ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ އަންހެނުންގެ ކޮމެޓީގެ ބެލުމުގެ ދަށުން ހިންގާ އަބްދުﷲ އަބްދުލް ކަރީމް (އޭއޭކޭ) ޕްރީ ސްކޫލާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ޕްރީ ސްކޫލުތަކަށް ޢިލްމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ސޮއި ކުރި އެމްއޯޔޫގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ތަމްރީންތައް ރާވާހިންގުމާއި، ކަނޑައެޅޭ ވަކިއުސޫލެއްގެ ތެރެއިން ދެ މަދަރުސާގެ މުދައްރިސުން ތަޖްރިބާ ހޯދުމަށްޓަކައި 'އެކްސްޗޭންޖް ޕްރޮގްރާމް' ތަކަށް ފުރުސަތުދިނުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ށ. ފުނަދޫގައެވެ.
ށ. ފުނަދޫ ކައުންސިލް އިދާރާގައި ބޭއްވުނު މިރަސްމިއްޔާތުގައި ކޮއްކޮމެން ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ކޮއްކޮމެން ޕްރީ ސްކޫލުގެ ޕްރިންސިޕަލް ޞާބިރާ އަހުމަދު އެވެ. އަދި ފޮނަދޫ ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ފޮނަދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަޒްމާ އަހްމަދުއެވެ. އަދި އެއްބަސްވުން ހަވާލުކޮށްދެއްވީ އަންހެނުން ކޮމެޓީގެ ރައީސާ ފަރްޒާނާ އާދަމްއެވެ.
މިއެއްބަސްވުމުގެ ދަށުން ތުއްތުކުދިންގެ ހެދިބޮޑުވުމާ ތަރައްޤީއަށް ބިނާ ކުރުވަނިވި ގޮތެއްގައި ދެފަރާތުގެ މަޝްވަރާގެ ތެރެއިން ހިޔާލުބަދަލުކޮށް މަސަތްކަތް ކުރުމާއި ކުރިއެރުވުން ހިމެނެއެވެ. އަދި އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން ދަރިވަރުންގެ ތަޢުލީމާއި އުގެނުމުގެ ބިންގާ ހަރުދަނާ ކުރުމަށް ބޭނުންވާނެ އެންމެހާ ކަންކަން ދެފަރާތުންވެސް ހިއްސާކުރާނެއެވެ. އަދި ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި 'ޓީޗިންގ އެންޑް ލަރނިންގް މެޓީރިއަލްސް' ތަރައްޤީ ކުރުމާއި އުގަންނާއި ދިނުމަށް ބޭނުންކުރާނެ އާލާތްތަށް އަދި ވަސީލަތްތައް ހިއްސާކުރުން ހިމެނެއެވެ.
މާލޭގައި ހިންގާ ކޮއްކޮމެން ޕްރީ ސްކޫލުން ދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކުން ހިނގާ ޕްރީ ސްކޫލުތަކަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޕްރީ ސްކޫލުތަކުގައި ކިޔަވައިދޭނެ ފޮތް ސެޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކޮއްކޮމެން ޕްރީ ސްކޫލުގެ ޓީމުން ވަނީ ޢިލްމު އިންސްޓިޓިއުޓްއާއި ގުޅިގެން ފަށާފައެވެ.