އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލެންޑްސްގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
ފާޑުކިޔުން އަމާޒުވި އެއް ބިިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއުގެ ދަށުން އައްޑޫގެ އެކި ދިމާލުން 194 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން މި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގައި ހިމެނޭ މަޝްރޫއެކެވެ.
އައްޑޫގައި އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކޮށްދިން ޕޮލިސް އެކަޑެމީ ހުޅުުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރީ ވެން އޫޑްއާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. ވެން އޫޑޫގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޑްރެޖިން، ކޮނީލިއަސް އެޑްރިއާން ޑި ބްރުއިންއެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެތީ، ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެ މަޝްރޫއު ހުއްޓާލަން ޓްރާންސްޕޭރެންސީ ހިމެނޭ ގޮތަށް ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ވަރަށް ގިނަ ޖަމިއްޔާތަކުން ގޮވާލައިފައިވެއެވެ. ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް އަމިއްލަ ފަރާތަކުން އެ މައްސަލަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅާފައިވެއެވެ.
މި މަޝްރޫއުއާ ގުޅޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސިސްޓަންޓް (އީއައިއޭ) ވަނީ ހަދާފައެވެ. އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުއާ ގުޅޭ އީއައިއޭ ރިޕޯޓުގައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. އަދި މަޝްރޫއު އެކުލަވާލާފައި އޮތް ގޮތުން އެންމެ ބޮޑު ގެއްލުމެއް ވާނެކަމަށް ބެލެވެނީ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް އަތޮޅު ތެރެ ކޮނުމުގެ މަސައްކަތް ކުރަމުންދާއިރުކަމަށް ބެލެވޭކަމަށް ރިޕޯޓްގައިވެއެވެ. ރިޕޯޓުގައިވާ ގޮތުން ބިން ހިއްކުމަށްޓަކައި ވެލި ނެގުމަށް ހަމަޖެހިފައި ވަނީ އަތޮޅުގެ އެތެރެވަރިންނެވެ.
މިމަޝްރޫޢު ނުފެށި ލަސްވާތީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މަޖިލީހުގެ ބިން ހިއްކުން ލަސްވާ ސަބަބާއި ގުޅޭގޮތުން މިނިސްޓަރ ޝައުނާއާއި ސުވާލު ކުރައްވާފައެވެ. ޝަރީފްގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ، އައްޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި، ބިމުގެ ދަތިކަމަކީ މިސަރުކާރަށް ވަރަށް ރަނގަޅަށް އެގޭ ހައްލު ހޯދަން ޖެހޭ މައްސަލައެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ތަރައްގީގެ މަސައްކަތް ކުރާއިރު އެއާ އެއް މިންވަރަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވެދާނެ ގޮތަކާއި މެދުވެސް ވިސްނަންޖެހޭކަމަށެވެ.
2 އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ މަސައްކަތަށް ގާތްގަނޑަކަށް 70 އާއި 75 މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ