ޕޮލޭންޑަށް ހިޖުރަ ކޮށްފައިވާ ޔޫކުރެއިންގެ ރެފިއުޖީންގެ އަދަދު 2 މިލިއަނަށް

ޕޮލޭންޑަށް ހިޖުރަ ކޮށްފައިވާ ޔޫކުރެއިންގެ ރެފިއުޖީންގެ އަދަދު 2 މިލިއަނަށް

Author
ހުސެއިން
20 މާރޗް 2022 09:36
0

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާނީ ހަމަލާތައް ފެށިފަހުން، މިހާރަނަށް 2,057,114 ޔޫކުރެއިންގެ ރެފިއުޖީން ޕޮލޭންޑަށް ހިޖުރަ ކޮށްފައިވާކަމަށް ޕޮލިޝް ބޯޑަރ ގާރޑް އޭޖެންސީން ބުނެފިއެވެ.

މިއަދު މިހާތަނަށްވެސް 23،200 ރެފިއުޖީން ބޯޑަރު ހުރަސް ކޮށްފައިވާކަމަށް މި އޭޖެންސީގެ ޓުވިޓަރ އެކައުންޓުގައި ލިޔެފައި ވެއެވެ. އަދި މިއީ އިއްޔެއާއި ހަމައަށް ހިޖުރަ ކޮށްފައިވާ ރެފިއުޖީންނަށްވުރެ %2.1 މަތީ އަދަދެކެވެ.

އަދި ފާއިތުވެދިޔަ 3 ހަފްތާތެރޭގައި ޕޮލޭންޑަށް ހިޖުރަ ކޮށްފައިވާ ރެފިއުޖީންގެ ގިނަ މީހުން މިހާރު ވަނީ ޕޮލޭންޑު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައެވެ. ޕޮލޭންޑުގެ ވާރސޯ ޔުނިވަރސިޓީ މައިގްރޭޝަން ރިސާޗް ޕްރޮފެސަރ މަސީޖު ޑަޒީކް އަންދާޒާ ކުރައްވާފައިވާ ގޮތުގައި މިހާރު ޔޫކުރެއިންގައި ތިބީ 1.1 މިލިއަން ރެފިއުޖީންނެވެ.

ޕޮލޭންޑަށް ހިޖުރަ ކޮށްފައިވާ ގިނަ ރެފިއުޖީން ގޮސްފައިވަނީ ބޮޑެތި ސިޓީތައް ކަމަށްވާ ވާރސޯ އަދި ކްރަކޯވްއަށެވެ. އަދި މިސިޓީތަކުގެ އޮފިޝަލުންވަނީ، މި ސިޓީތަކުގެ ކެޕޭސިޓީއާއި އެއްވަރަށް މިހާރު ރެފިއުޖީން ހިޖުރަ ކޮށްފައިވާ ކަމަށް ބުނެފައެވެ.

ފާއިތުވެދިޔަ ފެބްރުއަރީމަހު ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދޭންފެށިފަހު މިހާތަނަށް 3 މިލިއަން މީހުންވަނީ އެގައުމު ދޫކޮށް ހިޖުރަ ކޮށްފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް އުދުވާނީ ހަމަލާ ދޭން ފެށުމާއެކު، އުފެދިފައިވާ ރެފިއުޖީ ކާރިސާއަކީ ދެވަނަ ބޮޑު ހަގުރާމައަށްފަހު ޔޫރަޕަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ރެފިއުޖީ ކާރިސާއެވެ. އަދި ޔޫކުރެއިންއިންގެ އަވައްޓެރި ގައުމުތަކަށް ހިޖުރަ ކުރަމުންދާ ރެފިއުޖީންނަށް އެގައުމުތަކުންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.