އެރިކްސަންގެ ލަޑާއިއެކު، ބެރެންޓްފޯޑުން ފަހަތުން އަރައި ޗެލްސީ ބަލިކޮށްފި

އެރިކްސަންގެ ލަޑާއިއެކު، ބެރެންޓްފޯޑުން ފަހަތުން އަރައި ޗެލްސީ ބަލިކޮށްފި

ބްރެންޓްފޯޑަށް ކުޅޭ ޑެންމާކު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެންގެ ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި، އެ ކްލަބުން ރޭ ފަހަތުން އަރައި 4-1 އިން ޗެލްސީ ބަލިކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މެޗަކީ އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް ފިޔަވަޅު އެޅި ފަހުން ޗެލްސީ މިހާތަނަށް ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ކުޅުނު ހަތަރު މެޗު ވެސް ޗެލްސީ ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މިއީ ލީގުގައި ޗެލްސީ މި ސީޒަނުގައި ބަލިވި ހަތަރު ވަނަ މެޗެވެ.

މިރޭގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން 48 ވަނަ މިނިޓުގައި ހާފު މެދަކާ ހަމައިން ފޮނުވާލި ބާރު ހަމަލާއަކުން ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ޗެލްސީންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިފެންޑަރު އެންޓޮނީ ރުޑިގާއެވެ.

ރުޑިގާ ހޯދައިދިން ލީޑު ޗެލްސީ އަށް ހިފަހައްޓައިލެވުނީ އެންމެ 100 ވަރަކަށް ސިކުންތަށެވެ. މެޗުގެ 50 ވަނަ މިނިޓުގައި ވިޓަލީ ޔަނެލްޓް ފޮނުވާލި ހަމަލާއަކުން ބްރެންޓްފޯޑް އެއްވަރުކުރި އިރު، އޭގެ ހަތަރު މިނިޓު ފަހުން އެޓީމަށް ލީޑު ނަގައިދިނީ އެރިކްސަންއެވެ. މިއީ އޭނާ ބްރެންޓްފޯޑަށް މިހާތަނަށް ކުޅެދިން ހަތަރު މެޗުން ޖެހި ފުރަތަމަ ލަނޑެވެ.

އަދި މެޗުގެ 60 ވަަނަ މިނިޓްގައި ޔަނެލްޓް އިތުރު ގޯލެއް ޖަހައި، ބްރެންޓްފޯޑަށް ދެ ގޯލުގެ ލީޑެއް ނަގައިދިނެވެ. ޗެލްސީ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި ބްރެންޓްފޯޑްގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ޔޮއާން ވިއްސާއެވެ.

މިއީ ބްރެންޓްފޯޑުން 83 އަހަރު ތެރޭ ޗެލްސީ އަތުން ހޯދި ފުރަތަމަ މޮޅެވެ. ޗެލްސީއާ ދެކޮޅަށް އެންމެ ފަހުން ބްރެންޓްފޯޑުން މޮޅެއް ހޯދީ 1939 ވަނަ އަހަރު އެވެ. އެއީ ވެސް ރަށުންބޭރުގައި ކުޅުނު މެޗަކުންނެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ 1997 ވަަނަ އަހަރުގެ ފަހުން ލަންޑަންގެ ޓީމެއް އަތުން އަމިއްލަ ދަނޑުގައި ތިން ގޯލުގެ ފަރަގަކުން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ. އެ ފަަހަރު ޗެލްސީ ބަލިވީ އަމިއްލަ ދަނޑުގައި އާސެނަލް އަތުން 3-0 އިންނެވެ.

މި ނަތީޖާއާ އެކު ޗެލްސީ އަދިވެސް އޮތީ ލީގުގެ ތިންވަނައިގައެވެ. ޗެލްސީ ކުޅުނު 29 މެޗުން އެޓީމަށް ލިބިފައި ވަނީ 59 ޕޮއިންޓެވެ. ބްރެންޓްފޯޑް އޮތީ ކުޅުނު 31 މެޗުން ހޯދި 33 ޕޮއިންޓާ އެކު 14 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *