ޕޮލިސް އެކަޑަމީ ހުޅުވުން: ރައީސްގެ ޝުކުރު ޔާމީނާއި، ވަހީދަށް

ޕޮލިސް އެކަޑަމީ ހުޅުވުން: ރައީސްގެ ޝުކުރު ޔާމީނާއި، ވަހީދަށް

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2022 12:07
0

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވިގެން ގޮސްފައިވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އެކި ރައީސުން ކުރެއްވި މަސައްކަތުންކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ އެރައީސުންނަށް ޝުކުރު ދަންނަވައިފިއެވެ.

މިއަދު ބޭއްވި އައްޑޫ ޕޮލިސް އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިއަދު ހުޅުވިގެންދިޔަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު އެޅުމަށްޓަކައި، މިޕްރޮޖެކްޓުގެ ވާހަކަ ފުރަތަމަ ދެ ސަރުކާރުގެ ދެމެދުގައި ދެކެވިފައިވަނީ 2009 ވަނަ އަހަރުގައި ކަމަށެވެ. ފުރަތަމަ ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާފައިއޮތީ ކ.ދިއްފުށިމާދޫގައި ކަމަށާއި، އެއަށްފަހު ޅ.މާބިންހުރައިން ދ.ވާނީއަށް ޕްރޮޖެކްޓު ބަދަލުކުރެވުނު ކަމަށެވެ.

އައްޑޫ ސިޓީގެ މަރަދޫ ހިތަދޫ ގުޅޭ މިސަރަހައްދުގައި މިޕްރޮޖެކްޓު ހިންގަން ނިންމާފައިވަނީ 2014 ވަނަ އަހަރު ފެބުރުވަރީމަހު އޭރު އޮތް ރައީސް ޔާމީންގެ ސަރުކާރުން ކަމަށާއި، ޕްރޮޖެކްޓުގެ ޕްލޭނިންގ މަސައްކަތް ނިންމުމަށްފަހު ޢަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހު ކަމަށެވެ. އަދި މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީޚަކީ 2022 ވަނަ އަހަރުގެ ފެބުރުވަރީގެ ނިޔަލަށް ކަމަށާއި، މިސަރަހައްދަކީ ވަރަށް ހަނި ސަރަހައްދެއްކަމުން ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށްޓަކައި 200,000 އަކަ މީޓަރުގެ ބިންވަނީ އިތުރުކުރެވިފައިކަމަށެވެ.

އިންޑިއާ ސަރުކާރުން މިވަނީ 30 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް މިޕްރޮޖެކްޓަށް ހޭދަކޮށްފަ. އިރާދަ ކުރެއްވީތީ މިއަދު އަޅުގަނޑުމެން މިބާއްވަނީ މިފުރިހަމަ ކޮލެޖް ހުޅުވުމުގެ ރަސްމިއްޔާތު. މިއީ އިންޑިއާ ސަރުކާރުން ދިވެހިންނަށް ވެދީފައިވާ ދީލަތި އެހީއެއް މިޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގައި މީގެ ކުރީގެ ސަރުކާރު ތަކުން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް އަޅުގަނޑު ރައީސްކަމުގައި ތިއްބެވި ބޭފުޅުންނަށް ޝުކުރު ދަންނަވަން. އެގޮތުން ކުރީގެ ރައީސް ޔާމީނަށާއި، ރައީސް ވަހީދަށް ޚާއްސަ ޝުކުރެއް ދަންނަވަން.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތްދިނުމަކީ މިސަރުކާރުގެ ވައުދެއްކަމަށެވެ. ކޮންމެ ޤައުމެއްގައިވެސް ފުލުހުންނަކީ މުޖުތަމައުގެ ތެރޭގައި އާންމު ރައްޔިތުންނާ ލާމެހިގެން، ރައްޔިތުންނަށް އަމާންކަމާ ހަމަޖެހުމާ ސުލްހަމަސަލަސްކަން ހޯދައިދޭން ތިބޭ ބައެއް ކަމަށާއި، ފުލުހުންގެ ޙިދުމަތެއް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނާއި އެކުގައި އަދި ރައްޔިތުންނާ ގާތުން މަސައްކަތްކޮށްގެން ކަމަށެވެ.

ވަކި ޚާއްސަ މުޖުތަމައުގައި ހުންނަ މައްސަލަތައް ހައްލުކުރުން ތަމްރީނުތަކެއް ދޭންޖެހެނީ އެސަބަބަށްޓަކައި ކަމަށާއި، މި ކޮލެޖް ހުޅުވިގެން މިދަނީ ފުލުހުންގެ ތަމްރީންތަކަށް މިޒަމާނުގައި ބޭނުންވާނެ ހުރިހާ ވަސީލަތްތަކަކާއިއެކުގައިކަމަށެވެ. މި ކޮލެޖުން ދޭ ތަޢުލީމާ ތަމްރީނުތަކުގެ ސަބަބުން ޑިމޮކްރަޓިކް އުސޫލުތަކަށް ފުލުހުންގެ ލޯ ހުޅުވި، އަދި ޒަމާނީ ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވާނެ ކަމަށެވެ. އަދި ކޮންމެ ފުލުހަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ އަދި މަސައްކަތަށް ޤާބިލް މީހަކަށްވެގެންދާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމިއުނިޓީ އޮރިއެންޓެޑް ފުލުހުންގެ ޚިދުމަތެއް ދެވޭނީ، އެ އަސާސްތަކުގެ މަތީގައި ފުލުހުން ތަމްރީންކޮށްގެން އެފަދަ ޚިދުމަތެއް ދެވޭނެ މިންވަރަށް ފުލުހުން ތަމްރީންކުރެވޭނެ ފުރިހަމަ ވަސީލަތްތައް ހުރުމަކީ މުޅި ދައުލަތުގެ މަސްލަޙަތާ ގުޅިފައިވާކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ކޮލެޖަކީ، ދިވެހި ރައްޔިތުން އުންމީދުކުރާ ފަދަ ޚިދުމަތަކަށް މަގު ކޮށައިދޭނެ ތަނަކަށް ވެގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.