ޔާމީން ކުރެއްވި "މުޑުދާރު" ކަންކަން އެމްޑީޕީގެ ތެރެއަށްވެސް ވަދެއްޖެ: ޙަސަން

ޔާމީން ކުރެއްވި "މުޑުދާރު" ކަންކަން އެމްޑީޕީގެ ތެރެއަށްވެސް ވަދެއްޖެ: ޙަސަން

Author
މުޙައްމަދު ޖިމީ
30 މާރޗް 2022 10:49
0

ރައީސް ޔާމީން އިންތިޚާބުތަކުގައި ކުރެއްވި "މުޑުދާރު" ކަންކަން މިހާރު އެމްޑީޕީގެ ތެރެއަށްޗެސް ވަދެއްޖެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ. ޙަސަން މިހެން ވިދާޅުވީ، ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްތަރ ފައްޔާޟް އިސްމާޢީލްގެ ކެމްޕޭނު ބައްދަލުވުމެއް ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ބޭއްވި ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ.

ޙަސަން ލަޠީފް ވިދާޅުވީ ދައުލަތުގެ ވަސީލްތައް ބޭނުންކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވަން ފަށާފައިވާކަމަށެވެ. އޭނާ ވަނީ މިކަން ހުއްޓުވާދެއްވުން އެދި ރައީސުލްޖުމްހޫރިއަށާއި، އެމްޑީޕީގެ އިންތިޚާބުތަކާއި ބެހޭ ކޮމިޓީގެ ރައީސް އަނަސް ޢަބްދުއްޞައްތާރަށް ގޮވާލައްވާފައެވެ.

ޙަސަން ލަޠީފް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ ރައީސް ޞާލިޙް ފެކްޝަނާއި ރައީސް ނަޝިދުގެ ފެކްޝަންގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ދަނީ ރައްދުކުރަމުންނެވެ. ދައުލަތުގެ ވަސީލަތް އެމްޑީޕީގެ އިންތިޚާބަށް ބޭނުންކުރާކަމުގެ ތުހުމަތު ޙަސަން ލަޠީފް ވިދާޅުވެފައިވާއިރު، ފެނަކައިގެ މުވައްޒަފުންނަށް ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސަޢީދު ނުފޫޒް ފޯރުވަކަމުގެ ތުހުމަތު ރައީސް ނަޝީދުވެސް ކުރައްވާފައިވެއެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭނަށް ނުފުޒު ފޯރުވާ، ވަކިފަރާތަކަށް ވޯޓު ދިނުމަށް ސައީދު ފެނަކައިގެން މުވައްޒަފުންނަށް ގުޅުއްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވަމުން އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕުގައި ކުރިން ކުރައްވާފައިވާ މެސެޖުތަކުގައި ރައީސް ނަޝީދުވަނީ، ފެނަކަ ސައީދު އެމަނިކްފާނު އެމްޑީޕީން ބޭރުކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ.

ސައީދު އަޅުގަޑު މި ޕާޓީން ވަކިކުރަން އުޅުނަސް، ފެނަކަ ހުރިހާ މުވައްޒަފުން އެކަމާ ނުރުހޭނެ.

ސައީދަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.