވާންޖެހޭ ބާރުތަކުގެ ތެރެއްއިން ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ނުފޫޒުގެ އެންމެ ބޮޑު އަސްލަކީ ޖުޑިޝަލް ސާރވިސް ކޮމިޝަންކަމުގައި ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ އެންމެ ގިނަ ބައެއްގެ ތާއީދު އޮތް ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަމަށްވީހިނދު، ނުޙައްޤުން އެމަނިކުފާނު ހައްޔަރުގައި ބަހައްޓައިގެން ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުން ދޭހަވަނީ، މިސަރުކާރަކީ ޑެމޮކްރަސީއަށް ކުޑަވެސް އިޙްތިރާމެއް ނެތް ބައެއްކަމަށް އެބޭފުޅުން ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެކެވުނު ވާހަކައިގެ ތެރޭގައި ކޯލިޝަންގެ ކަންބޮޑުވުން ހުރި ތަފާތު ކަންކަން ހުށައެޅިއެވެ. އަދި ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންވަނީ އިންޑިޔާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ދިވެހި ރައްޔިތުން ތަމްޞީލުކުރާ އެންމެހާ ފަރާތްތަކާ މަޝްވަރާކުރުމަކީ އިންޑިޔާގެ ސިޔާސަތުކަމާއި، ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރައްވާ ވާދަވެރި ސިޔާސީ ލީޑަރުން އެމަނިކުފާނާ ބައްދަލުކޮށްލައްވަން ވަޑައިގެންކަމަށްޓަކައި، ފޮރިން ސެކްރެޓަރީ ޝްރިންގްލާ ޝުކުރު އަދާކުރެއްވާފައެވެ.
ކޮމެންޓު ފޮނުވާ