ތާއިތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ 2،342 މީހުންކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ރާއްޖޭގައި މިހާރު ކޯވިޑަށް ޕޮސިޓީިވްވާ އަދަދުތައް އާއްމު ކުރަނީ ދެ ހަފްތާއިން އެއް ފަހަރުއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މި މަހުގެ 14 އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 2،342 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެއީ ހަފުތާއަކަށް ބަލާ ނަމަ 178 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/24S3RAwTux
— Health Protection Agency (@HPA_MV) March 28, 2022
އެ މުއްދަތުގެ ތެރޭގައި މާލެ ސަރަހައްދުން 184 މީހުން އަދި އެކި ރަށްރަށުން ކޯވިޑަށް ޕޮޒިޓިވްވީ 1،938 މީހުންނެވެ. އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާ އެކު، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު އުޅެނީ 176،993 ގައެވެ. ސިއްހީ ކުއްލި ހާލަތު އުވާލި ފަހުން ކޮވިޑުގައި އެކަކު މަރުވެފައިވެއެވެ.
މާލެ ސަރަހައްދުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މި މަހުގެ 16-22 އާ ދޭތެރޭގައި ހުރީ 4 ޕަސެންޓުގައެވެ. ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް އަދި ވެސް ހުރީ މަތީގައެވެ. އެޗްޕީއޭއިން ބުނީ މި މަހުގެ 16-22 އާ ދެމެދު ރަށްރަށުގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 38 ޕަސެންޓުގައި ކަމަށެވެ.
ރަށްރަށުގެ ޕޮޒިޓިވިޓީ ރޭޓް މަތިވި ނަމަވެސް މުޅި ރާއްޖޭގެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް އަންނަނީ ދަށްވަމުންނެވެ.