މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ފަދައިން މާލެ ސިޓީގެ ޚަބަރުތަކާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކާ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ ހުޅުވިގެން ދިޔަ މީޑިއާ ސެންޓަރަކީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގައިވާގޮތަށް ކައުންސިލާއި މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށްޓަކައި ފެށިގެން ދިޔަ މުހިންމު މަސައްކަތެއްކަމަށެވެ. މޭޔަރު ވިދާޅުވީ މި މަސައްކަތަކީ ކައުންސިލް ބަޖެޓްގައިވެސް ހިމެނިފައިވާ ކަމެއް ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރަކީ މާލެ ސިޓީގެ ރައްޔިތުންނާއި މީޑިއާތަކާއި ގުޅޭނެ ވަސީލަތަކަށް ވެގެންދާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މީޑިއާ ސެންޓަރުން މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލް އޯޑިއޯ އާއި ވީޑިއޯ އަދި ބައްދަލުވުންތަކުގެ ޒަރީޢާއިން ރައްޔިތުންނާއި ހަމަޔަށް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މޭޔަރު މުޢިއްޒު ވަނީ ދެއްވާފައެވެ.
މިއާއި އެކު އަމިއްލަ ފަރުދުންނާއި އެކިއެކި ޖަމިއްޔާތަކާއި ކްލަބްތަކާއި އެނޫންވެސް ފަރާތްތަކަށް މި ސެންޓަރުގެ ބޭނުން ހިފޭނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލް މީޑިއާ ސެންޓަރުގައި އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތާއި، މަދަޙަ މުބާރާތް ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވުނު ބައްދަލުވުމުގައި ރާއްޖޭގެ މީޑިއާ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ބައިވެރިވެ ވަޑައިގެންދެއްވި ކަމަށްޓަކައި މޭޔަރު ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ އަށް ޝުކުރު ދަންނަވާފައެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން ކައުންސިލަރުންނާއި ސިޓީ ކައުންސިލްގެ އިސްވެރިންނާއި، މީޑިއާތަކުން ބައިވެރިވެފައިވެއެވެ.
މާލެ ސިޓީ ކައުންސިލްގެ މީޑިއާ ޓީމް އެކުލަވާލެވި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކައުންސިލްގެ ވެބްސައިޓް ގެ އާ ފަރުމާ، އަދި ޓެލެގްރާމް ޗެނަލް، އަދި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރު ޤާއިމްކޮށް ރަސްމީކޮށް އިފްތިތާޙް ކުރެވިގެންދިއުމަކީ ކައުންސިލްގެ މަސައްކަތްތަކުގެ މަޢުލޫމާތު މާލެ ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެކެވެ.