އިދިކޮޅު ޕީޕީއެމް އިން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ "ނޭވާހޮޅިއަށް" މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޕީޕީއެންސީގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާނާއި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހައްޔަރި މައްސަލާގައި މަޖިލީހުން ޤާނޫނާއި ޚިލާފަށް އަމަލުކޮށްފައިވާ މައްސަލަ ބަލައިދޭން ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ޝަރީފްގެ މައްސަލާގައި ބުނެފައިވަނީ، މެންބަރުން ހައްޔަރު ކުރުމުގެ ކުރިން އެމެންބަރުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައި، އަދި ހައްޔަރު ކުރުމަށްފަހު ދެއަތުގާ ބިޑި އަޅުވައި، 24 ގަޑިއިރަށްވުރެ ގިނައިރު ދޫނިދޫގައި ބަންދުކޮށްފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 14 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަންދުކޮށްފިކަމުގެ މައުލޫމާތު މަޖިލީހުގެ ރައީސަށް ލިބިއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން ބެލުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އެއްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 236 ވަނަ މާއްދާގެ (ށ) ގައި މެންބަރަކު ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި ބަންދު ކުރާތާ ގިނަވެގެން އެއްގަޑިއިރުގެ ތެރޭގައި އެކަން މަޖިލީހުގެ ރައީސަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 236 މާއްދާގެ (ށ) އާ އެއްގޮތަށް ޢަމަލުކޮށްފައިނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބައްލަވައިދެއްވުމަށް އާދަމް ޝަރީފްގެ މައްސަލައިގައި ވަނީ އެދިފައެވެ.
ސައީދާއި، ޣައްސާން ދޫކޮށްލާފައިވަނީ ޝަރުތުތަކާއިއެކުއެވެ. އެދެ މެމްބަރުން ހައްޔަރުކޮށްފައި ތިބިތާ 24 ގަޑިއިރު ވެގެންދިޔަ އިރުވެސް މަޖިލީހުން އެއްވެސް އެއްޗެއް ބުނެފައިވެއެވެ.