ބޮލީވުޑް އިންޑަސްޓްރީ އަކީ ވަކި ބައެއްގެ މުށު ތެރޭގައި އޮތް ތަނެއް ކަމަށް ބުނާ ތަރިން ވަރަށް ގިނައެވެ. އަދި ވަކި ބަޔަކު ބުނާގޮތަށް ނޫނީ ބޮލީވުޑްގައި އެއްވެސް ކަމެއް ނުވާކަމަށް ވެސް ބުނާ ތަރިން ތަކެއް އުޅެއެވެ.
މީގެ އިތުރުން ބޮލީވުޑަކީ ޖިންސީ ފުރައްސާރަ އާއި ހަނގާ ކުރުމުގައި ނަމޫނާ ތަނެއް ކަމަށާއި ތަރިންގެ ދަރިންނަށް ބޮލީވުޑުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް އެ ތަރިން ބުނެއެވެ.
އަދި ތަރިންގެ ދަރިންނަށް ބޮލީވުޑަގައި ފުރުސަތު ތަނަވަސް ވެގެން ދާއިރުގައި ބޮލިވުޑާ ގުޅުން ނެތް އާއިލާއަކުން އަންނަ މީހާއަށް ދެރަކޮށް ކަންކަން ކުރާ ކަމަށް ތުހުމަތު ކުރާ އެތައް ތަރިންނެއް އުޅެއެވެ.
ނަމަވެސް ބުލީ ކުރުމާއި ފުރައްސާރަ ކުރުން އަދި ބާކީ ކުރުން ފަދަ ކަމަކާ ކުރިމަތި ނުވާ ކަމަށް ބޮލީވުޑުގައި ވިދަމުން އަންނަ އެކްޓަރު ކާތިކް އާރިޔަން ވަނީ ދާދިފަހުން ބުނެފައެވެ.
"ދަމާކާ"ގައި އޭނާ ކުޅެފައިވާ ރޯލަށް ބެސްޓް ޕާފޯމަންސް އޮފް ދަ އިޔާގެ ކްރިޓިކްސް ޗޮއިސް އެވޯޑު ދާދިފަހުން ލިބިފައިވާ ކާތިކް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާއޭ ކިޔައިގެން ދައްކާ މިފަދަ ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ކާތިކް މި ވާހަކަ ތަށް ދޮގު ކުރި ކަމުގައިވިޔަސް އޭނާ އާއި ބޮލީވުޑްގައި އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރ/ ޕްރޮޑިއުސަރ ކަރަން ޖޯހަރާ ޖެހުނު މައްސަލައެއްގައި ކަރަން ވަނީ އޭނާ އުފައްދަމުންދާ ފިލްމު "ދޯސްތާނާ 2″އިން ކާތިކް ވަކިކޮށްފައެވެ.
އަދި ކާތިކާއި ދެކޮޅަށް ފިލްމު އިންޑަސްޓްރީގެ ތެރޭގައި ކަރަން މަސައްކަތްކުރާ ކަމަށް ބައެއް މިޑީއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. މި ކަންތައްގަނޑުގެ ތެރޭގައި ކާތިކް އަތުން ބައެއް ފިލްމު ގެއްލުން ކަމަށް ވެސް ޚަބަރު ފެތުރުނެވެ.
ކާތިކް އާންމުންގެ މެދުގައި މަޝްހޫރުވެގެން ދިޔައީ 2018ގައި އޭނާ ކުޅުނު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިންނެވެ. އޭނާ އަކީ އެއްވެސް ވަރަކަށް ފުލްމު އިންޑަސްޓްރީއާއި ގުޅުންނެތް އާއިލާއަކުން ބޮލީވުޑަށް ނުކުމެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ،