މާރިޗު 24 ގައި ސްޓެލްކޯގެ ސާވަރ އަށް ދިން ރެންސަމްވެއަރ މައްސަލަ ބަލާ ތަޙްޤީޤްކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހުށަހަޅާފައިވާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ ސަރވަރ އަށް ދިން ރެންސަމްވެއަރ ހަމަލާއާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހަމަލާއާއި ގުޅިގެން އެކުންފުނީގެ އައި.ޓީ ނެޓްވާރކް މެދުވެރިކޮށް ދެމުންދޭ ޚިދުމަތްތަކާއެކު މިކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ޚިދުމަތްދޭ ކައުންޓަރުތަކުން ދެމުންދާ ޚިދުމަތްތަށް އެތާރީޚުން ފެށިގެން މެދުކެނޑުނުކަމުގައެވެ. އަދި މިހަމަލާގެ ސަބަބުން މި ކުންފުނީގެ އައިޓީ ނެޓްވޯރކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ހިތާމައާއި އެކު ފާހަގަކުރާކަމަށެވެ.
މިހަމަލާގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވިނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ކުންފުނީގެ ހެޑް އޮފީހުން ފޯރުކޮށްދޭ ޚިދުމަތަށްއެދި ފޯމް ހުށަހެޅުމާއި، ބިލުދެއްކުމުގެ ޚިދުމަތް ވަނީ ފެށިފައިކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މިހަމަލާގެ ސަބަބުން ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ އެންމެހާ ޚިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މި މައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރެވި، އެފަރާތްތަކުގެ ލަފާއާއި އެހީތެރިކަމާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަދި މި މައްސަލަ ބަލާ ތަޙްޤީޤްކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށް ހުށަހަޅާފައިވާކަންވެސް މި ފުރުޞަތުގައި ފާހަގަކުރަން. މި މައްސަލަ ހައްލުކޮށް، މިކުންފުނިން ދެމުންގެންދާ ޚިދުމަތް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން.
– ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ހަމަލާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.. އަދި މި ދަނޑިވަޅުގައި ދައުލަތުގެ އެކި މުވައްސަސާތަކުންނާއި، ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ވަނީ ޝުކުރު ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ