ރަޝިއާއިން އެތެރެކުރާ ގޭހަށް، ރަޝިއާގެ ފައިސާ ރުބެލްއިން އަގު ނުދައްކާނެކަމުގައި، ޕޮލެންޑު ސަރުކާރުގެ ހަކަތަ ކުންފުނިން ބުނެފިއެވެ. ޕޮލެންޑް ވެގެން ދިޔައީ، ރަޝިއާއިން ޔޫކުރެއިންއަށް އެރުމާއެކު ދުނިޔޭގެ ގައުމުތަކުން އެގައުމާދެކޮޅަށް ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތައް އެޅުމާއި ގުޅިގެން، ރަޝިއާއިން ވިއްކާ ހަކަތައްއަށް ރުބެލްއިން ފައިސާ ދެއްކުމަށް އެގައުމުން ކުރަމުންދާ ޑިމާންޑުތަކަށް އެންމެފަހުން ދެކޮޅުހެދި ގައުމު ކަމުގައެވެ.
"އެކަން ކުރާނެގޮތެއް ނުވިސްނޭ،" ޕޮލެންޑުގެ ސްޓޭޓް އޮއިލް އެންޑް ގޭސް ކޮމްޕެނީގެ ވެރިޔާ ޕަވެލް މަޖެސްކީއާއި ހަވާލާދީ އޭއެފްޕީން ރިޕޯޓު ކޮށްފައިވެއެވެ.
"ފައިސާ ދައްކަންވީ ގޮތް އޮތީ ވެފައިވާ އެއްބަސްވުމުގައި ބަޔާން ކޮށްފައި. އޭގައި ނެތް ބަޔާން ކޮށްފައި އެއްފަރާތަކުން ބޭނުންވާ ގޮތަށް އެއަށް ބަދަލު ގެނެވިދާނެކަމަށް ބުނެފައި."
ހުޅަނގާއި ޔޫރަޕްގެ ގައުމުތަކުން އެގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކަށްފަހު، ފާއިތުވެދިޔަ ހަފްތާގެ ބުދަ ދުވަހު، ރަޝިއާގެ ރައީސް ލާޑިމިރު ޕުޓިން ވިދާޅުވެފައިވަނީ، "ރަހުމަތްތެރި ނޫން" ގައުމުތަކުން، ރަޝިއާއިން ގަންނަ ގޭހަށް ފައިސާ ދައްކަން ޖެހޭނީ "ރުބެލް"އިން ކަމުގައެވެ.
ޖާމަނީގެ އިކޮނޮމީ މިނިސްޓަރ ވިދާޅުވަފައިވަނީ، ރަޝިއާއިން ގަންނަ ގޭހަށް ރުބެލްއިން ފައިސާ ދައްކަން މަޖުބޫރު ކުރުވުމަކީ، ވެފައިވާ އެއްބަސްވުމާއި ޚިލާފް ކަމެއް ކަމުގައެވެ. އަދި ރަޝިއާގެ މި ނިންމުމާއި ގުޅޭގޮތުން، ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކާ މަޝްވަރާ ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. ޖާމަނީއަކީ، އެގައުމުގެ ހަކަތައިގެ %55 ރަޝިއާއިން އެތެރެކުރާ ގޭހަށް ބިނާވާ ގައުމެކެވެ.
ޕޮލެންޑުން ރަޝިއާއެކު ވެފައިވާ ހަކަތައިގެ އެއްބަސްވުމުގެ މުއްދަތު ހަމަ ވާނީ މިއަހަރުގެ ނިޔަލަށެވެ. އަދި ޕޮލެންޑުން ނިންމާފައިވަނީ އެއަށްފަހު، ރަޝިއާގެ ހަކަތައަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ލިކުއިފައިޑް ގޭސް ޝިޕްމަންޓުތައް އެގައުމުގެ ޕޯޓުތަކަށް ގެނައުމަށާއި، ބޯލްޓިކް ކަޑުގައި އަޅާފައިވާ ގޭސް ހޮޅި މެދުވެރިކޮށް ނޯވޭއިން ގޭސް ގަތުމަށެވެ.
ކޮމެންޓު ފޮނުވާ