އެސެޓް ރިކަވަރީ ކޮމިޝަންގެ ޒިންމާ އޭސީސީއަށް! ތަޖުރިބާގެ އަލީގައި އައި ހެޔޮ ބަދަލެއްތަ؟

އެސެޓް ރިކަވަރީ ކޮމިޝަންގެ ޒިންމާ އޭސީސީއަށް! ތަޖުރިބާގެ އަލީގައި އައި ހެޔޮ ބަދަލެއްތަ؟

Author
ހުސެއިން
20 މާރޗް 2022 08:32
0

އެންޓި ކޮރަޕް ކޮމިޝަންއަށް އަލަށް އައްޔަން ކުރެވުނު މެމްބަރުން މަގާމުގެ ހުވާ ކުރެއްވުމާއެކު، ރައީސުލްޖުމުހޫރިއްޔާ އެންމެ ފުރަތަމަވެސް ގެންނެވި އެންމެ މުހިންމު އެއް ބަދަދަލަކަށް ވެގެން ދިޔައީ، ކޮރަޕްޝަނާ ފަސާދައިގެ ކަންކަން ބެލުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވާ އެ ކޮމިޝަންގެ ޒިންމާތައް އޭސީސީއާއި ހަވާލު ކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 14/2018 އިން "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފައްދެވީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި، 17 ނޮވެންބަރު 2018 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުވާލައްވާފައި ވަނީ، އުފެއްދިތާ 3 އަހަރާއި 4 މަސް ފުރުނު ދުވަހު، މިއަހަރުގެ މާރިޗްމަހުގެ 17ވަނަ ދުވަހު، އެމަނިކްފާނު ނެރުއްވި ޤަރާރު ނަންބަރު 03/2022 އިންނެވެ.

މި ކޮމިޝަން އުފާލެއްވިކަން ހާމަކުރައްވާ ރައީސް އޮފީހުން ނެރުއްވި ބަޔާނުގައި ވާގޮތުން މި ކޮމިޝަން އުވާލެއްވުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރަމުން ދާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުންނެވެ.

އެސެޓް ރިކަވަރީ ކޮމިޝަން: ގިނަ ބަޔަކު ގަބޫލު ކުރަނީ ނަތީޖާ ނުނެރެވުނު ކޮމިޝަނެއްގެ ގޮތުގައި

 

އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވިއިރު ނަތީޖާއަކީ ކޮބާ؟

ރައީސް ސާލިހު އެމަނިކްފާނުގެ ގަރާރަކުން އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން ފާއިތުވެދިޔަ ހަފްތާގައި އުފާލެއްވިއިރު، މި ކޮމިޝަނަށް އެކަށިގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވި، ފާއިތުވެދިޔަ ތަނުގައި މި ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައިވާކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. އަދި ކޮމިޝަން އުފެއްދެވުމަށްފަހު، މި ކޮމިޝަނާއި މަތި ކުރެވިގެންދޔަ އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި މި ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓަކީވެސް ވަކިބައެއްގެ މަސްލަހަތާއި އެއްގޮތަށް އެކުލަވާލާފައިވާ ލިސްޓެއްކަމުގެ ތުހުމަތުކޮށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައިވެސް މިކޮމިޝަނުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާކަމުގެ ތުހުމަތުތައްވެސް ފަހަކަށް އައިސް އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ގިނަބަޔަކު ކޮށްފަައި ވެއެވެ.

އަދި މީގެއިތުރުން، މިކޮމިޝަން އުފެދިގެންދިޔައިރު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި، ރައީސް ނަޝީދުގެ ދައުރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަހުމަދު އައްސަދަކީވެސް އޭނާގެ މައްޗަށް މީގެކުރިން ކޮރަޕްޝަންގެ ތުހުމަތު ކުރެވި، އޭނާގެ މައްސަލަވެސް ތަހުގީގު ކުރެވިފައިވާ ފަރާތަކަށް ވެގެން ދިއުމަކީ ފެށުނީއްސުރެ މި ކޮމިޝަންގެ މައްޗަށް ގިނަބައެއްގެ އިތުބާރުގެއްލިގެން ދިޔަ އެއްސަބަބު ކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.

ހަމަ އެފަދައިން، ކޮރަޕްޝަންގެ މަސައްލަތައް ތަހުގީގު ކުރުމަށް އުފެއްދެވި ކޮމިޝަނަކުން، 2012ވަނަ އަހަރުން ފެށިގެން ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް އެކަނި ބެލުމުގެ ޒިންމާ އެކޮމިޝަނާއި ހަވާލުވެގެން ދިއުމަކީވެސް މި ކޮމިޝަނާއި ދޭތެރޭ ޝައްކުގެ ނަޒަރަކުން ބައެއް ފަރާތްތަކަށް ދެކެން މަޖުބޫރުވި އެއްސަބަބުކަންވެސް ގިނަބަޔަކު ފާހަގަ ކުރެއެވެ. ސަބަބަކީ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމަކީ މިރާއްޖޭގައި ހަމައެކަނި 2012ވަނަ އަހަރުން ފެށިގެން ހިގައިމުން އައިސްފައިވާ ކަންކަމަށް އެކަނި ވެގެން ގޮސްފައި ނުވާތީވެސްމެއެވެ.

ހަމަ އެއާއެކު، ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ފާއިތުވެދިޔަ އަހަރު ނިމިގެންދިޔައިރު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާކަންވެސް ވަނީ މީގެކުރިން ހާމަވެގެން ގޮސްފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ރިޔާސީ ކޮމިޝަންގެ ޚަރަދުތަކާބެހޭ  މަޢުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން، ފާއިތުވެދިޔަ އަހަރު ވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެދިފައެވެ. އަދި އެ ކޮމިޝަނުން މިކަމާއި ގުޅިގެން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު އެ ކޮމިޝަނުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ 2019ވަނަ އަހަރުއެވެ. އެ އަހަރު އެކަނިވެސް 4.0 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. އެގޮތުން މުސާރައާ އެލަވެންސްއަށް 3.3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަށް 2،548.57 ރުފިޔާ އަދި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ޚަރަދުގެ އަދަދަށް 61،919.54 ރުފިޔާ ޚަރަދު ކޮޮށްފައިވެއެވެ. އަދި ހަރުމުދާ ހޯދަން 556،777.34 ރުފިޔާ ޚަރަ ދުކޮށްފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސްކަން ކުރެއްވި އަހުމަދު އަސްއަދު: ކޮމިޝަނުން ކުރި މަސައްކަތްތަކާ ދޭތެރޭ ގިނަބަޔަކު ދެކެމުން އައީ ޝައްކުގެ ނަޒަރަކުން

އެހެންކަމުން، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި، 2018ވަނަ އަހަރު އުފެއްދެވި މިކޮމިޝަނަށް 3 އަހަރު ފުރިގެންދިޔަ ތަނާ ކަހަލަގޮތަކަށް ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުވާލެއްވިއިރު، މި ކޮމިޝަނަށް ބޮޑެތި ޚަރަދުތަކެއް ކުރެވި، އެހެންނަމަވެސް، މިކޮމިޝަނަށް ނަތީޖާ ނެރެވިފައި ނުވާކަން މިއީ މިއަދު ސާފުކޮށް ފެންނާން އޮތް އެއް ހަގީގަތެވެ. އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ތަހުގީގު ކުރެވި، ޒާތީ ތައްސުބުން ބޭރުވެ، މިކޮމިޝަނަށް މަސައްކަތެއް ނުކުރެވުނުވެ.

 

ނަތީޖާ ނެރެވޭނީ ނިޒާމުގެ ބޭނުން ކުރެވިގެން!

ދައުލަތުގެ ތެރޭގައި ހިނގާ މުހިންމު މައްސަލަތަކާއި، ކުރިމަތިވާ ބޮޑެތި ކަންކަމާއި ގުޅިގެން ކޮމިޝަންތައް އުފެއްދުމުގެ އިޚްތިޔާރާއި ބާރަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދފައިވާ ބާރެކެވެ. އަދި މިގޮތުން އުފައްދާ ކޮމިޝަންތަކަކީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ރައީސުލްޖުމްހުރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން، މިފަދަ ބޮޑެތި ކަންކަމުގެ އެންމެ ފުނާއިހަމައަށް ވާސިލް ވުމުގެ މަގުސަދުގައި އުފައްދާ ކޮމިޝަންތަކަށް ވާއިރު، މިފަދަ ކޮންމެ ކޮމިޝަނަކަށް މެމްބަރުން އައްޔަން ކުރައްވަނީވެސް ސީދާ ރައީސުލްޖުމްހޫރިއްޔާކަން މިފުރުސަތުގައި ފާހަގަ ކޮށްލާންޖެހެއެވެ.

އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ދައުލަތުގެ ތެރޭގައި އާންމުކޮށް ހިނގަމުންދާ، ކޮރަޕްޝަނާއި ފަސާދައިގެ ކަންކަންފަދަ ނޭއްގާނީ ހުރިހާކަމެއްގެ އެފުއްމިފުއް ހޯދާ ބެލުމަށްޓަކާ، ގާނޫނު އަސާސީންވެސް މިނިވަން މުވައްސަސާތައް އުފައްދާ، އެ މުވައްސަސާތައް ހިންގާނޭގޮތް ފުރިހަމަޔަށް ބަޔާން ކޮށްފައި ވާކެމެވެ. މީގެތެރޭގައި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓިކޮރަޕްޝަން ކޮމިޝަން އުފައްދާފައި ވާއިރު، ހިނގާ އިންސާނިއްޔަތާއި ޚިލާފް ކަންކަން ބެލުމުގެ ޒިންމާ ހިއުމަންރައިޓސް ކޮމިޝަނާއި ގާނޫނު އަސާސީން ވަނީ މަތި ކޮށްފައެވެ. އަދި މިނޫނަސް މިފަދަ އެހެން މައްސަލަތައް ބެލުމުގެ ޒިންމާ މަތިކޮށް، ސީދާ ގާނޫނު އަސާސީން އުފައްދާފައިވާ އެހެނިހެން މިނިވަން މުވައްސަސާތައްވެއްވެސް އެބަހުއްޓެވެ.

އޭސީސީއަށް އަލަށް އައްޔަން ކުރި މެމްބަރުން މަގާމު ހުވާ ކުރައްވަނީ: އެސެޓް ރިކަވަރީ ލޮމިޝަންއިން ކުރި މަސައްކަތް ދެން ކުރަމުންދާނީ އޭސީސީއިން

މިސާލަކަށް، 2012ވަނަ އަހަރު އޭރުގެ ސަރުކާރު ބަދަލުވެގެން ދިއުންފަދަ، ގައުމެއްގެ ހަޔާތުން ހިނގާ ބޮޑެތި ކަންކަމުގެ ފުނާހަމައަށް ވާސިލް ވުމަށްޓަކާ، ސިޔާސީ ހުރިހާ ފަރާތެއްގެ ޝާމިލްވުން އޮވެގެން އުފައްދާ ޚާއްސަ ކޮމިޝަންތައް ތަފާތު ކަމުގައި ދަންނަވާންޖެހެއެވެ. މީގެ އެއް މިސާލަކީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީގޮތް ތަހުގީގު ކުރުމަށް، ރައީސް ވަހީދުގެ ވެރިކަމުގައި އެކުލަވާލެވުނު ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)އެވެ.

އެހެންކަމުން، އުމުރުން 3 އަހަރާއި 4 މަސް ފާއިތުވެގެން ދިޔަތަނާއި ރައީސުލްޖުމުހޫރިއްޔާ އުވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަންއަކީ، މިނިވަން މުވައްސަސާތަކާއި މަތިކުރެވިފައިވާ ޒިންމާތައް އަދާ ކުރުމަށް ކޮމިޝަންތައް އުފެދިގެން ދިއުމަކީ ރަގަޅު ނޫން ތަޖުރިބާއެއްކަން އަމަލީގޮތުން ސާބިތު ކޮށްދިން ކަމެއްގެ ގޮތުގައި މިއަދު ގަބޫކުރަން މިވަނީ މަޖުބޫރެ ވެފައެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވުމަށްފަހު، މިކޮމިޝަނުން ކުރަމުން އައި އެންމެހާ މަސައްކަތްތައް އެންޓިކޮރަޕްޝަން ކޮމިޝަނާއި ރައީސުލްޖުމްހޫރިއްޔާ މަތިކުރެއްވި ކުރެއްވުމަކީ ގެންނެވި ނުހަނު ރަގަޅު ހެޔޮ ބަދަލެއްކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.