"އިންޑިއާ އައުޓު" ނުވަތަ "އިންޑިއާ މިލްޓްރީ އައުޓު" މިޙަރަކާތް ޢާއްމުކޮށް ފެށީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޢާއްމު މެމްބަރުންނެވެ.
މީގެ އިތުރުން އެ ދެޕާޓީއާ ސިޔާސީގޮތުން ގުޅުމެއް ނެތް ބައެއް ޢާއްމުންނާއި މަޝްހޫރު ބައެއް ބޭފުޅުންވެސް ފަހުން މިޙަރަކާތާ ގުޅުނެވެ. އޭރު ސަރުކާރާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ބުނަމުން ދިޔައީ މިއީ "ހައެއްކަ ކެނައިން" ހިންގާ އެއްވެސް ތާކުންތާކުނުޖެހޭ ހަރަކާތެއް ކަމުގައެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށެވެ. އަދި މިޙަރަކާތުގެ ބައިވެރިން ބުނާފަދަ އިންޑިއާގެ އަސްކަރީ ބާރެއް ރާއްޖޭގައި ނެތްކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެއެވެ. އަދި އިންޑިއާ ސިފައިންވެސް ރާއްޖޭގައި ނެތްކަމަށް ސަރުކާރުގެ އެކި ފެންވަރުގެ އެކި ވެރިން އެކި ފަހަރުމަތިން ވިދާޅުވެފައި ވެއެވެ.
މަންޒަަރު ބަދަލުވީ ރައީސް ޔާމީންގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާޠިލްކުރި ހިސާބުންނެވެ. އެއާއެކު އިދިކޮޅު ޙަރަކާތްތަކަށް އިތުރު ދިރުމެއް ލިބުނެވެ. އިންޑިއާ އައުޓު ޙަރަކާތަކީ ސީދާ ރައީސް ޔާމީން އަންގަވައިގެން އެމަނިކުފާނުގެ ސީދާ އިރުޝާދުގެ ދަށުން ހިންގާ ޙަރަކާތެއްކަން ފުރަތަމަ ފަހަރަށް ރައީސް ޔާމީން ޢިއުލާން ކުރެއްވިއެވެ. އަދި ކާނިވާ ސަރަޙައްދުގައި އެތައް ސަތޭކަ ބަޔަކާއެކު ބޮޑު ޖަލްސާއެއް ބާއްވައި ހަރު އަޑުފުޅުން އިންޑިއާ އައުޓޭ ވިދާޅުވެ މުޅި ރާއްޖެއަށް މިޙަރަކާތް ފުޅާކުރެއްވިކަން ޢިއުލާން ކުރެއްވިއެވެ.
ކުރިންވެސް ބައިނަލްއަޤުވާމީ މީޑިއާގެ ސަމާލުކަން ލިބިފައިވާ މިޙަރަކާތުގެ ވާހަކަ ދުނިޔޭގެ އެކި މީޑިއާތަކުގެ ފަލަ ސުރުޚީއަށް އެރީ މިހިސާބުންނެވެ. އަދި ބައެއް ޤައުމުތަކާއި ޖަމްޢިއްޔާތަކާއި ނޫސްތަކުން، ދިވެހި ސަރުކާރާއިން އިންޑިއާ ސަރުކާރާ މި ހަރަކާތާއި ގުޅިގެން އެތައް ސުވާލެއް ކުރަންފެށިއެވެ. ދެޤައުމުގެ ސަރުކާރުން މިކަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް މިއީ ހަޤީގަތްކަން އޮތީ ސާފުކޮށް ފެންނާށެވެ.
ކިހާވަރެއްގެ ޕްރެޝަރެއް؟
ހަޤީޤަތުގައިވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި އެބަތިބިކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައިވަނީ "އިންޑިއާ އައުޓު" ކެމްޕެއިންގެ ޕްރެޝަރާ ހެދިކަމަށް ގިނަބަޔަކު ގަބޫކުރެއެވެ. އެއީ ދާޚިލީ އަދި ޚާރިޖީ ޕްރެޝަރެވެ. އެހެންނަމަވެސް، އިންޑިއާ ސިފައިން އެބަތިބިކަމަށާ، އެއީ ނުރައްކަލެއް ނެތް ރަނގަޅު ސިފައިންކަމަށް އެއަށްފަހު ސަރުކާރުން ސިފަ ކޮށްފައި ވެއެވެ. އަދި އެކީ މަދުބައެއްކަމަށާ، އެއީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ދިވެހި ސަރުކާރުގެ ބޭނުމަށް ތިބި ބައެއްކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ. އެހެންނަމަވެސް މިއީ މީގެ ކުރިން، ރާއްޖޭގައި ގައުމުން ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނެތްކަމަށް ހާމަކުރަމުން އައި، ސަރުކާރުގެ އިސްބައެއް އޮފިޝަލުންގެ ބަސްމަގަށް ފަހުން އައި ބަދަލުތައްކަން ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް، އެއަށްފަހުވެސް، އިންޑިއާ އައުޓު ޙަރަކާތުގެ ޕްރެޝަރެއް ސަރުކާރަށް ނެތްކަމަށްބުނެ ސަރުކާރުގެ މޫނުމަތިން ހަމަޖެހޭކަން ދައްކަން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް އިންޑިއާ އައުޓުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދަމުން އައި ހަރަކާތުގެ ޕްރެޝަރ ހަގީގަތުގައި ސަރުކާރުގެ އެކި ގިންތަކުންނާއި ފަންތިތަކުންވަނީ ފެނިގެން ގޮސްފައި ވާކަން ސާފުވާން އޮތީ، ސަރުކާރުގެ ވުޒާރާތަކުންނާއި ރައީސް އޮފީހުން އޭގެފަހުން ނެރެފައިވާ ބަޔާންތަކުންނެވެ.
ސިފައިންނާއި ފުލުހުންގެ ވެރިންނާއި ސަރުކާރުގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ޤާނޫނީ ބުރަދަނެއްނެތް ސިޔާސީ އިންޒާރުދީ "އިންޑިއާ އައުޓު" ހަރަކާތް ހުއްޓުމަކަށް ގެނައުމަށް ވަކި ޤާނޫނެއް ފާސްކުރަން މަސައްކަތް ފެށުންފަދަ، ޑިމޮކްރެޓިކް ނަޒަރުން ބަލާއިރު "ހެއްވާ" ކަންކަން ކުރުމަށް މަޖިލީހުން ކަމަރު ބަނދެފައި ވެއެވެ.
ހަމަ އެއާއެކު ފާހަގަވާން އަނެއްކަމަކީ، އިންޑިއާ އައުޓު ހަރަކާތާ ދެކޮޅަށް ސަރުކާރަށް ތާޢީދުކުރާ ސިޔާސީ ބައެއް ފަރާތްތަކުން ކިޔުއްވަމުން ގެންދަވަނީ އަދި މުޅިން ތަފާތު ލަވައެއް ކަމެވެ. އިންޑިއާއިން ފިޔާ ގަންނަމުން އިންޑިއާ ސިފައިން މިޤައުމުގައި ތިބުމާ ދެކޮޅު ނުހެދޭނެ ކަމުގެ ވާހަކައެވެ. ހިންދުސްތާނު ލަވަ އަޑުއަހަމުން އިންޑިއާ ސިފައިންނަށް މިޤައުމު ނުހިފޭނޭ ނޮގޮވޭނޭ ކަމަށެވެ. އިންޑިއާގެ އަސްކަރީ ގާބިލްކަމަށް ބަލާއިރު، އިންޑިއާ ސިފައިން ބޭނުއްވެއްޖެ ކޮންމެ ހިނދެއްގައި ރާއްޖެ ހިފައި އަޅުވެތި ކުރެވިދާނޭކަމަށް، ޚުދު ރާއްޖޭގެ ޑިފެންސް މިނިސްޓަރުވެސް ވިދާޅުވެއްޖެއެވެ.
ކޮންމެއަކަސް "އިންޑިއާ އައުޓު ހަރަކާތަކީ ސަރުކާރަށް ފަސެހަ ނޫން ހަރަކާތަކަށް ވެގެން ގޮސްފައިވާކަން ސާފުވާން އޮތް އެއް ހަގީގަތަކީ، އިހަށްދުވަހު މާލޭގައި "ނޭވާ ހޮޅިއަށް" މިނަމުގައި އިދިކޮޅުން ބާއްވަން އުޅުނު އެއްވުން ހުއްޓުވުމަށް ފުލުހުން ކޮށްފައިވާ މަސައްކަތަކާއި، އަދި އެޅި ފިޔަވަޅުތަކެވެ. އެއްވުން ބޭއްވުމުގެ އެއްދުވަސްކުރިން މަގުތައް ބަންދުކުރަން ބެރިކޭޓުތައް އެއްކޮށް، އެއްވުން ބާއްވަން ކަނޑައަޅާފައި އޮތް ވަގުތުގެ ހަތަރު ގަޑިއިރުކުރިން އަސްކަރީ ސިފައިންނާއި ފުލުހުން ނުކުމެ މާލޭގެ ބޮޑެތި މަގުތައް ބަންދުކޮށްފައި ވެއެވެ.
އަދި މި އެއްވުން އެކަތިގަޑަކަށް ވުމުގެ ކުރިން ފުލުހުން ވަނީ މިއެއްވުން އެކީއެކަށް ރޫޅާލާފައެވެ. އެއްވުން ބާއްވަން ފުރުސަތު ނުދިން ސަބަބަކީ، އެއްވުމުގައި މާލޭގެ ގޭންގު ގްރޫޕުތައް ބައިވެރިކޮށް ހަމަނުޖެހުން އުފައްދަން ރާވައިފައި އޮތުމުންކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެއްކަމަކީ، ޑިމޮކްރެޓިކް މުޖުތަމަޢެއްގައި މިހެން ބުނެލާފައި ޢާއްމު އެއްވުން ހުއްޓުވުމަކީ ތަހުޒީބު ގޮތްތޯ؟، ހަމަނުޖެހުން ހިންގަން ރޭވިކަމުގެ ހެއްކަކީ ކޮބައިތޯ؟، އެކަން ރޭވީ ކޮންބައެއް ކިހިނެއްތޯ؟، ހަމަޖެހުން ހިންގަން ކުރަން އުޅުނީ ކޮން ކަމެއްތޯ؟، އެފަދަ ނުރައްކާތެރި ބަޔަކު ހައްޔަރުނުކޮށް މުޖުތަމަޢަށް ދޫކޮށްގައި ފުލުހުން ތިބީ ކީއްވެގެންތޯއެވެ؟ މިއީ ހައްތާވެސް ފުލުހުންނަށް އަމާޒުކުރެވޭ ސުވާލުތަކެވެ.
ފާއިތުވެދިޔަ ތަނުގައި ސފުލުހުންވަނީ "އިންޑިއާ އައުޓު" ޙަރަކާތާ މަސްތުވާތަކެއްޗާ ގުޅުވައިގެން މި ހަރަކާތާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އަދި ސަރުކާރަށް ތާއީދުކުރާ ބައެއް މީޑިއާތަކުންވަނީ، އިންޑިއާ އައުޓު ޙަރަކާތުން ބާއްވަން އުޅުނު "ނޭވާ ހޮޅިއަށް" އެއްވުމާއި އޭގެ ކުރީރޭ ފުލުހުން އަތުލައިގަތް ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ ގުޅުން ހުރިކަމަށް ތުހުމަތުކޮށް ރިޕޯޓުކޮށްފައެވެ. ހުއްޖަތަކަށް ދައްކާފައިވަނީ، އެމައްސަލާގައި ތުހުމަތުކުރެވޭ މީހަކު އިދިކޮޅު ޕީއެންސީއަށް ނިސްބަތްވުމެވެ.
އެހެންނަމަވެސް، ޕާޓީތަކަށް ނިސްބަތްވާ ވަކިވަކި ފަރުދުން ހިންގާ ޖިނާއީ ކުށްތަކާއި، ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތަކާ ގުޅުވާ ކަމަށްވާނަމަ، ވެރިކަން ކުރާ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރޭގައިވެސް މިބާވަތުގެ އެތައް ތުހުމަތެއްކުރެވޭ މީހުން ތިބިކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. މަސްތުވާތަކެއްޗާއި މާރާމާރީއާއި މީހުން މެރުންފަދަ ބޮޑެތި އެތައް ކުށެއްގެ ތުހުމަތުކުރެވި، ކުރިން ޖަލަށްލާފައިވާ، މާލޭގައި ބޮޑެތި ގޭންގުތަކަށް ނިސްބަތްވާކަމަށް ތުހުމަތުކުރެވޭ މީހުންވެސް އެބަތިއްބެވެ. އެހެންނަމަވެސް އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކާ އެފަދަ ކުށްކުށާ ގުޅުވިދާނެތޯ މިއީ، އިންސާފުގެ ތަރާދުން ވިސްނާ ޖަވާބު ހޯދާންޖެހޭ ސުވާލެއް ކަމުގައި ދަންނަވާން ޖެހެއެވެ.
ކުރިޔަށް ހުރި ދުވަސްތައް ފަސޭހައެއް ނުވާނެ!
ކޮންމެއަކަސް "އިންޑިއާ އައުޓު" ހަރަކާތަކީ ސަރުކާރަށް ފަސޭހަނޫން ހަރަކާތެއްގެ ގޮތުގައި މިއަދު ފާހަގަވާން އޮތްކަކީ، ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ. އަދި މި ހަރަކާތުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ ގޮތުންނާއި ދާޚިލީގޮތުންވެސް އެތައް ގޮންޖެހުމަކާ، ސަރުކާރަށް ކުރިމަތިލާން ޖެހިފައިވާކަމީ މިއަދު ހަމަ އެބީދައިން ގަބޫލުރަންޖެހިފައިވާ އެއް ހަގީގަތްވެސްމެއެވެ.
ފާއިތުވެދިޔަ ހަފްތާގައި، ރޮއިޓަސްއިން ގެނެސްދީފައިވާ ރައީސް ޔާމިންގެ އިންޓަވިއުއާއި ގުޅިގެން އެ ނިއުސް އޭޖެންސީން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރުވެސް ރާއްޖޭގެ މައްޗަށް ނުފޫޒު ހިންގައި ރާއްޖެ ކޮންޓްރޯލްކުރަން އިންޑިއާއިން ބޭނުންވާކަމަށް ފާހަގަ ކޮށްފައި ވެއެވެ. އަދި އެފުރުސަތު ދީގެން ބައިނަލްއަޤުމީ މުޖުތަމަޢާއި ސަރަޙައްދީ އެހެން ޤައުމުތައް ނުތިބޭނޭކަންވެސް އެ ނޫހުން ފާހަގަ ކޮށްފައި ވެއެވެ. އެހެންކަމުން އިންޑިއާ އައުޓަކީ މިއީ ކުޑަ މައްސަލައެއް ކަމުގައި ދެކި ސަރުކާރަށް ހަމަޖެހިލައިގެން އޮވެވިދާނޭކަމުގައި ބެލެވޭކަށް ނެތެވެ.
އަދި ކުރިއަށްއޮތީ ރައީސް ޞާލިޙުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނެވެ. "އިންޑިއާ އައުޓު"ގެ ކޮންމެ ޙަރަކާތެއް ފަސޭހައިން ހުއްޓުވާލައި ސަރުކާރަށް ފަސޭހަކަމާއެކު ކެމްޕެއިން ކުރަން ފުރުސަތު ލިބިގެން ދިއުމަކީ، މި ހަރަކާތުގެ މިހާރުގެ މިސްރާބަށް ބަލާއިރު، އެހާ ފަސޭހަކަމެއްގެ ގޮތުގައި ފާހަގަވާން ނެތްކަމުގައިވެސް މިފުރުސަތުގައި ދަންނަވާން ޖެހެއެވެ.
One Response
އެއްވެސް އަސްލެއްނެތް،، ވާއިބަޑި،،ސަކަރާތެއް،ތިއައީ ފުތުނައެއް، ބޭކާރުކަމެއް،،