ޅ.އަތޮޅުގައި "އިންޑިއާ އައުޓް" ހަރަކާތަށް އޮތް ތާއީދު ދައްކާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ޅ.ނައިފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ރައީސް ޔާމީން ވަޑައިގެންނެވުމުން، ނައިފަރުން ވަނީ ރައީސް ޔާމީނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މުޅި ނައިފަރު އިންޑިއާ އައުޓް ހަރަކާތަށް ވަރަށް ބޮޑަށް ތައްޔާރު ވެފައިވާއިރު، ރަށުގެ ބޮޑެތި މަގުތަކުގައި އިންޑިއާ އައުޓް ބެނާތައް ވަނީ ދަމާފައެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ޖަމާވި މީހުން ތިބީ އިންޑިއާ އައުޓް ޓީޝާޓުގައެވެ.
މިއީ މިހާތަނަށް އަތޮޅު ތެރެގައި ބޭއްވި "އިންޑިއާ އައުޓް" އެންމެ ބޮޑު ހަރަކާތެވެ. ރައީސް ޔާމީނަށް ނައިފަރުން މަރުހަބާ ކިޔާފައިވަނީ ރަތް ދޫލައިންނެވެ. ނައިފަރަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ކުރި ރަށެވެ. އަދި ޅ.އަތޮޅަކީވެެސް ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހިންގި އަތޮޅެކެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުން އޮތް ޤައުމީ ހަރަކާތެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފުލް ކޮންޓްރޯލް އޮތުމުން ޤާނޫނު ހެދިދާނެކަމަށާއި، ނަމަވެސް ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކައްރިއްޔާ ތިބުމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެކަމެއް ނޫންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން މިއަދު ނައިފަރަށް އިންޑިއާ އައުޓް ހަރަކާތުގައި ވަޑައިގެންނެވާއިރު މިއީ މުޅި ޅ.އަތޮޅަށް އަންނަ އީދެއްގެ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ވިދާވެފައެވެ. ރައީސް ޔާމީނަކީ ޅ.އަތޮޅުގެ ތާރީހުގައިވެސް އެއަތޮޅަށް އެންމެ ބޮޑެތި ތަރައްޤީ ގެނެސްދެއްވި ރައީސްކަމަށް ޝިޔާމް ވިދާޅުވިއެވެ.
މާލެ އަތޮޅުގެ ރަށްތަކުން ރައީސް ޔާމީން ފެއްޓެވި އިންޑިއާ އައުޓް ހަރަކާތް މިހާރު ވަނީ އެމަނިކުފާނާ އެކު ށ. އަތޮޅާއި، ރ. އަތޮޅާއި، އދ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ގއ. އަތޮޅުގައި ވެސް ކުރިއަށް ގެންގޮސްފައެވެ. ރައީސް ޔާމީން ބައިވެރިވެވަޑައިގެން އެންމެ ފަހުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ އދ. މަހިބަދޫގައެވެ.