ޕީޖީ އޮފީހުން މެޖިސްޓްރޭޓް ކޯޓުތަކަށް ދައުވާ ހުށަހެޅޭނެ އޮންލައިން ވިއުގައެއް ގާއިމުކޮށްފި

ޕީޖީ އޮފީހުން މެޖިސްޓްރޭޓް ކޯޓުތަކަށް ދައުވާ ހުށަހެޅޭނެ އޮންލައިން ވިއުގައެއް ގާއިމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2022 09:32
0

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މެޖިސްޓްރޭޓް ކޯޓުތަކުގައި ޖިނާއީ ދައުވާ އުފުލުމަށް ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވޭނެ އޮންލައިން ޕްލެޓްފޯމެއް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ގާއިމުކޮށްފިއެވެ.

މި ނިޒާމަކީ ރައްކާތެރި އަދި ފަސޭހަ ނިޒާމަކުން ލިޔެކިޔުންތައް ފޮނުވޭނެ ގޮތް ހެދުމަށްޓަކައި ޑިވަލޮޕްކޮށްފައިވާ ސިސްޓަމެއް ކަމަށެވެ. ޑީޖޭއޭއިން ބުނެފައިވަނީ މި ސިސްޓަމް މެދުވެރިކޮށް ރާއްޖޭގެ 187 ރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އިއްޔެ ގުޅާލާފައިވާ ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ ވިދާޅުވީ ސިސްޓަމްގެ ސަބަބުން ޝަރީއަތް ހިންގުން އަވަސްވެ، އިދާރީ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.

"މިއީ ޖުޑިޝަރީން ފަށާފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތުގައި ހިމެނޭ މުހިއްމު އެއް ބައި. އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތް މުޅިން ނިމިގެން ދާއިރު ޢަދުލު އިންސާފު ހޯދުމަށް ފަސޭހައިން ވާސިލުވެވޭ ތަންތަނަށް ކޯޓުތައް ވެގެން ދާނެ،" ރިޒްނާ ވިދާޅުވިއެވެ.

މި ސިސްޓަމްގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތުގައި ދައުވާ އުފުލުމާއި ލިޔެކިޔުންތައް ފޮނުވުމުގައި ދިމާވާ ބައެއް އިދާރީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ސިސްޓަމް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ވެސް ބޭނުން ކުރަމުންނެވެ.

ޑީޖޭއޭ އިން ބުނެފައިވަނީ މި ސިސްޓަމް ބޭނުންކުރަމުންދާނީ އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރެވެންދެކަށެވެ. އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ނިމުމާއެކު އިލެކްޓްރޯނިކް ފައިލިންގ ތައާރަފްވެ މައްސަލަ ހުށަހެޅުމުގެ ކަންކަން އޮޓޮމޭޓް ވެގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.