ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ހާޓް އެޓޭކެއް ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި، އަދި މިހާރު އިގެރޭސިވިލާތުގެ ބްރެންޓްފޯޑަށް ކުޅެމުން އަންނަ ކްރިސްޓިއަން އެރިކްސަން އެނބުރި އައިސް ޤައުމީ ޓިމަށް ކުޅުނު ފުރަތަމަ މެޗުގައި ގޯލް ޖަހައިފިއެވެ.
ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި، ރޭ ނެދަލެންޑްސް އާދެކޮޅަށް ޑެންމާކު ކުޅުނު މެޗުގައި އެޓީމުގެ ދެވަނަ ލަނޑު ޖެހީ އެރިކްސަން އެވެ. ނެދަލެންޑްސްއިން މެޗު ކާމިޔާބު ކުރީ 4-2 ންނެވެ.
މެޗުން ޑެންމާކް ބަލިވިޔަސް އެރިކްސަން ޤައުމީ ޓީމަށް އެނބުރި އައި މެޗަށް ރޭގެ މެޗު ވުމުން މިމެޗު ވަނީ އެޤައުމުގެ އެތައްރައްޔިތުންނަކަށް ޚާއްސަ މެޗަކަށް ވެފައެވެ. އޭނާ ވަނީ ކުޅެން ނިކުތްތާ ދެމިނިޓްގެ ތެރޭގައި ގޯލެއް ޖަހާފައެވެ.

ޑެންމާކްގެ މިޑްފީޑާ އެރިކްސަންއަށް ހާޓް އެޓޭކެއް ޖެހިފައިވަނީ ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗްގައެވެ. އެމެޗްގެ 41ވަނަ މިނެޓްގައި އެރިންސަންއަށް ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓުނުއިރު، އޭނާއަށްވަނީ ދަނޑު މަތީގައިވެސް ގިނަ އިރުތަކެއް ވަންދެން ފަރުވާދީފައެވެ. އަދި ދަނޑުމަތީގައި ފަރުވާ ދިނުމަށްފަހު، ހޮސްޕިޓަލްގައި ވެސް އެރިކްސަން ގިނަ ދުވަސްތަކެއް ހޭދަކުރިއެވެ. މިހާރު އެރިކްސަން ކުޅެމުންދަނީ ހިތަށް ޕޭސް މޭކާރއެއް ލައްވައިގެންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި އެރިކްސަން އޭނާ އޭރުގައި ކުޅެމުންދިޔަ އިންޓަލީގެ އިންޓަރ މިލާނަށް ކުޅޭވޭ ތޯ މަަސައްކަތް ކުރިއެވެ. ނަމަވެސް އިޓަލީ ލީގުގެ ސިއްހީ ގައިޑްލައިންގެ ދަށުން ޕޭސް މޭކަރ ލައްވައިގެން އޭނާއަށް އިޓަލިއަން ލީގްގައި ކުޅެވޭ ގޮތެއް ނުވިއެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ އުއްމީދުގައި ހުރި އެރިކްޝަން އިންޓަރ މިލާންއާއިއެކު ހަދާފައިވާ އެއްބަސްވުން، ދެ ފަރާތް ގުޅިގެން އުވާލުމަށްފަހު، އެރިކްޝަން ބަދަލްވީ އިންގްލެންޑްގެ ބްރެންޓްފޯޑަށެވެ.
ކޮމެންޓު ފޮނުވާ