ކްރިސްޓަލް ޕެލެސް އަތުން 3-0 އިން ބަލިވެ، ގަދަ ހަތަރެއްގެ ރޭހުގައި އަނެއްކާވެސް އަސެނަލަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިއްޖެއެވެ.
އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރާގެ ކޯޗުކަމުގައި ކުޅޭ ކްރިސްޓަލް ޕެލެސް އިން އިން ލީޑު ނެގީ 16 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމެއްގެ އެހީގައެވެ. ކޮނޯ ގަލަހާ ނަގައިދިން ހިލޭޖެހުމަކުން ޑިފެންޑަރު ޔޯކިމް އެންޑަސެން ބޮލުން ގޯލު ކުރިމައްޗަށް ހުސްކޮށްލި ބޯޅަ ބޮލުން ގޯލު ތެރަށް ފޮނުވާލީ ޖިއާން ފިލިޕޭ މަޓޭޓާއެވެ. އަދި ޕެލަސްގެ ދެވަނަ ލަނޑު މެޗުގެ 24 ވަނަ މިނިޓުގައި ޖެހީ ފޯވާޑް ޖޯޑަން އަޔޫއެވެ. މި ލަނޑު ވެސް ޖަހަން އެހީވެދިނީ ޑެންމާކު ޑިފެންޑަރު އެންޑަސެންއެވެ.
ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، އާސެނަލްގެ އެމިލް ސްމިތު ރޯވް، ބުކާޔޯ ސަކާ އަދި މާޓިން އޮޑެގާޑަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު، މީގެއިން އެއްވެސް ބޯޅައެއްގައި ޕެލެސްގެ ކީޕަރު ވިސެންޓޭ ގައީޓާ ކައިރިން ގޯލެއް ވައްދައިނުލެވުނެވެ. މެޗު ނިމެން 15 މިނިޓަށް ވެފައި ހުއްޓައި، ޕެލެސްގެ ފަހު ގޯލު ލިބުނު ޕެނަލްޓީ އަކުން ޖެހީ ވިލްފްރިއެޑް ޒަހާ އެވެ. މިއީ ޒަހާ ހޯދި ޕެނަލްޓީ އެކެވެ.
އާސެނަލް ކުޅުނު 29 މެޗުން ލިބުނު 54 ޕޮއިންޓާ އެކު އެޓީމު ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ. ޓޮޓެންހަމް ހޮޓްސްޕާ އިން ރޭ ތަފާތު ބޮޑުކޮށް ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ހަތަރުވަނައަށް ޖެހިލިއިރު، އެޓީމުން ވަނީ 30 މެޗު ކުޅެފަ އެވެ. އާސެނަލް އާ އެއްވަރަށް ޓޮޓެންހަމުން ވެސް 54 ޕޮއިންޓް ހޯދާފައި ވާއިރު، ފައިދާ ގޯލުގެ ތަފާތުން ވެސް ކުރީގައި އޮތީ ޓޮޓެންހަމެވެ.
ކޮމެންޓު ފޮނުވާ