ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާނެކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބުނެފިއެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާ އެކުވެރިކަމުގެ މެޗު އޮންނާނީ މާދަމާ ރޭ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
އެފްއޭއެމްގެ ބުނީ ރާއްޖޭ އާއި ބަންގްލަދޭޝް ވާދަކުރާ މެޗުގެ ޓިކެޓް މިއަދު ހަވީރު 4:00 ގައި ރަސްމީ ފުޓްބޯޅަ ދަނޑުން ވިއްކަން ފަށާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ އޮލިމްޕަސް ކުރިމަތީގައި އިންނަ ގޭޓްގެ ކައުންޓަރުން ކަމަށެއެވެ. އަދި ބަންގްލަދޭޝް ސަޕޯޓަރުންނަށް ޓިކެޓް ވިއްކާނީ 3 ނަންބަރ ގޭޓްގެ ކައުންޓަރުން ކަމަށެވެ.
މި މެޗަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ގޮނޑި ބަރިން 100 ރުފިޔާ އަދި ސިޑި ބަރިން 75 ރުފިޔާއަށެވެ.
ރާއްޖޭ އާއި ބަންގްލަދޭޝް އެންމެ ފަހުން ވާދަކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައެވެ. އެ މެޗުން 1-2 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ. އޭގެ ކުރިން މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ގަލޮޅު ދަނޑުގައި ބަންގްލަދޭޝް ބަލިކޮށްފައެވެ.