އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމަށް ރައްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރައްވާ ކެމްޕެއިނަށް 4.3 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ދައުލަތުން ފައިސާ ޚަރަދުކުރުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރެއިން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދު، އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތުގެ ކެމްޕެއިގެށް ޚަރަދުކުރުމަށް 4.35 މިލިއަން ރުފިޔާ އަންނަ އަހަރަށް ވަނީ ކަނޑައަޅާފައެވެ. އަދި 2022 ވަނަ އަހަރު ކެމްޕެއިނަށް ޚަރަދުކުރުމަށް ކަނޑައަޅާފައިވަނީ 6.53 މިލިއަން ރުފިޔާއެވެ.
އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ މަތީ މަގާމެވެ. އަދި އެރިޔާސަތަކީ ވަރަށް ބާރުގަދަ މަޤާމެއްވެސްމެއެވެ. އާންމު މަޖިލީހުގެ ރިޔާސަތަށް ގައުމެއް ހޮވަނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހު ދެން އަންނަ ދައުރަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުން އެއް ސަރަހައްދެވެ. އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ. އަދި މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.
މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުޝަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މިނިސްޓަރ ޝާހިދު ވާދަކުރައްވަނީ މިސަރަހައްދަށެވެ. މިސަރަހައްދަށް މިނިސްޓަރ ޝަހިދުގެ އިތުރުން އަފްޤާނިސްތާނުންވެސް ދަނީ އާންމު މަޖިލީހުގެ ރިޔާސަތަށް ކެމްޕެއިންކުރަމުންނެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، ރާއްޖެއަށް ބައެއް ޤައުމުތަކުގެ ތާޢީދު ލިބިފައިވެއެވެ. އެގޮތުން އަވަށްތެރި އިންޑިއާއިންވެސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ޢާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރުމަށް ތާޢީދުކުރައްވާނެކަން ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ