ވޯލްޑްކަޕަށް ކޮލިފައިންގެ ޔޫރަޕިއަން ކޮލިފިކޭޝަނުގައި ނޯތް މެސެޑޯނިއާ އަތުން އެންމެ ފަހުވަގުތު ބަލިވެ ޔޫރަޕުގެ ޗެމްޕިއަން އިޓަލީން ޖެހިޖެހިގެން ދެވަނަ ވޯލްޑްކަޕުން ފުރުސަތު ގެއްލިއްޖެއެވެ.
މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީއަށް ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުން ޖެހިޖެހިގެން ފުރުސަތު ގެއްލުނު ދެ ވަނަ ފަހަރެވެ. ރަޝިޔާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް އިޓަލީ ނުކުޅެ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ޖާގަ ގެއްލުނީ ޕްލޭއޮފްގައި ސްވިޑަން އަތުން ބަލިވެގެންނެވެ.
މިއީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި ހިތްދަތި ނަތީޖާއެކެވެ. އެންމެފަހުން ބޭއްވި ޔޫރޯ ކާމިޔާބުކުރުމާއި އެކު ގިނަބަޔަކު އުއްމީދުކޮށްގެން ތިބީ މިފަހަރުގެ ވޯލްޑްކަޕުން ވެސް އިޓަލީ ފެނިދާނެ ކަމަށެވެ
މިފަހަރުގެ ވޯލްޑްކަޕް އިޓަލީއަށް ގެއްލުނީ ނޯތް މެސެޑޯނިއާ އަތުން 1-0 އިން ބަލިވުމުންނެވެ. މެޗުގައި ނޯތު މެސެޑޯނިއާ މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ފަސް މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގެ ތެރޭގައެވެ.
މި ބޮޑު ބައްޔާ އެކު އިޓަލީ މިވަނީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތުން އެންމެ ފަހުގެ ފެނިލުމަށް ފަހު 12 އަހަރުގެ މުއްދަތެއް ވޭތުކޮށްފަ އެވެ. އިޓަލީ އަށް ދެން އޮންނާނީ 2026 ގެ ވޯލްޑް ކަޕުގެ ފައިނަލް ބުރުން ޖާގައެއް ހޯދުމެވެ.
ދުނިޔޭގެ ރޭންކިންގެ 67 ވަނައިގައި އޮތް ނޯތު މެސެޑޯނިއާ އިން ޕްލޭއޮފް ފައިނަލުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ޕޯޓޯގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލްއާ އެވެ. ޕްލޭއޮފް ސެމީގައި ތުރުކީ 3-1 އިން ބަލިކުރި ޕޯޗުގަލް ފައިންލް މެޗުން މޮޅުވެއްޖެ ނަމަ ގަތަރު ވޯލްޑް ކަޕުން ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނާނެއެވެ.