ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި މަސްވެރީންގެ ހައްގުގައި އެއްވެސް ބަހެއް ނުބުނެ ކުއްލިއަކަށް މަސްވެރިންގެ މަތީން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ހަދާންވެ، ހައްގު ހޯދަންކަމަށްވުނެ ވާހަކަ ދެއްކުމަކީ އަޖައިބުވާ ކަމެއްކަމަށް ޓްރޭޓް ޔޫނިއަންގެ ނައިބް ރައީސް ސައުދު ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ މިސަރުކާރުން ވައުދުވެފައިވާ މަހަށް ހަމަ އަގުު ހޯދުމަށް ވެފައިވާ ވައުދު ތަންފީޒުނުވެ، މަސްވެރިންނަށް އިހުމާލުވާތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރު ހުސެއިން ފިރުޝާން މަޖިލީހަށް މައްސަލައަކާއި ގުޅިގެންނެވެ. ފިރުޝާންގެ މައްސަލާގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ފިރުޝަންގެ މިވާހަތަކާއި ގުޅިގެން ސައުދު ވިދާޅުވީ މިވީ ތިން އަހަރުގައި މަޑަވެލީގެ މަސްވެރިންނާއި، ރައްޖޭގެ އެހެން މަސްވެރިންގެ ހައްގުގައި ބަހެއް ނުބުނު ކުއްލިއަކަށް މަސްވެރިންނަށް މާހެޔޮ އެދިހެން ފިރުޝާން އުޅޭ މަންޒަރު ފެނުމުން ވަރަށް ހައިރާންވާކަމަށެވެ. މިވީހާތަނަށް މަސްވެރިންގެ ހައްގުގައި އެއްވެސް އެއްޗެއް ނުބުނެ ހަނނު އިންނެވުމަށްފަހު ކުއްލިއަކަށް މަސްވެރިންގެ ހައްގުގައި ފިރުޝާން ތެދުވުމަކީ މަސްވެރިންނަށް ކުރާ ފުރައްސާރައެއްކަމަށް ސައުދު ވިދާޅުވިއެވެ.
މިއަދު މަޑަވެލި ދާއިރާގެ މެމްބަރު މަސްވެރިންގެ މަތީން ހަދާން ވުމުން ހަމަ އަޖައިބު ވެއްޖެ. ވޭތުވެދިޔަ ތިން އަހަރު ހަދާން ނެތިފައި ހުރުމަކީ ޒިންމާއާއި، ދިމާގެ ދާއިރާގެ މީހުންނަށް ކުރި އަދި ވަކީން ޚާއްސަކޮށް މަސްވެރީންނަށް ކުރި ފުރައްސާރައެއް، ޖެއްސުމެއް.
– ސައުދު ވިދާޅުވިއެވެ.
ފިރުޝާން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯ އާއި މިއަދުގެ ސަރުކާރު ވެރިކަމަށް އައުމަށް އެކުލަވާލި ރިޔާސީ މެނިފެސްޓޯގައި އެންމެ ބޮޑު އެއް ވައުދެއް ގޮތުގައި ހިމެނޭ މަސްވެރިންނަށް ހަމައަގު ދިނުމަށް ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާ އެއްކަމަށެވެ.
މަސްވެރިންނަށް ބައްދަލުވެ ވާހަކަ ދައްކާލުމުން އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މަހަށް ހަމައަގު ނުލިބުމާއި ތެލުގެ އަގާއި އެއްވަރަށް މަހުގެ އަގު ނުއުފުލުމުގެ ސަބަބުން ތެލަށް ލާރިކޮޅު ދައްކާލީމާ އެވްރެޖްކޮށް މަސްވެރިންނަށް ބަހާނެ ފައިސާ ނެތި ރެއާ ދުވާލު ކުރާ މަސައްކަތް އޭގެ އިތުރުން މަސްކިރާ ބޯޓުތައް ނެތުމާއި ފެސިލިޓީތައް ފެސިލިޓީތައް ނެތުމުގެ ޝަކުވާކަމަށެވެ.
މަސް ޕްރޮސެސް ކުރާ ތަންތަނާއި ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް އެޅުމަށާއި އެކަމުގައި އަމަލު ކުރަންވީ ގޮތް މަސްވެރިކަމުގެ ޤާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް އެމަގަށް ޖާގަ ފަހިކޮށް ނުދީ އޮތުމަކީ ކަންބޮޑު ވުމެއްކަމަށާއި، އެކަން އެގޮތަށް ހިނގަނީ މަސް ބަންދުކުރާ ފެކްޓްރީތައް ހިންގުމުގައި އުޅޭ ސަރުކާރާއި ގުޅުންހުރި ބޮޑެތި ވިޔަފާރިވެރިންގެ ބާރާއި ނުފޫޒުންކަމަށްވެސް މިމައްސަލާގައި ވަނީ ބުނެފައެވެ.