ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަން ކުޅެ ޑައިރެކްޓްކޮށްފައިވާ ފިލްމު "ރަންވޭ 34″ ރިލިޒް ކުރާ ދުވަސް އަންނަނީ ކައިރިވަމުންނެވެ.
މި ފިލްމްގެ ޕްރޮމޯޝަންތައް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ. ފިލްމުގައި އަޖޭގެ އިތުރުން މުހިންމު ރޯލަކުން ރަކުލް ޕްރީތް ސިންގް އާއި އަމީތާބް ބައްޗަން ފެނިގެންދާނެއެވެ.
އަޖޭ އާއި ރަކުލް މި ފިލްމްގައި ފެނިގެންދަނީ ޕައިލެޓުންގެ ރޯލުންނެވެ. އަމިތާބް ފެނިގެން ދާނީ އިންވެސްޓިގޭޝަން އޮފިސަރެއްގެ ރޯލުންނެވެ.
ފިލްމާ ބެހޭގޮތުން އަޖޭ ބުނިގޮތުގައި މި ފިލްމު، އަމިތާބް ނެތްނަމަ ނުހެދުނީސް ކަމަށެވެ.
" އަމީތާބަކީ މި ފިލްމްގެ އެއް ތަނބު، އަމީތާބް މި ފިލްމަށް އެއްބަސް ނުވިނަމަ ފިލްމު ނުހެދުނީސް. އަމީތާބް ކުޅެފައި އިން ރޯލު އެހެން މީހަކަށް ނުކުޅެވޭނެ. އަމިތާބް މި ރޯލު ނުކުޅުންނަމަ މި ފެންވަރުގައި މި ރޯލު ކާސްޓް ކުރާނެ މީހެއް ހިތަށް ވެސް ނާދޭ." މިހާރު ޓްރެއިލާވެސް ނެރިފައިވާ ފިލްމް "ރަންވޭ 34″ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން އަޖޭ ބުނެފައިވެއެވެ.
ހަގީގީ ހާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް ހަދާފައިވާ މި ފިލްމު ރިލީޒް ކުރުމަށް ތާވަލުކޮށްފައި ވަނީ މި އަހަރުގެ އެޕްރިލް މަހުގެ 29 ވަނަ ދުވަހަށެވެ.