42 ކިލޯ ޑްރަގާއިއެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

42 ކިލޯ ޑްރަގާއިއެކު ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

Author
މުޙައްމަދު ޝަޒައިމް
31 މާރޗް 2022 04:56
0

މާލޭގެއެއްގައި ވަޅުލާފައި ހުއްޓާ އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓާ ވަނީ ހޯދާފައެވެ. މިމަހުގެ 22 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 3840، އަޙްމަދު ޙުސައިން (39އ) އާއި ކ. މާލެ، މ. ނޫރުއް، ނަޝީދު (46އ) އެވެ.

އެމީހުން ހައްޔަރުކުރި އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކޮށްފައިވެއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ނަޝީދުގެ ބަންދަށް 15 ދުވަސް އަދި އަޙްމަދު ޙުސައިންގެ ބަންދަށް 10 ދުވަސް ދީފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކުރި އަހްމަދު ޙުސައިން އިދިކޮޅު ޕީއެންސީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ކައުންސިލް މެންބަރެކެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.